23 އޮކްޓޯބަރު 2025 - 13:37 0
ލީވާން އަލީ ނާސިރު
23 އޮކްޓޯބަރު 2025 - 13:37 0
ލ. މާވަށު ފުޓުބޯޅަ ދަނޑުގައި ދެ މަޝްރޫއެއްގެ ބިންގާ މުހައްމަދު މުއިއްޒު އެޅުމުން އެ ރަށުގެ ބައެއް ޒުވާނުން އެކަމާމެދު ހިތްހަމަނުޖެހިއްޖެ އެވެ.
ލ. އަތޮޅަށް މުއިއްޒު ކުރެއްވި ދަތުރުގެ ތެރެއިން މާވަށަށް ވަޑައިގެން އެ ރަށު ފުޓުބޯޅަ ދަނޑުގައި ބިންގާ އަޅާފައިވަނީ ވޮލީ ކޯޓެއް އެޅުމަށާއި ފުލުހުންގެ މަރުކަޒެއް އެޅުމަށެވެ.
މާވަށުން އަދަދު އާ ވާހަކަ ދެއްކި ޒުވާނަކު ބުނީ ގިނަ ޒުވާނުން ފުޓުބޯޅަ ކުޅެންދާ ދަނޑުގައި ވޮލީ ކޯޓަކާއި ޕޮލިސް ސްޓޭޝަނެއް އަޅަން ބިންގާ އެޅީ ޒުވާނުންނާ އެކަމުގައި މަޝްވަރާ ނުކޮށް ކަމަށެވެ.
އެގޮތުން އޭނާ ބުނީ ރަށުގެ ބައެއް މީހުންނާ އެކަމާ ގުޅިގެން މަޝްވަރާކޮށް ކަންކަން ނިންމުމުގެ ބަދަލުގައި ހުރިހާ އެންމެންގެ ހިޔާލާ މަޝްވަރާ ވެސް ހޯދަން ޖެހޭނެ ކަމަށާއި މިވަގުތު ރަށުގައި ބޮޑު ފުޓުބޯޅަ ދަނޑެއް ނެތުމުން ޒުވާނުންގެ ކަންބޮޑުވުން އެބައޮތް ކަމަށެވެ.
އޭނާގެ ކަންބޮޑުވުމަކަށްވީ ފުޓުބޯޅަ ދަނޑު މިހާރު އަޅަން ނިންމާފައިވަނީ މާވަށަށް އަލަށް އިތުރުކުރާ ބިމުގަ އެވެ. ބިން އިތުރު ކުރުމުގެ މަސައްކަތް ކުރިއަށްދާއިރު، އެ މަސައްކަތް ނިމި ފުޓުބޯޅަ ދަނޑެއް އެޅޭނެ ދުވަހެއް ސީދާ ކަށަވަރެއް ނުވެ އެވެ.
މާވަށު ކައުންސިލްގެ ރައީސް، އަހުމަދު މޫސާ ވިދާޅުވީ މާވަށު ފުޓުބޯޅަ ދަނޑުގައި ވޮލީ ކޯޓާއި ޕޮލިސް ސްޓޭޝަނެއް އަޅަން ނިންމީ ލޭންޑް ޔޫޒް ޕްލޭނަށް ބަދަލު ގެނެސްގެން ކަމަށާއި އެކަމާ ގުޅޭގޮތުން ރަށުގެ ރައްޔިތުންނާ މަޝްވަރާކުރި ކަމަށެވެ.
ނަމަވެސް އޭނާ ވިދާޅުވީ ރަށުގެ ބައެއް ޒުވާނުންގެ ވިސްނުން ހުރީ އެތަނުގައި އެކަން ނުކުރުން ކަމަށް ވެދާނެ ކަމަށެވެ. އެގޮތުން އޭނާ ވިދާޅުވީ ގިނަ ޒުވާނުންގެ ވިސްނުން އެތަނުގައި އެކަން ނުކުރުމަށް ހުރިނަމަ މަސައްކަތް ކުރިއަށް ނުގެންގޮސް ހުއްޓާލެވިދާނެ ކަމަށެވެ.
"އެންމެ ފަހުން ވޮލީ ކޯޓާއި ޕޮލިސް ސްޓޭޝަންގެ ބިންގާ މި އެޅީ އަޅުގަނޑުމެން ރައްޔިތުންގެ ބަންދަލުވުމުގައި ރައްޔިތުންގެ ހިޔާލާއި މަޝްވަރާގެ މަތިން ވާނެ މާވަށުގެ ލޭންޑް ޔޫޒް ޕްލޭން ތައްޔާރުކޮށްފައި. އެ ލޭންޑް ޔޫޒް ޕްލޭންގައި ކަނޑައެޅިފައިވާ ތަންތަނުގައި ބިންގާ އެޅީ،" އޭނާ ވިދާޅުވި އެވެ.
"ޒުވާނުންގެ ތެރެއިން މަދު ބައެއްގެ ހިޔާލު ތިގޮތަށް ނެތެކޭ އަޅުގަނޑު ކޮންމެހެން ދަންނަވާކަށެއް އަޅުގަނޑަކަށެއް ނޭނގޭ. އެކަމަކު ކައުންސިލަކަށް ތިކަމުގެ އެއްވެސް ޝަކުވާއެއް މިހާތަނަށް އައިސްފަކާ ނެތް،" އޭނާ ވިދާޅުވި އެވެ.
މުއިިއްޒު ލ. އަތޮޅަށް ކުރެއްވި ދަތުރުގައި އަދި ރަށްރަށަށް ކުރައްވާ ދަތުރުގައި ދަނީ ގިނަ ތަންތަނުގައި ބިންގާ އަޅަމުންނެވެ. ނަމަވެސް އެތަންތަނުގެ މަސައްކަތްތައް އެދެވޭ ގޮތެއްގައި ކުރިއަށް ނުދެ އެވެ.
Comment