Advertisement

އައްޑޫ ކަރަންޓުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމުގެ މަސައްކަތް މި އަހަރު ތެރޭ ފަށާނަން: ފެނަކަ

23 އޮކްޓޯބަރު 2025 - 16:08 0

އަހުމަދު އާއިދު

އަހުމަދު އާއިދު

މިއަދުގެ މާލިއްޔަތު ކޮމިޓީގައި ފެނަކައިގެ އެމްޑީ ނަޖާހު (މ)، އަދި އެ ކުންފުނީގެ އިސްވެރިން ----- ފޮޓޯ: ރައްޔިތުންގެ މަޖިލިސް


އައްޑޫ ކަރަންޓުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމުގެ މަސައްކަތް މި އަހަރު ތެރޭ ފަށާނަން: ފެނަކަ

23 އޮކްޓޯބަރު 2025 - 16:08 0

އައްޑޫ ސިޓީއަށް ދިމާވެފައިވާ ކަރަންޓު މައްސަލައަށް ދާއިމީ ހައްލެއް ހޯދުމުގެ މަސައްކަތް މި އަހަރު ތެރޭ ފަށާނެ ކަމަށް ފެނަކަ ކޯޕަރޭޝާނުން ބުނެފި އެވެ.

މިދިޔަ މަހު އާންމުކުރި އެ ކުންފުނީގެ ހާއްސަ ރިޕޯޓާއި ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ނަޖާހު އަދި އެ ކުންފުނީގެ އިސްވެރިން ހާޒިރުކުރި އެވެ. އައްޑޫ ކަރަންޓުގެ މައްސަލައަށް ހައްލެއް ލިބޭނެ ދުވަހަކާ ގުޅޭގޮތުން އެ ބޭފުޅުންނާއި ސުވާލު ކުރެއްވީ ހިތަދޫ މެދު ދާއިރާގެ މެންބަރު އަހްމަދު އަޒާން އެވެ.

ޖަވާބުގައި ވާހަކަދައްކަވަމުން ނަޖާހު ވިދާޅުވީ އައްޑޫއަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލަތަކަށް ދާއިމީ ހައްލެއް ހޯދައިދޭން މި އަހަރު ތެރޭ ބަޔަކާ ހަވާލުކުރެވިގެންދާނެ ކަމަށެވެ.

"އެކަން އަޅުގަނޑުމެން މި ދަނީ ރައީސް އޮފީހާއި ގުޅިގެން. ފިނޭންސް މިނިސްޓްރީ އާއި ގުޅިގެން ބަލަމުން. ދެން އަޅުގަނޑުމެންގެ ބަލަދުވެރި ދެ މިނިސްޓްރީއެއް މި އިންނަނީ. އެންވަރަމަންޓު މިނިސްޓްރީ އާއި ފިނޭންސް މިނިސްޓްރީ. އެ ދެ މިނިސްޓްރީ އާ ގުޅިގެން އަޅުގަނޑުމެން މި ދަނީ އެކަންކަން ކުރަމުން. އިރާދަކުރެއްވިއްޔާ މި އަހަރުގެ ތެރޭގަ އަޅުގަނޑުމެން ކޮންމެވެސް އެއް ބަޔަކަށް. ކޮންމެވެސް އެއް ގޮތަކަށް ހަވާލުކުރެވި މަސައްކަތް ފެށިގެންދާނެ،" ނަޖާހު ވިދާޅުވި އެވެ.

މިއާއެކު އަޒާން ވަނީ މި އަހަރު ބާކީ އޮތީ ދެ މަސްކަމުން، އެ ދެ މަސްދުވަހުގެ ތެރޭ އައު އިންޖީނުތަކެއް ގަންނަން ބަޔަކާ ހަވާލުކުރަނީތޯ ނުވަތަ ދިރާސާއެއް ކުރަން ހަވާލުކުރަނީތޯ ސުވާލުކުރައްވާފަ އެވެ.

ޖަވާބުގައި ނަޖާހު ވިދާޅުވީ ދިރާސާތައް މިހާރު ވެސް ހެދިފައިވާ ކަމަށާއި މި އަހަރު ފެށިގެންދާނީ ކަރަންޓު މައްސަލަ ހައްލު ކުރުމުގެ އަމަލީ މަސައްކަތް ކަމަށެވެ.

"ކޮންމެ ބަޔަކު ހަވާލުވިޔަސް އަޅުގަނޑުމެންނަށް އެ ބޭފުޅުންނަށް ދިރާސާތައް ހިއްސާކުރެވިގެން، ލަސްތަކެއް ނުވެ އަމަލީ މަސައްކަތް ފެށިގެންދާނެ. އެހެންވީމަ، އަޅުގަނޑުމެންގެ ޓާގެޓަކީ މި އަހަރު ނިމުމުގެ ކުރިން އަމަލީ މަސައްކަތް ފެށުން،" ނަޖާހު ވިދާޅުވި އެވެ.

އައްޑޫ ކަރަންޓު މައްސަލައަށް ދާއިމީ ހައްލެއް ހޯދައިދިނުމަށް ހުއްޓާނުލައި މަސައްކަތް ކުރަމުންދާ ކަމަށް ސެޕްޓެމްބަރު މަހު ކުރީކޮޅު ވެސް ފެނަކައިން ބުންޏެވެ.

ސެޕްޓެމްބަރު 6، ގައި ނެރުނު ބަޔާނެއްގައި ފެނަކައިން ބުނީ އެ ކުންފުނިން އައްޑޫގައި ދޭ ކަރަންޓުގެ ހިދުމަތަށް ދާއިމީ ހައްލެއް ހޯދައިދިނުމަށް ހުއްޓާނުލައި މަސައްކަތް ކުރަމުންދާ ކަމުގެ ޔަގީންކަން ހުރިހާ ރައްޔިތުންނަށް އަރުވާ ކަމަށެވެ.

"އައްޑޫ ސިޓީގައި މި ދެމުންދާ ކަރަންޓުގެ ހިދުމަތަށް ދާއިމީ ހައްލެއް ހޯދުމުގެ މަސައްކަތް މި ކުންފުނިން ހުއްޓާނުލައި ކުރިއަށް ދެމުންދާކަމުގެ ޔަގީންކަން ވެސް މި ފުރުސަތުގައި އަރުވަން. ކަރަންޓު ކެނޑުމުގެ ސަބަބުން ދިމާވި ދަތިތަކަށްޓަކައި މި ކުންފުނީގެ ފަރާތުން މައާފަށް އެދެން،" އެ ކުންފުނިން އޭރު ބުންޏެވެ.

އޭގެ ފަހުން ވެސް އެކި ދުވަހު އެކި ފަހަރުމަތިން އައްޑޫގެ ރަށްރަށުން ދަނީ ކަރަންޓު ކެނޑެމުންނެވެ.