Advertisement

ފަސް އަހަރު ތެރޭ ސްޕޮންސަޝިޕްގެ ގޮތުގައި ޕީއެސްއެމްއަށް 65 މިލިއަން ރުފިޔާގެ ލިބުނު

16 އޮކްޓޯބަރު 2025 - 17:05 0


ފަސް އަހަރު ތެރޭ ސްޕޮންސަޝިޕްގެ ގޮތުގައި ޕީއެސްއެމްއަށް 65 މިލިއަން ރުފިޔާގެ ލިބުނު

16 އޮކްޓޯބަރު 2025 - 17:05 0

ދައުލަތުގެ މީޑިއާ، ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) އަށް ފާއިތުވި ފަސް އަހަރުގެ ތެރޭގައި ސްޕޮންސަޝިޕްގެ ގޮތުގައި 65 މިލިއަން ރުފިޔާ ލިބިފައިވާކަން ހާމަވެއްޖެ އެވެ.

މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން އަމިއްލަ މީހަކު ސެޕްޓެމްބަރު 27، ގައި ހުށަހެޅީ 2021 އިން 2025 އަށް ޕީއެސްއެމްއަށް ސްޕޮންސަޝިޕްގެ ގޮތުގައި ލިބުނު ފައިސާ އާއި އެ ފައިސާ ދިނީ ކޮން ސްޕޮންސަރުންނެތޯ ހޯދުމަށެވެ.

އޮކްޓޯބަރު 16، ގައި ޕީއެސްއެމްއިން ފޮނުވި ޖަވާބުގައި ވަކިވަކި ސްޕޮންސަރުންގެ ނަން ހާމަކުރަން ވަނީ ދެކޮޅު ހަދާފަ އެވެ. އެއީ ވާދަވެރިންނަށް އޭގެ ސަބަބުން ފައިދާއެއް ވެދާނެ ކަމަށް ބުނެ އެވެ.

ޕީއެސްއެމްއަށް ލިބުނު ސްޕޮންސަޝިޕް ފައިސާ

  • 2021 - 9،958،654.58ރ.
  • 2022 - 9،756،069.72ރ.
  • 2023 - 12،714،221.19ރ.
  • 2024 - 25،329،938.17ރ.
  • 2025 - 7،677،182.23ރ.

މި އަަދަދުތަކަށް ބަލާއިރު ސްޕޮންސަރުންގެ އަތުން ޕީއެސްއެމްއަށް އެންމެ ގިނައިން ފައިސާ ލިބުނީ މިދިޔަ އަހަރު އެވެ. މި އަދަދުތަކުގެ ތެރޭގައި ސަރުކާރުން އެ ކުންފުންޏަށް ދޭ ފައިސާ ނުހިމެނެ އެވެ.

ޕީސީބީގެ ރެކޯޑުތަކުން ދައްކާ ގޮތުގައި މިދިޔަ އަހަރު އެކަނި ސަރުކާރުން އެ ކުންފުންޏަށް 106 މިލިއަން ރުފިޔާ އިންޖެކްޓުކުރި އެވެ. 2023 އާއި 2024 ވަނަ އަހަރު ވެސް އެ ކުންފުނި ހިންގީ ދަރަނީގަ އެވެ.

ޕީއެސްއެމް އެންމެފަހުން އޮޑިޓު ކުރީ 2021 ވަނަ އަހަރު އެވެ. އެ ކުންފުނީގެ ހަގީގީ އާމްދަނީ އާއި ދަރަނި އެނގޭނީ އޮޑިޓު ރިޕޯޓުތައް ނެރުމުންނެވެ.

ޕީއެސްއެމްއަކީ ރައްޔިތުންގެ ފައިސާއިން ހިންގާ، އެތަން ހިންގުމަށް ވަކި ގާނޫނެއް ހަދާފައި އޮތް ކުންފުންޏެއް ނަމަވެސް، ޕީއެސްއެމް ހިންގަމުން ދަނީ ސަރުކާރުގެ ޕްރޮޕެގެންޑާ ފަތުރާ ކުންފުންޏެއްގެ ގޮތުގަ އެވެ. ޕީއެސްއެމްގެ ޕްރޮގްރާމެއްގައި ޖަމިއްޔާއަކުން ސަރުކާރަށް ފާޑުކިޔުމުން އެ ޕްރޮގްރާމް ވަގުތުން ހުއްޓާލާފައި ވެސް ވެ އެވެ.