Advertisement

ރިކޯޑު ހަދަން ބީލަމަށް ނުލާ ބަހާލާ 200 އަށްވުރެ ގިނަ ޕްރޮޖެކްޓަށް ފަންޑުކުރަނީ ބީއެމްއެލް "ފެލައިލައިގެން"

22 އޮކްޓޯބަރު 2025 - 14:30 3

އަހުމަދު އާއިދު

އަހުމަދު އާއިދު

އާޓް ވޯކް: އިސްމާއިލް އިމްދާދު/އަދަދު


ރިކޯޑު ހަދަން ބީލަމަށް ނުލާ ބަހާލާ 200 އަށްވުރެ ގިނަ ޕްރޮޖެކްޓަށް ފަންޑުކުރަނީ ބީއެމްއެލް "ފެލައިލައިގެން"

22 އޮކްޓޯބަރު 2025 - 14:30 3

ބީލަމަކަށް ނުލައި ބަހާލަން ސަރުކާރުން ނިންމާފައިވާ 200 އަށްވުރެ ގިނަ ޕްރޮޖެކްޓަށް ފަންޑުކުރަނީ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ދޫކުރާ އެތައް ސަތޭކަ މިލިއަން ރުފިޔާގެ ލޯނުން ކަމަށް މައުލޫމާތު ލިބިއްޖެ އެވެ.

މި ނޫހަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މި މަޝްރޫއުތައް ހިންގަން ހަވާލުކުރާ ފަރާތްތަކާއި ބީއެމްއެލް އަދި ފިނޭންސް މިނިސްޓްރީން ޓްރައި-ޕާޓީ އެގްރީމެންޓެއް ހަދައި ލޯނު ދޫކުރުމަށް ވަނީ ނިންމައިފަ އެވެ. މިއީ ރަށްރަށުގައި ކައުންސިލު އިމާރާތްތައް އަޅަން އާރުސީސީއާ ހަވާލުކުރި މަޝްރޫއަށް ބޭނުންވާ 631 މިލިއަން ރުފިޔާ ހަމަޖައްސަން ލޯނު ދިން މޮޑެލް އެވެ.

ކައުންސިލު ޕްރޮޖެކްޓު ފައިނޭންސް ކުރަން އާރުސީސީން ނެގި ލޯނާ ގުޅޭ މައުލޫމާތު އެނގޭ މަސްދަރަކުން އަދަދު އަށް މައުލޫމާތު ދިން ގޮތުގައި، މި ޕްރޮޖެކްޓަށް ބޭނުންވާ ފައިނޭންސިން ހަމަޖައްސައިދިނީ ސަރުކާރުން ގެރެންޓީ ދީގެންނެވެ. އައު ޕްރޮޖެކްޓުތަކަށް ފަންޑުކުރަނީ ވެސް މި އުސޫލުންނެވެ.

ރެކޯޑު ހެދުމުގެ މަގްސަދުގައި ޕްރޮޖެކްޓު ބެހުމުގެ ތައްޔާރީތައް ސަރުކާރުން މިހާރު ކުރިއަށްގެންދާ ކަމަށް މިނޫހާ ވާހަކަ ބައެއް މަސްދަރުތަކުން ވަނީ ޔަގީންކޮށްދީފަ އެވެ. އެކަން ކުރިއަށް ގެންދަނީ ރައީސް އޮފީހާއި ފިނޭންސް މިނިސްޓްރީ އާއި ސަރުކާރުގެ ބައެއް އެހެން މިނިސްޓްރީތައް ގުޅިގެންނެވެ. އެ ހަފުލާ ބާއްވަނީ އަންނަ ހަފުތާގަ އެވެ.

އެނގިފައިވާ ގޮތުގައި ބަހާލާ ޕްރޮޖެކްޓުތަކުގައި ސޮއި ކުރަން ފަށަނީ ރޭގަނޑު 8:30 އިން ފެށިގެންނެވެ. ލަފާ ކުރެވޭ ގޮތުގައި ސަރުކާރުން ބަހާލާ ޕްރޮޖެކްޓުތަކުގައި ސޮއި ކުރުމުގެ ހަފުލާ މެންދަމާ ހަމައަށް ކުރިއަށްގެންދާނެ އެވެ. އެ ހަފުލާގައި 200 އަށް ވުރެ ގިނަ ޕްރޮޖެކްޓުގައި ސޮއި ކުރާނެކަން މި ނޫހަށް ވަނީ ޔަގީންވެފަ އެވެ.

ހަމައެކަނި ރިކޯޑެއް ހެދުމުގެ ބޭނުމުގައި ބީލަމަށް ވެސް ނުލައި ޕްރޮޖެކްޓުތަކެއް ބަހާލަން ނިންމިއިރު، ވަޒީރުންގެ މަޖިލީހުން ބޭނުންވާ ޕްރޮޖެކްޓުތައް ބީލަމަކަށް ނުލައި އެވޯޑު ކުރެވޭ ގޮތަށް އޮކްޓޯބަރު 12، ގައި ދައުލަތުގެ މާލިއްޔަތުގެ ގަވާއިދު ވަނީ އިސްލާހުކޮށްފަ އެވެ.

ސަރުކާރުން ރިކޯޑެއް ހަދަން މަސައްކަތް ކުރާއިރު، ގައުމުގެ އިގްތިސާދު އޮތީ ނިކަން ނާޒުކު ހާލަތެއްގަ އެވެ. މި ސަރުކާރު ވެރިކަމަށް އައި ފަހުން ޕްރައިވެޓް ކޮންޓްރެކްޓަރުންނަށް ފައިސާ ދިނުން އޮތީ މަޑުޖައްސާލައިފަ އެވެ. އެ ފައިސާ ދިނުމަށް މިހާރު ފައިސާ ޗާޕު ކުރަން ސަރުކާރުން ވަނީ ނިންމައިފަ އެވެ.

ދިވެހި އިގްތިސާދުގައި ވަރު ނެތުމުގެ ސަބަބުން ތަކެތީގެ އަގު ވެސް އިންތިހާއަށް ވަނީ އުފުލިފަ އެވެ. ހިސާބުތަކުން ދައްކާ ގޮތުގައި އޯގަސްޓު، 2024، އިން ފެށިގެން އަހަރެއްގެ ތެރޭގައި އިންފްލޭޝަން ވަނީ 4.14 ޕަސެންޓު އުފުލިފަ އެވެ.

އަންނަ އަހަރު ސަރުކާރުން މަދުވެގެން 1.2 ބިލިއަން ޑޮލަރުގެ ލޯނު ވެސް ދައްކަންޖެހެ އެވެ. އެ ލޯނުތައް ދެއްކޭނެ ފަސޭހެ މަގެއް ނެތް ކަމަށް މާލީ ތަޖުރިބާކާރުން ބުނެ އެވެ. އޭގެ ތެރޭގައި 500 މިލިއަން ޑޮލަރުގެ ސުކޫކާއި އިންޑިއާ އަދި ޗައިނާއަށް ދައްކަންޖެހޭ ލޯނުތައް ހިމެނެ އެވެ.