Advertisement

ނުދެއްކި ހުރި ބިލުތައް ދައްކަން ފައިސާ ޗާޕުނުކުރާ ކަމަށް ބުނެ މުއިއްޒު ދޮގުހަދައިފި

21 އޮކްޓޯބަރު 2025 - 12:14 0

އަހުމަދު އާއިދު

އަހުމަދު އާއިދު

ރައީސް މުއިއްޒު ރޭ ފޮނަދޫގައި ވާހަކަދައްވަނީ: ނުދެއްކި ހުރި ބިލުތައް ދައްކަން ފައިސާ ޗާޕުނުކުރާ ކަމަށް ބުނެ އެމަނިކުފާނު ރޭ ދޮގުހެއްދެވި --- ފޮޓޯ: ރައީސް އޮފީސް


ނުދެއްކި ހުރި ބިލުތައް ދައްކަން ފައިސާ ޗާޕުނުކުރާ ކަމަށް ބުނެ މުއިއްޒު ދޮގުހަދައިފި

21 އޮކްޓޯބަރު 2025 - 12:14 0

ކޮންޓްރެކްޓަރުންނަށް ފައިސާ ދެއްކުމަށް ޕެންޝަން އޮފީހުން ގަނެފައި ހުރި ޓީބިލުތަކެއް އެމްއެމްއޭއަށް ގަނެ، އެ ފައިސާ ބޭނުންކޮށްގެން ޕެންޝަން އޮފީހަށް ބޮންޑެއް ވިއްކުމަކީ ފައިސާ ޗާޕު ކުރުން ނޫން ކަމަށް ބުނެ މުހައްމަދު މުއިއްޒު ދޮގުހައްދަވައިފި އެވެ.

މިއީ ގާނޫނުގައި ބުނާ ފައިސާ ޗާޕުކުރުމުގެ މާނައަށް ނުފެތޭ މުއާމަލާތެއް ނަމަވެސް، ނުސީދާ ގޮތުން ސަރުކާރުގެ ހަރަދުތައް ފޫބައްދަން އެމްއެމްއޭ މެދުވެރިކޮށް ނަގާ ފައިސާއަކަށް ވާތީ މަނީ ބޭސް އިތުރުވެ އެވެ. އަދި ސަރުކާރުގެ ޑެފިސިޓު ފައިނޭންސް ކުރަން މި ފައިސާ ބޭނުންކުރެވެ އެވެ. އެހެންކަމުން އެ ޗާޕުކުރެވެނި ފައިސާ އެވެ.

ނަމަވެސް، ލ. ފޮނަދޫގައި ރޭ ބޭއްވި ޖަލްސާއެއްގައި މުއިއްޒު ވިދާޅުވީ އެމަނިކުފާނުގެ ވެރިކަމަށް ދެ އަހަރު ވާން ދާއިރު "ފުނިޖެހިފައި" ހުރި ބިލުތަކަށް ފައިސާ ދައްކަނީ ފައިސާ ޗާޕުނުކުރާނެ ކަމަށް ވެވަޑައިގެންނެވި ރިޔާސީ ވައުދާ ހިލާފު ނުވެ ކަމަށެވެ.

"މިދެންނެވިހެން. އެތައް ހާސް ރައްޔިތުންނެއްގެ ފައިސާ، ނުދެވި ހުރި ފައިސާ މި ދައްކަދެނީ. މިކަން މި ކުރަނީ ހަމަ އަޅުގަނޑު ވީ އަނެއް ވައުދު ވެސް ފުއްދަމުން. އެއީ ފައިސާ ޗާޕު ނުކޮށް. ފައިސާ ޗާޕުނުކޮށް މިކަން މި ކުރަނީ،" ރޭ މުއިއްޒު ވިދާޅުވި އެވެ.

