Advertisement

އައްޑޫގެ މުސްތަގުބަލާ ގުޅިފައިވާ ވޯޓުގައި ސަރުކާރަށް ފެންނަ ގޮތެއް ނެތުމަކީ ބިރުވެރި އަދި ހިތްދަތިކަމެއް: ދިޔާނާ

19 އޮކްޓޯބަރު 2025 - 10:02 2

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން

ކުރީގެ ބަންޑާރަނައިބު، ދިޔާނާ ސައީދު -- ފޮޓޯ: ސްނެޕްޝޮޓް


އައްޑޫގެ މުސްތަގުބަލާ ގުޅިފައިވާ ވޯޓުގައި ސަރުކާރަށް ފެންނަ ގޮތެއް ނެތުމަކީ ބިރުވެރި އަދި ހިތްދަތިކަމެއް: ދިޔާނާ

19 އޮކްޓޯބަރު 2025 - 10:02 2

އައްޑޫ ސިޓީ ކައުންސިލް އެއް ކައުންސިލެއްގެ ގޮތުގައި ބޭއްވުމުގެ ބަދަލުގައި ވަކިވަކި ރަށްރަށުގައި ކައުންސިލްތައް ގާއިމު ކުރުމާ ގުޅޭ ގޮތުން އާންމުންގެ ހިޔާލު ހޯދަން އަންނަ ހޮނިހުރު ދުވަހު ނަގާ ވޯޓުގައި ސަރުކާރަށް ފެންނަ ރަނގަޅު ގޮތެއް ނެތުމަކީ ހިތްދަތި ކަމެއް ކަމަށް ކުރީގެ ބަންޑާރަނައިބު، ދިޔާނާ ސައީދު ވިދާޅުވެއްޖެ އެވެ.

އެކްސްގައި ދިޔާނާ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އައްޑޫގައި ވަކިވަކި ކައުންސިލްތައް ގާއިމު ކުރުމާ ބެހޭ ގޮތުން އާންމުންގެ ހިޔާލު ހޯދަން ނަގާ ވޯޓަކީ އައްޑޫގެ ބޮޑު ބައެއްގެ މުސްތަގުބަލާ ގުޅިފައިވާ ވޯޓެއް ކަމަށެވެ.

"ރާއްޖޭގެ ދެވަނައަށް އެންމެ އާބާދީ ބޮޑު ސަރަހައްދުގެ މުސްތަގުބަލާމެދު ނަގާ މި ކްރިޓިކަލް ވޯޓުގައި ސަރުކާރަށް ފެންނަ ރަނގަޅު ގޮތެއް ނެތުމަކީ ބިރުވެރި، ދެރަވަރު، ހިތްދަތި ކަމެއް،" ދިޔާނާ ވިދާޅުވި އެވެ.

ރާއްޖެ މިއޮތީ ސަރުކާރުގެ އެއްވެސް ތަސައްވުރެއް އަމާޒެއް ނެތި އޮޔާ ދާން ދޫކޮށްލާފައިތޯ ދިޔާނާ ސުވާލު އުފެއްދެވި އެވެ.

އައްޑޫ ކައުންސިލްތައް އެކުލެވިގެންވާ ގޮތް ބަދަލު ކުރުމާ ގުޅޭ ގޮތުން ވޯޓެއް ނަގަން ވަޒީރުންގެ މަޖިލީހުން ނިންމީ އޮކްޓޯބަރު 5، ގަ އެވެ. އެ ނިންމުން ވަޒީރުންގެ މަޖިލީހުން ނިންމީ އެކަން އެގޮތަށް ކޮށްދިނުމަށް އެދި އައްޑޫ ރައްޔިތުންގެ ތެރެއިން ބަޔަކު ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒުގެ އަރިހުގައި އެދިވަޑައިގެންނެވި ކަމަށް ބުނެ އެވެ.

އެ ވޯޓު އިއުލާން ކުރެއްވުމަށް ފަހު މުއިއްޒު ވިދާޅުވީ އެ ވޯޓާ ގުޅިގެން ސަރުކާރުގެ ސްޓޭންޑެއް ނެތް ކަމަށާއި ރައްޔިތުންގެ މެޖޯރިޓީން ނިންމާ ކޮންމެ ނިންމުމެއް ސަރުކާރުން ތަންފީޒުކުރާނެ ކަމަށެވެ.

"އައްޑޫ ގެ ފޭދޫ، ހުޅުދޫ، މީދޫ ގައި ނަގާ ރިފަރަންޑަމް ވޯޓުގައި ސަރުކާރުގެ ވަކި ސްޓޭންޑެއްނެތް. ސަރުކާރުން އިހްތިޔާރު ކުރާ ވަކި ނަތީޖާއެއްނެތް. ރައްޔިތުންގެ މެޖޯރިޓީ އިން ނިންމަވާ ކޮންމެ ނިންމުމެއް ސަރުކާރުން ތަންފީޒުކުރާނެ،" މުއިއްޒު ވިދާޅުވި އެވެ.

މުއިއްޒު އެހެން ބުނި ނަމަވެސް ވަކިވުމާ އެއްކޮޅަށް ވޯޓު ހޯދަން މަޖިލިސް މެންބަރު، އިބްރާހިމް ދީދީ އާއި ހޯމް މިނިސްޓަރު އަލީ އިހުސާން ދަނީ އައްޑޫގައި ކެމްޕޭން ކުރަމުންނެވެ.