Advertisement

އެމްޖޭއޭއިން އުފައްދާ ޕްރެސް ކައުންސިލުގެ ހިންގާ ގަވާއިދާއި ޝަކުވާ ބަލާ އުސޫލަށް ހިޔާލު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި

22 އޮކްޓޯބަރު 2025 - 21:47 0

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން

ޕްރެސް ކައުންސިލް ކޮމިޓީގެ ފުރަތަމަ ބައްދަލުވުމުގެ ތެރެއިން: މިއީ އެމްޖޭއޭގައި ހަރަކާތްތެރިވާ ނޫސްވެރިން އިސްވެ އުފައްދާ ކައުންސިލެއް -- ފޮޓޯ: އަނޫފް ޖުނެއިދް


އެމްޖޭއޭއިން އުފައްދާ ޕްރެސް ކައުންސިލުގެ ހިންގާ ގަވާއިދާއި ޝަކުވާ ބަލާ އުސޫލަށް ހިޔާލު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި

22 އޮކްޓޯބަރު 2025 - 21:47 0

މީޑިއާތައް ސެލްފް ރެގިއުލޭޓު ކުރެވޭ ގޮތަަށް މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އިން އުފައްދާ އާ ޕްރެސް ކައުންސިލުގެ ހިންގާ ގަވާއިދަށާއި ޝަކުވާ ބަލާނެ ގޮތުގެ ޑްރާފްޓް އުސޫލަށް ހިޔާލު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

އެމްޖޭއޭއިން ޕްރެސް ކައުންސިލެއް އުފައްދަން ނިންމީ ދިވެހިރާއްޖޭގެ މިނިވަން މީޑިއާ ނައްތައިލުމަށް މަޖިލީހުން ފާސްކުރި ކޮންޓްރޯލް ބިލު ރައީސުލްޖުމްހޫރިއްޔާ ތަސްދީގު ކުރުމާއެކު މީޑިއާތައް ސެލްފް ރެގިއުލޭޓު ކުރެވޭ ގޮތަށް އޮތް މީޑިއާ ކައުންސިލް އުވިގެން ދިޔުމާ ގުޅިގެންނެވެ.

އެމްޖޭއޭއިން އިސްނަގައިގެން ރާއްޖޭގެ މީޑިއާތަކާ ގުޅިގެން ސެލްފް ރެގިއުލޭޓަރީ ކައުންސިލެއް އެކުލަވައިލުމުގެ މަސައްކަތް ކުރަމުން ދަނީ ނޫސްވެރިންގެ ތެރެއިން ހޮވައިލެވުނު ފްރީ ޕްރެސް ކައުންސިލް ކޮމިޓީންނެވެ. އެ ކޮމިޓީން ވަނީ އާ ޕްރެސް ކައުންސިލުގެ ހިންގާ ގަވާއިދާއި މެންބާޝިޕް އުސޫލުގެ އިތުރުން ޝަކުވާ ބަލާނެ ގޮތުގެ ޑްރާފްޓް އުސޫލެއް އެކުލަވާލައިފަ އެވެ.

އެ ޑްރާފްޓަށް ހިޔާލު ހުށަހެޅުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލައިފަ އެވެ. ހިޔާލު ހުށަހެޅޭނެ އެންމެ ފަހު ތާރީހަކީ އޮކްޓޫބަރު 30، އެވެ. ހިޔާލު ހުށަހަޅަން ބޭނުންވާ ފަރާތްތަކުން އެމްޖޭއޭގެ އީމެއިލް [email protected] އަށް މެއިލް ކުރުމަށް އެމްޖޭއޭއިން އެދިފައިވެ އެވެ.

އެމްޖޭއޭއިން އުފައްދާ ޕްރެސް ކައުންސިލް އެކުލެވިގެންވާނީ ޖުމުލަ ނުވަ މެންބަރުންގެ މައްޗަށެވެ. އެއީ އޮންލައިން އަދި ޕްރިންޓް މީޑިއާތަކުން އިންތިހާބު ކުރާ ހަތަރު މެންބަރުންނާއި ބްރޯޑްކާސްޓިން މީޑިއާތަކުން އިންތިހާބު ކުރާ ދެ މެންބަރުންގެ އިތުރުން އާންމުގެ ތެރެއިން އިންތިހާބު ކުރާ ދެ މެންބަރަކާއި މަދަނީ ޖަމިއްޔާތަކުން އިންތިހާބު ކުރާ އެއް މެންބަރެވެ.

އެ ކައުންސިލަށް މެންބަރުން އައްޔަނު ކުރުމާއި ވަކިކުރުމުގެ ބާރު ހިންގާ ގަވާއިދުގެ ޑްރާފްޓުގައި ދީފައި ވަނީ އެ ކައުންސިލުގައި ބައިވެރިވާ މީޑިއާތަކަށެވެ. އެ ގަވާއިދުގައި ވާގޮތުން ކައުންސިލަށް މެންބަރުން އައްޔަނު ވެސް އަދި ވަކި ވެސް ކުރެވޭނީ ކައުންސިލްގައި ބައިވެރިވާ މީޑިއާތަކުގެ ކޮންގްރެސްއަކުންނެވެ.

އެމްޖޭއޭއިން އުފައްދާ ކައުންސިލަށް މައްސަލަ ހުށަހެޅޭނެ ގޮތާއި މައްސަލަ ބެލޭނެ ގޮތުގެ އިތުރުން މައްސަލަތަކާ ގުޅިގެން އެޅޭނެ ފިޔަވަޅުތައް ވެސް އެ ގަވާއިދުގައި ބަޔާން ކޮށްފައިވެ އެވެ.

އެމްޖޭއޭއިން އިސްނަގައިގެން މީޑިއާތައް ސެލްފް ރެގިއުލޭޓު ކުރާ ކައުންސިލެއް އުފެއްދުމުގެ މަސައްކަތް ފެށީ މިނިވަން މީޑިއާ ނައްތައިލުމަށް މަޖިލީހުން ފާސްކުރި ބިލު ތަސްދީގު ކުރުމާ ގުޅިގެންނެވެ. އެމްޖޭއޭ އާއި ރާއްޖޭގެ ބައެއް މީޑިއާތަކުން ނިންމާފައި ވަނީ އެ ގާނޫނަށް އަމަލު ނުކުރުމަށެވެ.

ނަމަވެސް ސަރުކާރުން ބުނެފައި ވަނީ ރާއްޖޭގެ އެއްވެސް ގާނޫނަކަށް ގޮންޖެހުމުގެ ފުރުސަތު އެއްވެސް ބަޔަކަސް ނުދޭނެ ކަމަށެވެ.