Advertisement

ދިވެހިންނާ ކައިވެނިކޮށްގެން އުޅޭ ބިދޭސީންނަށް އާސަންދަ ނުލިބޭ މައްސަލައިގައި ގަރާރެއް

20 އޮކްޓޯބަރު 2025 - 10:53 3

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން

ގަލޮޅު އުތުރު ދާއިރާގެ މަޖިލިސް މެންބަރު، މުހައްމަދު އިބްރާހިމް -- ފޮޓޯ: ރައްޔިތުންގެ މަޖިލިސް


ދިވެހިންނާ ކައިވެނިކޮށްގެން އުޅޭ ބިދޭސީންނަށް އާސަންދަ ނުލިބޭ މައްސަލައިގައި ގަރާރެއް

20 އޮކްޓޯބަރު 2025 - 10:53 3

ދިވެހީންނާ ކައިވެނިކޮށްގެން އުޅޭ ބިދޭސީންނަށް އާސަންދަ ނުލިބޭ މައްސަލައިގައި ރައްޔިތުންގެ މަޖިލީހަށް ގަރާރެއް ހުށަހަޅައިފި އެވެ.

ދިވެހީންނާ ކައިވެނިކޮށްގެން އުޅޭ ބިދޭސީންނަށް އާސަންދަ ނުލިބޭ މައްސަލައިގައި މަޖިލީހުގެ މެންބަރުންނަށް ފެންނަ ގޮތެއް ބެލުމަށް އެ ގަރާރު ހުށަހެޅުއްވީ ގަލޮޅު އުތުރު ދާއިރާގެ މެންބަރު، މުހައްމަދު އިބްރާހިމް (ކުޑޫ) އެވެ.

އޭނާ ހުށަހެޅުއްވި ގަރާރުގައި ބުނެފައި ވަނީ ބިދޭސީއަކަށް ދިވެހި ރައްޔިތަކަށް ވެވެނީ ބައިގަރުނަށްވުރެ ގިނަ ދުވަސްވެފައިވާ ސިޓިޒެންޝިޕް ގާނޫނުގައި ބަޔާން ކޮށްފައިވާ ހަމައިން ކަމަށް ވާތީ ދިވެހީންނާ ކައިވެނިކޮށްގެން އެތައް އަހަރެއް ވޭތު ކޮށްފައިވާ މީހުންނަށް ވެސް އާސަންދައިގެ ހިދުމަތް ލިބުން ފަދަ ކަންކަމުން މަހުރޫމްވެފައިވާ ކަމަށެވެ.

މިހާރު އަމަލު ކުރަމުންދާ ގާނޫނުއަސާސީ ވުޖޫދުވިއިރު ވެސް ދިވެހީންނާ ކައިވެނިކޮށްގެން ރާއްޖޭގައި ދިރިއުޅެމުންދިޔަ މީހުންގެ ލޯބޯ ކޮށިވެ ދާއިމީ ބަލިތަކަށް ބޭސް ކުރަން ޖެހިފައިވުމުގެ ސަބަބުން ސިއްހީ ހަރަދުތައް ހަމަޖެއްސުމަށް އެމީހުންނަށް ބޮޑު ތަކުލީފަކަށްވެފައިވާ ކަމަށް އެ ގަރާރުގައި ބުނެފައިވެ އެވެ.

އެމީހުންނަކީ ދިވެއްސަކާ ކައިވެނިކޮށް ދަރިން ލިބި، ރާއްޖޭގައި ވަޒީފާ އަދާކޮށް މުޅި ދިރިއުޅުން މިތަނުގައި ހޭދަކޮށްފައިވާ ބަޔަކަށްވާއިރު، އެމީހުންނަށް އަޅާލައި ދައުލަތުގެ ފަރާތުން ލިބިދޭ ރައްކާތެރިކަން އެމީހުންނަށް ވެސް ހަމަހަމަކަމާއެކު ލިބިދިނުމަކީ މުހިންމު ކަމެއް ކަމަށް އެ ގަރާރުގައި ބަޔާން ކޮށްފައިވެ އެވެ.

އެކަން އެހެން އޮތްއިރު، މުޖުތަމައުގެ އާންމު ހާލަތަށްވުރެ ނިކަމެތިކަމެއް ލިބިފައިވާ ބަޔަކަށް ނުވަތަ ބަޔަކަށް ނުވަތަ އިޖުތިމާއީ ގޮތުން ހާއްސަ ރައްކާތެރިކަމެއް ލިބިދޭންޖެހޭ ބަޔަކަށް އެހީތެރިވެދިނުމަށްޓަކައި ނުވަތަ ރައްކާތެރިކަން ލިބިދިނުމަށްޓަކައި ދައުލަތުން ކަންތައްތަކެއް ކޮށްދެވިދާނެކަން ގާނޫނުއަސާސީގެ 17 ވަނަ މާއްދާގައި ބަޔާން ކޮށްފައިވާކަން ވެސް އެ ގަރާރުގައި ފާހަގަކޮށްފައިވެ އެވެ.