Advertisement

އޭޝިއަން ޔޫތު ގޭމްސްގައި ބީޗްވޮލީ ޓީމަށް ބޮޑު ކާމިޔާބެއް

21 އޮކްޓޯބަރު 2025 - 08:14 0

އޭޝިއަން ޔޫތު ގޭމްސްގައި ވާދަކުރާ ރާއްޖޭގެ އަންހެން ޕެއާ އައިޝަތު ދީމާ ނަދީމް އާއި އަޒްކާ ބިންތު މުހައްމަދު ސިދުގީ.--- ފޮޓޯ: މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ


އޭޝިއަން ޔޫތު ގޭމްސްގައި ބީޗްވޮލީ ޓީމަށް ބޮޑު ކާމިޔާބެއް

21 އޮކްޓޯބަރު 2025 - 08:14 0

ބަހުރޭނުގެ މަނަމާގައި މިހާރު ކުރިއަށްދާ ތިން ވަނަ އޭޝިއަން ޔޫތު ގޭމްސްގައި ގައުމީ ޔޫތު ބީޗްވޮލީ ޓީމުތަކުން ރަނގަޅު ވާދައެއްކޮށް ބޮޑު ކާމިޔާބެއް ހޯދައިފި އެވެ.

ޔޫތު ގޭމްސްގައި ރާއްޖޭން ހަތް ކުޅިވަރެއްގައި ވާދަކުރާއިރު، ބީޗްވޮލީބޯޅަ އިވެންޓްގައި އިއްޔެ ރާއްޖޭން ވަނީ މެޗުތަކެއް ކުޅެފަ އެވެ. އެ ގޮތުން، ރާއްޖޭގެ އަންހެން ޕެއާ، އައިޝަތު ދީމާ ނަދީމް އާއި އަޒްކާ ބިންތު މުހައްމަދު ސިދުގީ ކުޅުނު ފުރަތަމަ މެޗުގައި ސީދާ ދެ ސެޓުން ވަނީ މުބާރާތް ބާއްވާ ބަހުރޭންގެ ޕެއާ އެއް އަތުން ބޮޑު މޮޅެއް ހޯދައިފަ އެވެ.

ރާއްޖޭގެ ފިރިހެން ޕެއާ، މުހައްމަދު އިކުރާމް އާއި އަބްދުﷲ ޝަރަފް އަލީ ވަނީ އޭޝިއާގެ ބީޗްވޮލީބޯޅައިގައި ރަނގަޅު މަސައްކަތެއް ކުރަމުން އަންނަ ގަތަރުގެ ޕެއާއެއް އަތުން 2-1 އިން ބަލިވެފަ އެވެ.

ބަހްރެއިންގެ ސަމާ ބޭ ބީޗް ވޮލީބޯޅަ އެރީނާގައި ކުރިއަށްދިޔަ މެޗުގައި، ބަހްރޭނުގެ ލަޔާން މާޖިދާ އާއި މާޔާ ފަލާހާގެ ޕެއާ އަތުން ރާއްޖޭގެ ދީމާ އާއި އަޒްކާ ސެޓުތައް ގެންދިޔައީ، 21-9، 21-12 އިންނެވެ.

އަންހެން ބީޗް ވޮލީ ބޯޅަ އިވެންޓްގައި ރާއްޖެ ގްރޫޕް ބީގައި ހިމެނޭއިރު، ދެން ކުޅެން ޖެހޭނީ، އިންޑޮނޭޝިއާ އާއި ތައިލެންޑުގެ ޕެއާތަކާ އެވެ.


ރާއްޖޭގެ ފިރިހެން ޕެއާ، އިކްރާމް އާއި ޝަރަފްގެ ޕެއާ އިން ވަނީ، ގަތަރުގެ އަހުމަދު ޒިޔާދު ބެތީއޫ އާއި މޫސާ އަލްކީރްގެ ޕެއާ ކައިރިން ފުރަތަމަ ސެޓު، 21-19 އިން ގެންގޮސްފަ އެވެ. ގަތަރުގެ ޒިޔާދު އާއި އަލްކީރުގެ ޕެއާ މޮޅުވީ ދެން ކުޅުނު ދެ ސެޓު ކާމިޔާބު ކޮށްގެންނެވެ. އެ ގޮތުން، ދެ ވަނަ ސެޓު 21-6 އިން ގެންދިޔައިރު، ނަތީޖާ ނެރުނު ސެޓުގައި ކުރިހޯދީ 15-8 އިންނެވެ.

ފިރިހެން ޕެއާ ވެސް ގްރޫޕް ބީގައި ހިމެނޭއިރު، ދެން އެ ގްރޫޕްގައި އޮތީ، އިންޑޮނޭޝިއާ، ސްރީ ލަންކާ، ބަހުރޭން އެވެ.

އޭޝިއަން ޔޫތު ގޭމްސްގައި މި ފަހަރު ރާއްޖޭން ބީޗްވޮލީގެ އިތުރުން ވާދަކުރަނީ، ހޭންޑްބޯލް، އެތުލެޓިކްސް، ބާސްކެޓްބޯޅަ 3x3، ބެޑްމިންޓަން، ސްވިމިން އަދި ޓޭބަލް ޓެނިސް އެވެ.