މީގެ އިތުރުން، ރިޔާސީ ކެމްޕޭނުގައި އަދި ވެރިކަމަށް ވަޑައިގެންނެވި ފަހުން ވެވަޑައިގެންނެވި އެއްވެސް ވައުދެއް ދޫ ނުކުރައްވާނެ ކަމަށާއި ރައްޔިތުންނަށް ދިމާވެފައި ހުރި ހުރިހާ ދަތިތަކެއް ފިލުވައިދޭނެ ކަަމަށް ރޭ މުއިއްޒު ވިދާޅުވި އެވެ.

ބިލުތައް ހަލާސްކުރާނެ ކަމަށް މުއިއްޒު ވައުދުވެވަޑައިގެންނެވީ އޮކްޓޯބަރު 3، ގައި އެމްޑީޕީން ކުރި މުޒާހަރާ އާއި ދިމާކޮށް އޮކްޓޯބަރު 2، ގަ އެވެ. އެ ދުވަހު މިކަމަށް ދެއްވި ފަސް ހަފުތާގެ މުއްދަތު ހަމަވާނީ ނޮވެމްބަރު 6، ގަ އެވެ.

އިއްޔެ ފިނޭންސް މިނިސްޓްރީގެ އޮފިޝަލަކާ ހަވާލާދީ އޮންލައިން ނޫހެއްގައި ލިޔެފައިވާ ގޮތުގައި ޕެންޝަން އޮފީހުން ލިބޭ ފައިސާ ބޭނުންކުރާނީ ނުދެއްކި ހުރި ބިލުތައް ދައްކައި ނިންމަން ކަމަށެވެ.

ކޮންޓްރެކްޓަރުންނަށް ފައިސާ ދައްކަން ޕެންޝަން ފަންޑާއި އެމްއެމްއޭ ހިމެނޭ މުއާމަލާތެއް ހިންގަން އުޅޭއިރު ސަރުކާރުން އަންނަނީ މިއީ ފައިސާ ޗާޕުކުރުން ނޫން ކަމަށް ބުނެ މައުލޫމާތު ދެމުންނެވެ. މިކަން ދިފާއުކުރަން ސަރުކާރުން ދައްކަނީ މި މުއާމަލާތް ސްޓްރަކްޗާކޮށްފައިވާ ގޮތެވެ. މިހާރު އޮތް ގޮތުން ފައިސާ ޗާޕުކުރުމުގެ ޓެކްނިކަލް މާނައިގެ ތެރެއަށް މި މުއާމަލާތެއް ނުފެތެ އެވެ.

އެމްއެމްއޭއިން މި މުއާމަލާތް ހިންގަނީ ސެކަންޑްރީ މާކެޓުގަ އެވެ. މިއީ އޭގެ ޒާތުގައި ސެންޓްރަލް ބޭންކުތަކުން އާންމުކޮށް ކުރާ ކަމެކެވެ. އަދި ސެންޓްރަލް ބޭންކުތަކުގެ މައިގަނޑު ޒިންމާތަކުގެ ތެރޭގައި ހިމެނޭ މަނިޓަރީ ސްޓެބިލިޓީ ހިފަހައްޓަން ހިންގާ އޯޕަން މާކެޓް އޮޕަރޭޝަންތަކުގެ ތެރެއިންކޮށް އުޅޭ ކަމެކެވެ.

ޕެންޝަން ފަންޑުން ގަނެފައި ހުރި ބޮންޑުތައް އެމްއެމްއޭއަށް ގަތުމުން، މަނިޓައިޒޭޝަންގެ ނަތީޖާ ނިކުންނަނީ އެމްއެމްއޭއިން ޕެންޝަން ފަންޑަށް ލިބޭ ފައިސާއިން އަނެއްކާ ވެސް ގޮސް ޓީބިލުތަކަށް އިންވެސްޓުކުރާތީ އެވެ. އާހިރުގައި ނިކުންނަނީ ޕްރައިމަރީ މާކެޓަށް ގޮސް އެމްއެމްއޭއިން ސަރުކާރުގެ ޓީބިލުތަކާއި ބޮންޑުތަކަށް އިންވެސްޓުކުރުމުން ނިކުންނަ އިގުތިސޯދީ ނަތީޖާ އެވެ.