Advertisement

ހަންކެޑެ ނުއަގުގައި ދޭ ހަބަރު ޖެހުމުން ޓޫރިޒަމުން އިއުލާނު އިސްލާހުކޮށްފި

21 އޮކްޓޯބަރު 2025 - 12:05 1

އަމަން ހަލީމް

އަމަން ހަލީމް

ހަންކެޑެ ބިން ހިއްކުމުގެ މަސައްކަތް ކުރަމުން ދިޔަ ދުވަސްވަރު: ހަންކެޑެ ކުއްޔަށް ދެނީ އިންޓަގްރޭޓަޑް ޓޫރިސްޓު ރިސޯޓެއް ތަރައްގީކުރަން --- ފޮޓޯ: އެމްއެފްއެމްސީ


ހަންކެޑެ ނުއަގުގައި ދޭ ހަބަރު ޖެހުމުން ޓޫރިޒަމުން އިއުލާނު އިސްލާހުކޮށްފި

21 އޮކްޓޯބަރު 2025 - 12:05 1

އިންޓަގްރޭޓަޑް ޓޫރިޒަމް ޕްރޮޖެކްޓެއް ދޭން ކުއްޔަށް ދޭން އިއުލާންކޮށްފައިވާ ސ. ހަންކެޑެ ކުއްޔަށް ދޭން ފުރަތަމަ ކުރި އިއުލާނުގައި ބިމުގެ ބޮޑުމިން ނުބައިކޮށް ޖަހާފައިވާ އިއުލާން ޓޫރިޒަމް މިނިސްޓްރީން މިއަދު އިސްލާހުކޮށްފި އެވެ.

ޓޫރިޒަމުން ފުރަތަމަ ކުރި އިއުލާނުގައި އޮތީ ހަންކެޑެގެ ބިމުގެ ބޮޑުމިނަކީ 7.06 ހެކްޓަރު ކަމަށެވެ. ނަމަވެސް މިއީ ކުރީ ސަރުކާރުގައި އައްޑޫގެ ބިން ހިއްކުމުގެ ޕްރޮޖެކްޓުގެ ދަށުން، ހަންކެޑެ ބޮޑު ކުރުމުގެ ކުރިން އެ ރަށުގެ ސައިޒެވެ.

ބިން ހިއްކައިގެން ހަންކެޑެއަށް އިތުރުކުރި ހަތަރު ހެކްޓަރާއެކީ، ހަންކެޑެގެ މިހާރުގެ ސައިޒަކީ 11.7 ހެކްޓަރެވެ. ޓޫރިޒަމުން އިސްލާހުކުރި އިއުލާނުގައި އޮތީ ވެސް މި އަދަދެވެ.

ޓޫރިޒަމުން ކުރިން މި ރަށް ކުއްޔަށް ދޭން އުޅުނީ 529,500 ޑޮލަރެވެ. އަސްލު އަގުގައި ހިސާބުކުރުުމުން އެކުއިޒިޝަން ކޮސްޓު 877،500 ޑޮލަރަށް އަރަ އެވެ.

ހަންކެޑެ ކުއްޔަށް ދޭން ކުރި އިއުލާން ޓޫރިޒަމުން އިސްލާހުކުރީ އަދަދު އިން އިއްޔެ އެ ހަބަރު ޖެހި ފަހުންނެވެ. އެ ހަބަރު ޖެހިއިރު އެ އިއުލާނު ގެޒެޓުކުރިތާ ހަފުތާއަކަށް ވުރެ ގިނަ ދުވަސް ވެއްޖެ އެވެ.

ހަންކެޑެ ކުއްޔަށް ދޭން މަސައްކަތް ކުރަނީ، މި ރަށުގައި މޯލްޑިވްސް ފަންޑު މެނޭޖުމަންޓު ކޯޕަރޭޝަން (އެމްއެފްއެމްސީ) އިން ޗައިނާ ނޭޝަނަލް އިލެކްޓްރިކް އިންޖިނިއަރިން ކޮމްޕެނީ (ސީއެންއީއީސީ) އާ ހަވާލުކޮށްގެން ހިންގަން އުޅުނު މަޝްރޫއުގެ ސްކޯޕް ކުޑަކޮށްގެންނެވެ.

ކުރިން ހަންކެޑެގައި 1041 ކޮޓަރި (2082 އެނދު) ތަރައްގީކުރަން ޕްލޭން ކުރި ނަމަވެސް، މި ފަހަރު އެ ރަށް ކުއްޔަށް ދޭން ހުޅުވާލީ 500 ކޮޓަރި (1000 އެނދު) ތަރައްގީކުރާ ގޮތަށެވެ.

ހަންކެޑެ ތަރައްގީކުރުމުގެ ކަންކަން ހިނގައިދިޔަ ގޮތް ސާފުކޮށްދިނުމުގެ ބަދަލުގައި ސަރުކާރުން ސިއްރުވެރިކަން އިސްކޮށްގެން އުޅޭއިރު، މިއީ އައްޑޫގެ ޓޫރިޒަމް އެނދުތައް އިތުރުކުރަން މި ސަރުކާރުން ގެންގުޅޭ އައްސޭރި ޓޫރިޒަމް ޕްލޭނަށް ވެސް މުހިންމު މަޝްރޫއެކެވެ.

މިއީ އެމްޑީޕީގެ ސަރުކާރުގައި މަސައްކަތް ފެށި މަޝްރޫއެއް ނަމަވެސް މި ސަރުކާރުން ވެސް ވަނީ އޭރު ރާވާފައި އޮތް ގޮތަށް ޗައިނާ ބޭންކަކުން ލޯނު ނަގައިގެން މި މަޝްރޫއު ކުރިއަށް ގެންދަން އުޅުނެވެ. އަދި މިދިޔަ އަހަރު އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާ ދިމާކޮށް، އައްޑޫގައި ހަވާއަރުވާ ބޮޑު ރަސްމިއްޔާތެއް ބާއްވައި މަޝްރޫއު އިފްތިތާހު ވެސް ކުރި އެވެ.

ނަމަވެސް އެ ދުވަސްކޮޅު ބިންތަކެއް ސާފުކުރުމަށްފަހު، ހަންކެޑެގެ މަސައްކަތް ހުއްޓިފައި އޮންނަތާ ދޮޅު އަހަރު ފަހުން ސަރުކާރުން ވަނީ ކުއްލިއަކަށް ކުރީގެ ޕްރޮޖެކްޓު ބާތިލުކޮށް، ހަންކެޑެގައި ހަލާލު ޓޫރިޒަމް ޕްރޮޖެކްޓެއް ހިންގަން އިއުލާންކޮށްފަ އެވެ.

މިހާރު މި ދޭން އުޅޭ ގޮތަށް އިއުލާންކުރީ އޭގެ މާ ގިނަ ދުވަސްތަކެއް ނުވަނީހެވެ. މިކަން ކުރި ސަބަބެއް ވެސް މިއަދާ ހަމައަށް ނުބުނެ އެވެ.