Advertisement

ގައުމީ އެއްބައިވަންތަކަމުގެ ސަރުކާރެއް އުފައްދަން ވެއްޖެ: ވަހީދު

18 އޮކްޓޯބަރު 2025 - 08:09 9

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

ރައީސް މުހައްމަދު މުއިއްޒު. -- ފޮޓޯ: ރައީސް އޮފީސް


ގައުމީ އެއްބައިވަންތަކަމުގެ ސަރުކާރެއް އުފައްދަން ވެއްޖެ: ވަހީދު

18 އޮކްޓޯބަރު 2025 - 08:09 9

ދޮގާއި މަކަރުން ވެރިކަމަށް ވަޑައިގަތުމަށް ފަހު، ގާނޫނުއަސާސީއާ އެއްގޮތަށް ވެރިކަން ކުރަން އެނގިވަޑައިނުގެން، ދުސްތޫރީ ނިޒާމު ރޫޅާލައި، އަސާސީ ހައްގުތަކަށް އަރައިގަނެ، ދައުލަތުގެ ދަރަނި އިންތިހާއަށް ދުއްވާލާފައިވާ މި ހާލަތުގައި ރައީސް މުހައްމަދު މުއިއްޒު ފަހަތަށް ޖެއްސުމަށް އެންމެން ގުޅިގެން މަސައްކަތްކޮށް، އެއްބައިވަންތަކަމުގެ ސަރުކާރެއް އުފައްދަން ޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ވަހީދު ވިދާޅުވެއްޖެ އެވެ.

ނޮވެމްބަރު 17 ގެ ބޮޑު މުޒާހަރާއަށް ތައްޔާރުވުމަށްޓަކައި އެމްޑީޕީން ރޭ ބޭއްވި ކަންމަތީ ބައްދަލުވުމުގައި ވަހީދު ވިދާޅުވީ މި ހާލަތުގައި ރާއްޖޭގެ ކުރީގެ ރައީސުންނާއި އިއްޒަތް ލިބިވަޑައިގެންފައިވާ ބޭފުޅުން ތެދުވެ ބަސް ވިދާޅުވުމުގެ ޒިންމާ ބޮޑު ކަމަށެވެ.

މިކަމުގައި ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފު އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމްގެ އިތުރުން ޕީއެންސީއަށް ނިސްބަތްވާ މެންބަރުން ވެސް ކުރިއަށް ޖެހިވަޑައިގަތުމަށް ވެސް އޭނާ ގޮވާލެއްވި އެވެ.

"އަޅުގަނޑު އަލްއުސްތާޒު ހުސައިން މުހައްއްމަދު ލަތީފަށް ގޮވާލަން މި ގައުމަށް ޓަކައި ކުރިއަށް ނުކުންނަވާނަވާށޭ. ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބުދުއްރަހީމަށް އަޅުގަނޑު ދަންނަވަން ކުރިއަށް ނުކުންނަވާށޭ. ޕީއެންސީގެ ބޭފުޅުންނަށް އަޅުގަނޑު ދަންވަން ތިޔަބޭފުޅުގެ ސިޔާސީ ހަޔާތް ކަފުންކުރާ ހިސާބަށް މިހާރު ނުހައްދަވާށޭ. ތިބޭފުޅުން ސިޔާސީ މުސްތަޤްބަލަށް ބޭނުން ވެއްޖިއްޔާ ތިޔަބޭފުޅުން ކުރިއަށް ނުކުމެވަޑައިގަންނަވާށޭ،" ވަހީދު ވިދާޅުވި އެވެ.

ޕީއެންސީގައި ތިއްބެވި ރައްޔިތުންގެ މަޖިލީހުގެ ގިނަ މެންބަރުންނަކީ ވަރަށް ޒުވާން ބޭފުޅުން ކަމަށާއި ރައީސް މުއިއްޒަށްޓަކައި އެ ބޭފުޅުންގެ ސިޔާސީ ހަޔާތާއި ދަރިންގެ މުސްތަގުބަލު ނަގައިނުލުމަށް ވެސް ވަހީދު ގޮވާލެއްވި އެވެ.

