Advertisement

މާލީ ހިސާބުތައް ހާމަނުކުރާތާ މަހެއް، މިނިސްޓަރު އަތޮޅު ބުރު ޖެއްސެވުމުގައި

22 އޮކްޓޯބަރު 2025 - 08:01 0

އަހުމަދު އާއިދު

އަހުމަދު އާއިދު

ރައީސް މުއިއްޒު އާއެކު އަތޮޅުތެރެއަށް ކުރައްވާ ދަތުރުތަކުގެ ތެރެއިން ލ. ފޮނަދޫ މަޝްރޫއެއް ފެށުމަށް މިނިސްޓަރު ޒަމީރު ހަރަކާތްތެރިވަނީ ---- ފޮޓޯ: ރައީސް އޮފީސް


މާލީ ހިސާބުތައް ހާމަނުކުރާތާ މަހެއް، މިނިސްޓަރު އަތޮޅު ބުރު ޖެއްސެވުމުގައި

22 އޮކްޓޯބަރު 2025 - 08:01 0

މާލީ ހިސާބުތައް ނެރުން މެދު މެދުކަނޑާލައި ވޭތުވެދިޔަ މަސް ދުވަހު ދައުލަތަށް ލިބުނު ފައިސާ އާއި ކުރި ހަރަދުތަކުގެ ތަފުސީލު ފިނޭންސް މިނިސްޓްރީން ސިއްރުކޮށްފި އެވެ.

އެ މިނިސްޓްރީން އެންމެ ފަހުން ވީކްލީ ފިސްކަލް ރިޕޯޓު ނެރުނީ ސެޕްޓެމްބަރު 23، ގަ އެވެ. އެ ފަހަރު އާންމުކުރީ އެ މަހުގެ 18، އާ ހަމައަށް ހިނގާފައިވަ ހަރަދުތަކާއި ލިބުނު އާމްދަނީ ތަފުސީލެވެ.

މާލީ ހިސާބުތައް ސިއްރުކޮށް ފައިވާއިރު، އަސްކަރީ ޑްރޯންތަކެއް ތުރުކީން ގެނެސްފައިވެ އެވެ. އެ ޑްރޯންތައް ގަތުމަށް ހޭދަކުރި ވަރެއް، ނުވަތަ އެއީ ހިލޭ ލިބުނު އެއްޗެހި ކަމެއް ވެސް ސަރުކާރުން ހާމައެއް ނުކުރެ އެވެ.

ފައިސާ ޗާޕު ނުކުރާނެ ކަމަށް ރިޔާސީ އިންތިހާބުގެ ކެމްޕޭނުން ފެށިގެން ރައީސް މުހައްމަދު މުއިއްޒު ތަކުރާރުކޮށް ވިދާޅުވަމުން ގެންދެވިޔަސް، އެންމެ ފަހުން ފައިސާ ޗާޕްކޮށްގެން، ޕެންޝަން އޮފީސް މެދުވެރިކޮށް ސަރުކާރަށް އެ ފައިސާ ދޭން ދަނީ މަސައްކަތް ކުރަމުންނެވެ.

މި ވޭތުވެދިޔަ މަހެއްހާ ދުވަހު ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ގިނަ ދުވަސްތަކެއް ހޭދަކުރެއްވީ ރައީސް މުހައްމަދު މުއިއްޒު އާއެކު މާލެއިން ބޭރުގަ އެވެ. އެގޮތުން، ވ، ފ، މ، ތ، ށ، އަދި ލ. އަތޮޅުގެ ރަށްރަށަށް މުއިއްޒު ކުރެއްވި ދަތުރުތަކުގައި ޒަމީރު ވަޑައިގެންނެވި އެވެ.

ދަތުރުގެ ތެރެއިން އެއްވެސް ރަށެއްގައި ރައްޔިތުންނާއި މުހާތަބުކޮށް ވަޒީރު ވާހަކައެއް ނުދައްކަވަ އެވެ. ނަމަވެސް، ސަރުކާރުން ފަށާ ބައެއް މަޝްރޫއުތަކުގެ ބިންގާ އެޅުމަށް ސިމެންތި އެޅުމާއި އެއްބަސްވުންތަކުގައި ޒަމީރު ސޮއިކުރައްވަ އެވެ.

މާލީ ހިސާބުތައް ހާމަކުރުން ފިނޭންސް މިނިސްޓްރީން މެދުކަނޑާލި ތާރީހުތައް

  • މި އަހަރުގެ ޖޫން އަދި ޖުލައި މަހު ތިން ހަފުތާގެ މާލީ ހިސާބުތައް ހާމަނުކޮށް މެދުކަނޑާލި.
  • މި އަހަރުގެ މާޗު މަހު ސަރުކާރުން ރޯދަ މަހުގެ ފަހު 10 ގެ ޗުއްޓީއަށް ދިޔައީ ދެ ހަފުތާގެ މާލީ ހިސާބުތައް ހާމަނުކޮށް.
  • މި އަހަރުގެ އޭޕްރީލް މަހު ދެ ހަފުތާއަށް މާލީ ހިސާބުތައް ހާމަނުކޮށް މެދުކަނޑާލި.
  • މިދިޔަ އަހަރުގެ ޖޫން މަހުގެ ފަހުކޮޅުން ފެށިގެން އޮގަސްޓު 29، 2024، އާ ހަމައަށް ދައުލަތުގެ މާލީ ހިސާބުތައް ސިއްރުކުރި.

މިދިޔަ އަހަރު، ތިން މަހަށް ހިސާބުތައް ސިއްރުކުރިއިރު، އެ މައުލޫމާތު ހާމަކުރަން އެދުމުން ސަރުކާރުން އެތައް ބަހަނާއެއް ދެއްކި އެވެ. އެ ފަހަރު މާލީ ހިސާބުތައް އާންމުކުރީ އެ ހިސާބުތައް އާންމުނުކޮށްގެން އިދިކޮޅު ޕާޓީތަކާއި ބައިނަލްއަގްވާމީ އިދާރާތަކުން ކަންބޮޑުވުން ފާޅުކުރަމުން ދަނިކޮށެވެ.