Advertisement

އޭޝިއަން ޔޫތު ގޭމްސްގައި ތަޒްކިޔާ އަށް ތިން ވަނަ ގައުމީ ރެކޯޑް

29 އޮކްޓޯބަރު 2025 - 04:35 0

އޭޝިއަން ޔޫތު ގޭމްސްގައި ތިން ގައުމީ ރެކޯޑެއް އާ ކޮށްފައިވާ ތަޒްކިޔާ.---- ފޮޓޯ: މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ


އޭޝިއަން ޔޫތު ގޭމްސްގައި ތަޒްކިޔާ އަށް ތިން ވަނަ ގައުމީ ރެކޯޑް

29 އޮކްޓޯބަރު 2025 - 04:35 0

މީގެ އިތުރުން، ބަހުރޭނުގައި ކުރިއަށްދާ އޭޝިއަން ޔޫތު ގޭމްސްގައި ގައުމީ ފެތުންތެރިޔާ، އަމްނާ ތަޒްކިޔާ މިރުސާދު (ތަޒްކީ)، ތިން ގައުމީ ރެކޯޑެއް އާ ކޮށްފި އެވެ.

އޭޝިއަން ޔޫތު ގޭމްސްގައި، ރާއްޖެ ތަމްސީލުކުރާ ފެތުމުގެ އެތުލީޓުންނަކީ، ތަޒްކިޔާގެ އިތުރުން، އަޔާނާ އަރީފް، ދާލިޔާ ޢާއިދާ ލަޠީފް، އިޒްޔާން ނާޒިމް، ލޫޠު މުޙައްމަދު ޙުސައިން، މަކީން އަޙްމަދު ޝަކީބު، މަލާއިކާ ލިންދާ ޢިމްރާން، ސާރާ މުޙައްމަދު، ޝައިމް ޙުސައިން އިބްރާހީމް އަދި ޒުކައިން އަބްދުﷲ ޙަނީފް އެވެ.

ރާއްޖޭން މި ގޭމްސްގައި މިހާތަނަށް ހަތަރު ގައުމީ ރެކޯޑެއް އާ ކުރިއިރު، ތަޒްކިޔާގެ އިތުރުން، ދެން ރެކޯޑެއް ހެދީ، ލޫތު މުހައްމަދު ހުސައިން އެވެ.

ތަޒްކިޔާ، އެންމެ ފުރަތަމަ އާ ކުރީ، އަންހެނުންގެ ލޯންގް ކޯސް 200 މީޓަރު ބެކްސްޓްރޯކް އިވެންޓުގެ ގައުމީ ރެކޯޑެވެ. އެއީ، 02:45.97 އިން އިވެންޓު ފުރިހަމަ ކޮށްގެންނެވެ. މި އިވެންޓުގެ ގައުމީ ރެކޯޑު އެންމެ ފަހުން ވެސް އާކޮށްފައިވަނީ ތަޒްކިޔާ އެވެ. އެއީ، މިދިޔަ އަހަރު ސްރީ ލަންކާގައި ބޭއްވި އެ ގައުމުގެ ޖޫނިއާ ނެޝަނަލް ލޯންގް ކޯސް ސްވިމިން ޗެމްޕިއަންޝިޕްގައި 200 މީޓަރު ބެކްސްޓްރޯކް އިވެންޓު 02:51.26 އިން ނިންމައިގެންނެވެ.

އޭގެ ފަހުން، ތަޒްކިޔާ އާ ކުރީ، އަންހެނުންގެ ލޯންގް ކޯސް 50 މީޓަރު ބަޓަފްލައި އިވެންޓުގެ ގައުމީ ރެކޯޑާއި އަންހެނުންގެ ލޯންގް ކޯސް 50 މީޓަރު ބެކްސްޓްރޯކް އިވެންޓުގެ ގައުމީ ރެކޯޑް އެވެ.

އަންހެނުންގެ ލޯންގް ކޯސް 50 މީޓަރު ބަޓަފްލައި އިވެންޓުގެ ގައުމީ ރެކޯޑް އާކޮށްފައިވަނީ 00:31.49 އިން އިވެންޓު ފުރިހަމަ ކޮށްގެންނެވެ. މި އިވެންޓުގެ ގައުމީ ރެކޯޑު އެންމެ ފަހުން އާކޮށްފައިވަނީ ހަނާން ޙުސައިން ޙަލީމް އެވެ. އެ ގޮތުން، 2024 ވަނަ އަހަރު، ހަނާން މި ރެކޯޑު އާކޮށްފައިވަނީ 59 ވަނަ މައިލޯ/އެމް.އޭ.އެސް މެލޭޝިއާ އިންވިޓޭޝަނަލް އޭޖް ގްރޫޕް ސްވިމިން ޗެމްޕިއަންޝިޕް ގައި 00:31.68 އިން ރޭސް ނިންމައިގެންނެވެ.

އަންހެނުންގެ ލޯންގް ކޯސް 50 މީޓަރު ބެކްސްޓްރޯކް އިވެންޓުގެ ގައުމީ ރެކޯޑް، ތަޒްކިޔާ، އާކޮށްފައިވަނީ 00:32.57 އިން އިވެންޓު ފުރިހަމަ ކޮށްގެންނެވެ. މި އިވެންޓުގެ ގައުމީ ރެކޯޑު އެންމެ ފަހުން ވެސް އާކޮށްފައިވަނީ ތަޒްކިޔާ އެވެ. އެއީ، މި އަހަރުގެ އޮގަސްޓު މަހު ރުމޭނިއާ ގައި ކުރިއަށްދިޔަ 10 ވަނަ ވޯލްޑް އެކުއަޓިކްސް ޖޫނިއާ ސްވިމިން ޗެމްޕިއަންޝިޕްގައި 00:32.77 އިން ރޭސް ނިންމައިގެންނެވެ.

ފިރިހެނުންގެ ލޯންގް ކޯސް 200 މީޓަރު ބްރެސްޓްސްޓްރޯކް އިވެންޓުގެ ގައުމީ ރެކޯޑް ލޫތު، އާކޮށްފައިވަނީ 02:41.02 އިން އިވެންޓު ފުރިހަމަ ކޮށްގެންނެވެ. މި އިވެންޓުގެ ގައުމީ ރެކޯޑު އެންމެ ފަހުން އާކޮށްފައިވަނީ މި އަހަރުގެ އޮގަސްޓު މަހު ބޭއްވި 10 ވަނަ ވޯލްޑް އެކުއަޓިކްސް ޖޫނިއާ ސްވިމިން ޗެމްޕިއަންޝިޕްގައި އިޒްޔާން ނާޒިމް އެވެ. އިޒްޔާން، މި އިވެންޓު ފުރިހަމަ ކޮށްފައިވަނީ 02:45.21 އިން ރޭސް ނިންމައިގެންނެވެ.