"ރާއްޖޭގެ ވެރިންނަށް، ވެރިކަން ކޮށްފައި ތި ބޭފުޅުންނަށް ރާއްޖޭގެ ޝަރަފުގެ އައްޑަ ތަކާއި ފައްޓަރުބައިތައް ދެއްވާ ތިބި އެންމެ ބޭފުޅުންނަށް އަޅުގަނޑު ދަންނަވަން މިއަދު ރާއްޖެ މިއޮތީ ގައުމީ އެއްބައިވަންތަކަމުގެ ސަރުކާރެއް އުފައްދަން ޖެހޭ ހާލަތުގައި،" އޭނާ ވިދާޅުވި އެވެ.

މުއިއްޒަށް ވެރިކަން ކުރަން އެނގިވަަޑައިނުގަތުމުން ކަމަށާއި ގާނޫނަކަށް ގަވާއިދަކަށް ބެލުމެއް ނެތް ކަމަށާއި އެއާޕޯޓުތަކުގެ މަސައްކަތް ފަށަނީ ވެސް އީއައިއޭ ހެދުމެއް ނެތި ކަމަށް ވަހީދު ވިދާޅުވި އެވެ.

ތަފާތުކުރުން ނުގެންގުޅުމަށް ގާނޫނުއަސާސީގައި ބުނެފައި އޮތަސް، މުއިއްޒު ރަށްރަށަށް ކުރައްވާ ދަތުރުތަކުގައި އެމްޑީޕީގެ ކައުންސިލަރުންނަށް ވާހަކަ ދައްކަން ފުރުސަތު ނުދޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެކަން ހުއްޓާލީ ސަނާ ނުކިޔާތީ އާއި މި ސަރުކާރުގެ ސިޔާސަތަށް ކައުންސިލަރުން ފާޑުވިދާޅުވާތީ އެވެ.

މުއިއްޒުގެ ވައުދުތައް ހަގީގަތަކަށް ވެފައި ނެތްއިރު، ލޯކަލް ކައުންސިލް އިންތިހާބު ބޯމަތިވުމުން، މިހާރު ފެނިގެންދާ އެއް ކަމަކީ މުށި ޖަހާހެން ރާއްޖޭގެ އެއްކޮޅުން އަނެއް ކޮޅަށް އެއާޕޯޓު އަޅާ މަންޒަރާއި ރިބަން ފަށް ކެނޑުން ކަމަށް ވަހީދު ވިދާޅުވި އެވެ.

"ހިކިފައިން ދެ ގަލެއް އިނަސް، ގަބުރުސްތާނައެއްގައި ދެ މަހާނަގާ އިނަސް ރިބަން ފަށެއް ދަމާލާފައި ކަނޑަމުން ކަނޑަމުން އެހެރަ ގެންދަނީ. މާތް ކަލާކޯ މީހަ އަހަރެމެން އެބަ ޖެހޭ ހުއްޓުވަން،" މަލާމާތުގެ ގޮތުގައި އޭނާ ވިދާޅުވި އެވެ.

"ރަށަށް އަރާއިރު އެއިންނަ ނަން ބޯޑު ހުޅުވަމުން. ކުނިކޮށި ހުޅުވަމުން. ކުއްޖަކު ނަކަތްގެ ލައްވާ ތަނެއްގައި ދެ އަޅޮލެއް ޖަހާފައި ހުރެއްޖިއްޔާ އެތަން ހުޅުވަމުން. މީނާ އަޅުގަނޑު މެން އެބަޖެހޭ ހަގީގަތުގައި ވެސް ހުއްޓުވަން."

އަސުރުމާ ކުލަ އާއި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ފޮޓޯ ދައްކައިގެން ވެރިކަން ހޯއްދެވުމަށް ފުރަތަމަ ވެސް ހިއްޕެވީ ޔާމީންގެ ކަރުގައި ކަމަށް ވަހީދު ވިދާޅުވި އެވެ. އެއަށް ފަހު ޕީޕީއެމް ވެސް އުވައިލި އެވެ.