Advertisement

ދިވެހި ޕްރިމިއާ ލީގު: ބުރުން ގްރީން ސްޓްރީޓްސް ބަލިކޮށް ކުރިއަށް

19 އޮކްޓޯބަރު 2025 - 18:04 0

ބުރުގެ ކުޅުންތެރިން. ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.--- ފޮޓޯ: ރާއިފް ޔޫސުފް / އަދަދު ސްޕޯޓްސް


ދިވެހި ޕްރިމިއާ ލީގު: ބުރުން ގްރީން ސްޓްރީޓްސް ބަލިކޮށް ކުރިއަށް

19 އޮކްޓޯބަރު 2025 - 18:04 0

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިއަދު ހަވީރު ކުޅުނު މެޗުގައި އެއް ކުޅުންތެރިއަކު މަދުކޮށް މެޗުގެ ބޮޑުބައި ކުޅެން ޖެހުނު، ކްލަބް ގްރީން ސްޓްރީޓްސް އަތުން 2-1 އިން ބުރު ސްޕޯޓްސް ކްލަބުން ވަރުގަދަ އަށް ލީގުގައި ކުރިއަށް ދިއުމަށް މުހިންމު މޮޅެއް ހޯދައިފި އެވެ.

މިއަދުގެ މެޗަކީ، އޭޝިއަން ކަޕް ކޮލިފައިންގައި ގައުމީ ފުޓްބޯޅަ ޓީމުން ކުޅުނު ދެ މެޗަށް ނެގި ދެ ހަފްތާގެ ބްރޭކަށް ފަހު ކުޅުނު ފުރަތަަމަ މެޗެވެ. މި މެޗު ފަށައިގެން 18 ވަނަ މިނިޓްގައި، ގްރީން ސްޓްރީޓްސްގެ ކެޕްޓަން ރިލްވާން ވަހީދު (ރިލޭ) އަށް ވަނީ ގާތްގާތުގައި ދެއްކި ދެ ރީނދޫ ކާޑާ އެކު ރަތް ކާޑެއް ދައްކައިފަ އެވެ.

އެ ގޮތުން، ރަތް ކާޑަށް ފަހު، ރިލޭ، ވަނީ ރެފްރީ، މުހައްމަދު ޖާވިޒް (ޖޭޑް)އާ ވާހަކަ ދައްކަން މަސައްކަތްކޮށްފަ އެވެ. އަދި، އޭގެ ފަހުން، ރިލޭ ދަނޑުން ފައިބަން ދެކޮޅު ހެދުމުން މެޗު 10 ވަރަކަށް މިނިޓަށް މެދުކަނޑާލަން ޖެހުނެވެ.

ގަލޮޅު ދަނޑުގައި މިއަދު ކުޅުނު މެޗު ފަށައިގެން އަށް ވަނަ ސިކުންތުގައި ބުރުން ވަނީ ހަމަލާއެއް ފޮނުވާލައިފަ އެވެ. އެ ގޮތުން، ބުރުގެ އެޓޭކުގައި މޮޅު ކުޅުމެއް ދެއްކި، މުހައްމަދު ނާއިމް އޭރިއާބޭރުން ފޮނުވާލި ބޯޅަ ގްރީން ސްޓްރީޓްސްގެ ކީޕަރު، އަހުމަދު ރަމީޒު ވަނީ މަތަކޮށްފަ އެވެ.

ގްރީން ސްޓްރީޓްސްގެ ކުޅުންތެރިއަކު މަދުކޮށް ކުޅެން ޖެހުމުން ބުރުން ބޯޅަ ހިފަހައްޓައިގެން ކުޅެ އެޓޭކުތައް ކުރެވޭތޯ ބަލަމުންދިޔަ އެވެ.

މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި ބުރުގެ ނާއިމް ބޯޅަ ފޮނުވާލަނީ.--- ފޮޓޯ: ރާއިފް ޔޫސުފް/ އަދަދު ސްޕޯޓްސް


ގްރީން ސްޓްރީޓްސް އިން ރަނގަޅަށް ޑިފެންސްކުރަމުން ދިޔަ ނަަމަަވެސް، ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ގޮތުގައި ދެއްކި 10 މިނިޓްގެ ތެރެއިން، ފުރަތަމަ މިނިޓްގައި، ބުރުން ވަނީ ލަނޑު ޖަހައިފަ އެވެ. މިއީ، ބުރުގެ ފުލްބެކް، ތޯއިފް ގާސިމް ދިން ބޯޅައަކަށް އޭރިއާތެރެއިން އަރައި، ނާއިމް ތިރިތިރިން ގޯލަށް ބޯޅަ ފޮނުވާލައިގެން ޖެހި ގޯލެކެވެ.

ފުރަތަމަ ހާފަށް ވުރެން ރަނގަޅަށް ގްރީން ސްޓްރީޓްސް އިން ދެ ވަނަ ހާފުގައި އެޓޭކުކުރި އެވެ. އެ ގޮތުން، ގްރީން ސްޓްރީޓްސްގެ ކުރިއަށް ކުޅެމުން ދިޔަ އިރާގުގެ ފޯވާޑް، އޮބައިދާ ކަދުމް ފޮނުވާލި ދެ ހަމަލާއެއް ގްރީން ސްޓްރީޓްސްގެ ގޯލުގައި ހުރި ރާއްޖޭގެ ގައުމީ ޓީމުގެ ކީޕަރު، މުހައްމަދު ފައިސަލް ވަނީ މަތަކޮށްފަ އެވެ.

ގްރީން ސްޓްރީޓްސްގެ ކީޕަރު ރަމީޒް އަށް އަނިޔާވެގެން ބަދަލުކުރަން ޖެހުނުއިރު، އޭނާގެ ބަދަލުގައި އެރި، ޔަނާލް މުނީޒް ކައިރިން ބުރުން ވަނީ މެޗުގެ 74 ވަނަ މިނިޓްގައި ލަނޑު ޖަހައިފަ އެވެ. މެޗުގައި ބުރަށް ޖަހައިދިން ދެ ވަނަ ލަނޑު ކާމިޔާބުކުރީ އަބްދުﷲ ޖުނައިދު (ޖެންނޭ) އެވެ. މިއީ، އޭރިއާތެރެއިން ގޯލުގެ ދުރު ކަނަށް ބޯޅަ ފޮނުވާލައިގެން ޖެންނޭ ޖެހި ގޯލެކެވެ.

މެޗުގެ ފަހުކޮޅުގައި ގްރީން ސްޓްރީޓްސް އިން ވަރަށް ބޮޑަށް އެޓޭކަށް ޖެހިގެން ކުޅެ ލަނޑެއް ޖެހި އެވެ. މިއީ އޭރިއާތެރޭގައި ހުސްކޮށް ހުރެފައި އޮބައިދާ ބޮލުން ޖެހި ގޯލެކެވެ. އެ ބޯޅަ ގޯލަށް ވަނީ ކީޕަރު ފައިސަލް އަތުގައި ޖެހިފަ އެވެ.

މި މޮޅާ އެކު، ބުރު އޮތީ ހަތަރު މެޗުން ލިބުނު ހަތް ޕޮއިންޓާ އެކު، ލީގުގެ ހަތަރު ވަނައިގަ އެވެ. ހަތަރު މެޗުން ތިން ޕޮއިންޓާ އެކު، ގްރީން ސްޓްރީޓްސް އޮތީ ފަސް ވަނައިގަ އެވެ.

ލީގުގައި މިރޭ ކުޅޭނީ އެންމެ ފަހުގެ ޗެމްޕިއަން، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އާއި ޔުނައިޓެޑް ވިކްޓަރީ (ޔޫވީ) އެވެ.