Advertisement

ސައިކަލެއް ވަގަށް ނެގި މީހަކު ދެ އަހަރަށް ޖަލަށްލާން ހުކުމްކޮށްފި

22 އޮކްޓޯބަރު 2025 - 17:58 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

މާލޭގައި ސައިކަލުތަކެއް ޕާކް ކޮށްފައި: މާލޭގައި ހުންނަ ވިލިމާލޭ ފެރީ ޓާމިނަލްގައި ޕާކްކޮށްފައި ހުރި ސައިކަލެއް ވަގަށް ނެގި މީހަކު ދެ އަހަރަށް ވަނީ ޖަލަށްލާފައި -- ފޮޓޯ: އަދަދު


ސައިކަލެއް ވަގަށް ނެގި މީހަކު ދެ އަހަރަށް ޖަލަށްލާން ހުކުމްކޮށްފި

22 އޮކްޓޯބަރު 2025 - 17:58 0

މާލޭގައި ހުންނަ ވިލިމާލެ ފެރީ ޓާމިނަލް ހުސްބިމުގައި ޕާކް ކޮށްފައި ހުރި ސައިކަލެއް ވަގަށް ނެގި މައްސަލައެއްގައި އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަނޫން ގޮތެއްގައި ބާރު ހިންގުމުގެ ކުށް ސާބިތުވެ، ދެ އަހަރާއި ހަތަރު މަހާއި ހަތް ދުވަހަށް ޖަލަށްލާން ހުކުމްކޮށްފި އެވެ.

މިދިޔަ ހޯމަ ދުވަހު ކްރިމިނަލް ކޯޓުން އެ މައްސަލައިގައި ޖަލު ހުކުމް އިއްވީ ސ. ހިތަދޫ، ހާލާފަރު، މާލިކު އަހްމަދުދީދީގެ މައްޗަށްށެވެ.

ޝަރީއަތުގެ މަޖިލީހުގައި މާލިކް ބުނެފައިވަނީ އެ ސައިކަލު އޭނާ ދުއްވި ކަމަށެވެ. އެ ސައިކަލަކީ އޭނާއަށް މީހަކު ދިން ސައިކަލެއް ކަމަށް ބުނި ނަމަވެސް، ހެކިބަސް ދެމުން މާލިކަށް ސައިކަލު ދިން ކަމަށް ބުނާ މީހާ ބުނީ އޭނާއަށް ސައިކަލު ނުދޭ ކަމަށެވެ.

ދައުލަތުން ބުނެފައިވަނީ މާލިކް ކުރި ކުށަކީ ޖިނާޔަތުގެ ހަތަރުވަނަ ދަރަޖައިގެ ކުށެއްކަމުން އަސާސީ އަދަބަކީ އެއް އަހަރާއި ހަތް މަހާއި ހަ ދުވަހުގެ މުއްދަތަށް ޖަލަށްލުމުގެ އަދަބެއް ކަމަށެވެ.

ނަމަވެސް އޭނާގެ ކުށުގެ ރެކޯޑަށް ބަލައި ތިން ދަރަޖަ މަތިވާނެ ކަމަށާއި ޖުނުހުގެ ކުށެއް އޭނާގެ މައްޗަށް ސާބިތުވެފައިވާތީ އެއް ދަރަޖަ އާއި ވޭތުވެދިޔަ ހަ އަހަރު ތެރޭގައި ޖިނާޔަތުގެ ދެ ކުށެއް ސާބިތުވެފައިވާތީ ދެ ދަރަޖަ މަތިވާނެ ކަމަށް ދައުލަތުން ބުންޏެވެ.

އެގޮތުން އަދަބު ދަށްކޮށް މަތިކުރާ ހާލަތްތަކަށް ބަލާއިރު އަދަބުގެ އަސާސީ މިންގަނޑުން ދެ ދަރަޖަ މަތިކުރުމުން ކަނޑައެޅޭ އަދަބަކީ ދެ އަހަރާއި ހަތަރު މަހާއި 24 ދުވަހުގެ މުއްދަތަށް ޖަލަލުމުގެ އަދަބު ކަމަށް ގާޒީ ވަނީ ކަނޑައަޅާފަ އެވެ.

މިއާއެކު ތުހުގީގު މަރުހަލާގައި ޖުމްލަ 17 ދުވަސް މާލިކް ހޭދަކޮށްފައިވާތީ، އެ މުއްދަތު ކެނޑުމުން އޭނާގެ ޖަލު އަދަބުގެ މުއްދަތަކީ ދެ އަހަރާއި ހަތަރު މަހާއި ހަތް ދުވަހަށް ޖަލަށް ލުމެވެ.