21 އޮކްޓޯބަރު 2025 - 10:39 0
ސާއިފް ޝިޔާދު
ދިވެހި ގައުމީ ޓީމުގެ ޖޯޒީއެއް ފީފާގެ ރައީސް އިންފަންޓީނޯއަށް އެފްއޭއެމްގެ ރައީސް ތޯރިގު އަރުވަނީ. މިފަހުން އޭޝިއާގެ ގިނަ ގައުމުތަކަކަށް އޭނާ އަންނަނީ ދަތުރުކުރަމުން --- ފޮޓޯ
21 އޮކްޓޯބަރު 2025 - 10:39 0
ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ، ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ އަންނަ ހުކުރު ދުވަހު ރާއްޖެ ވަޑައިގަންނަވާ ގޮތަށް ހަމަޖެހިއްޖެ އެވެ.
ފީފާގެ އިސްވެރިންނާ އެކު އިންފަންޓީނޯ ރާއްޖެ އަށް މި ކުރައްވާ ރަސްމީ ދަތުރުގައި ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ އިސްވެރިންނާއި، ސަރުކާރުގެ ބައެއް ވެރިންނާއި، ދިވެހި ފުޓްބޯލަ ކްލަބްތަކާ ބައްދަލުކުރުމަށް ހަމަޖެހިފައިވާކަން ވަނީ އެނގިފަ އެވެ.
މި ފަހުން އިންފަންޓީނޯ ގެންދަވަނީ އެކި ގައުމުތަކަށް ދަތުރު ކުރައްވަމުންނެވެ. އޭގެ ތެރެއިން، ގިނަ ދަތުރުތައް ކުރައްވަމުން ގެންދަވަނީ އޭޝިއާގެ ގައުމުތަކަށެވެ.
މިއީ، ފީފާގެ ރައީސަކު ރާއްޖެ ވަޑައިގަންނަވާ ދެ ވަނަ ފަހަރެވެ. އެންމެ ފުރަތަމަ 2006 ވަނަ އަހަރު ރާއްޖެ ވަޑައިގަތީ އޭރުގެ ރައީސް ސެޕް ބްލެޓާ އެވެ.
މިހާރު އެފްްއޭއެމްގައި އޮތް އަހުމަދު ތޯރިގު (ޓޮމް)ގެ ލީޑަޝިޕަށް، އިންފަންޓީނޯ ވަނީ މި ފަހުން ތައުރީފް ކުރައްވައިފަ އެވެ. އެ ގޮތުން، އެފްއޭއެމްގެ ރައީސް ތޯރިގުއާ ބައްދަލުކުރެއްވި ފޮޓޯތަކެއް، އިންފަންޓީނޯގެ ރަސްމީ އިންސްޓަގްރާމްގައި ހިއްސާކުރެއްވި އެވެ. އަދި، އޭނާ ވަނީ ރާއްޖޭގެ ފުޓްބޯޅަ ރަނގަޅުމަގުން ކުރިއަށްގެންދިއުމަށް ކުރާ މަސައްކަތަށް ހިތްވަރު ދެއްވައިފަ އެވެ.
އެފްއޭއެމްގެ ރައީސްގެ މަގާމުގައި ބައްސާމް އަދީލް ޖަލީލް ހުންނެވިއިރު އޭނާއާ އިންފަންޓީނޯ ގާތް ގުޅުމެއް ބޭއްވި އެވެ. ނަމަވެސް، ބައްސާމްގެ ކޮރަޕްޝަންގެ މައްސަލަތަކެއް ފެންމަތިވެ އެ ގުޅުން ހީނަރުވެގެންދިޔަ އެވެ.
މިއީ، އިންފަންޓީނޯ ފީފާގެ ރައީސްގެ މަގާމު އަދާކުރައްވާ ތިންވަނަ ދައުރެވެ. ފީފާގެ ރައީސްގެ މަގާމަށް ޔުއެފާގެ ކުރީގެ ޖެނެރަލް ސެކްރެޓަރީ އިންފަންޓީނޯ، އެންމެ ފުރަތަމަ އިންތިހާބުވެވަޑައިގަތީ، ކޮރަޕްޝަނުގެ މައްސަލަތައް ބަލަން ފެށުމާ އެކު ފީފާގެ ކުރީގެ ރައީސް ސެޕް ބްލެޓާ 2015 ވަނަ އަހަރު އިސްތިއުފާ ދެއްވުމުން ބޭއްވި އިންތިހާބު ކާމިޔާބު ކުރައްވައިގެންނެވެ.
ސްވިޒަލެންޑުގެ ޔުނިވާސިޓީއެއްގެ އެޑްމިނިސްޓްރޭޓިވް ރޯލަކުން ފާހަގަވެ، އެ ޔުނިވާސިޓީގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމުން މަސައްކަތް ފެށި އިންފަންޓީނޯ، ޔޫރަޕްގެ މައި ފުޓްބޯޅަ ޖަމިއްޔާ، ޔުއެފާއާ ގުޅުނީ 2000 ވަނަ އަހަރު އެވެ.
ޔުއެފާގެ ޑިރެކްޓާ އޮފް ލީގަލް އެފެއާޒްގެ މަގާމާއި ކްލަބް ލައިސަންސިން ޑިވިޝަންގައި މަސައްކަތް ކުރެއްވުމަށް ފަހު 2007 ވަނަ އަހަރު ޑެޕިއުޓީ ޖެނެރަލް ސެކްރެޓަރީގެ މަގާމު އިންފަންޓީނޯ އަށް ލިިބިވަޑައިގެންނެވި އެވެ.
އޭގެ ފަހުން، ޔުއެފާގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމާ ހަވާލުވެވަޑައިގެން ޔުއެފާ ނޭޝަންސް ލީގު ތައާރަފް ކުރެއްވުމުގައި ވެސް އިސް މޭސްތިރިއަކީ ވެސް އިންފަންޓީނޯ އެވެ. އޭގެ އިތުރުން މިދިޔަ އަހަރު ޔޫރަޕްގެ ތަފާތު 12 ސަރަަހައްދެއްގައި ޔޫރޯ ފުޓްބޯޅަ މުބާރާތް ބޭއްވިއިރު، އެ މަސައްކަތް އެންމެ ފުރަތަމަ ޕްލޭން ކުރުމުގައި ވެސް އިންފަންޓީނޯގެ ހިއްސާ ބޮޑެވެ.
Comment