Advertisement

އެލްރެޑު ބޭނުންކުރުމާ ގުޅޭ ސުވާލެއް ކުރުމުން އުޝާމް ވިދާޅުވީ ފުލުހުން ބާރުގެ ބޭނުންކުރަން ވާނީ ގާނޫނާ އެއްގޮތަށް ކަމަށް

15 އޮކްޓޯބަރު 2025 - 12:47 0

އަހުމަދު އާއިދު

އަހުމަދު އާއިދު

ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމަކަށްފަހު ބަންޑާރަނައިބު އުޝާމް: އޭނާ ވިދާޅުވީ ފުލުހުން ބާރުގެ ބޭނުންކުރަން ވާނީ ގާނޫނާ އެއްގޮތަށް ކަމަށް ---- ފޮޓޯ: ރައީސް އޮފީސް


އެލްރެޑު ބޭނުންކުރުމާ ގުޅޭ ސުވާލެއް ކުރުމުން އުޝާމް ވިދާޅުވީ ފުލުހުން ބާރުގެ ބޭނުންކުރަން ވާނީ ގާނޫނާ އެއްގޮތަށް ކަމަށް

15 އޮކްޓޯބަރު 2025 - 12:47 0

އިދިކޮޅު އެމްޑީޕީން އޮކްޓޯބަރު 3، ގައި ބޭއްވި މުޒާހަރާގެ ބައިވެރިންނާ ދެކޮޅަށް ފުލުހުން ބޭނުންކުރި ބާރުގަދަ އަޑު އިއްވާ "ސޮނިކް ވެޕަން" އެއް ކަމަށްވާ ލޯންގް ރޭންޖް އެކޯސްޓިކް ޑިވައިސް (އެލްރެޑު) ބޭނުންކުރުމާއި ގުޅިގެން ސުވާލުކުރުމުން، ފުލުހުން ބާރުގެ ބޭނުންކުރަން ޖެހޭނީ ގާނޫނާ އެއްގޮތަށް ކަމަށް ބަންޑާރަނައިބު އަހުމަދު އުޝާމް ވިދާޅުވެއްޖެ އެވެ.

މިއަދުގެ ޖަލްސާގައި އިދިކޮޅު އެމްޑީޕީއަށް ނިސްބަތްވާ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް ނަސީމް ވަނީ އުސޫލެއްނެތި ފުލުހުން މިފަދަ ހަތިޔާރެއް ބޭނުންކުރުމާމެދު އުޝާމް ދެކިލައްވާގޮތް އައްސަވާފަ އެވެ. ޖަވާބުގައި އުޝާމް ވިދާޅުވީ އެ ހަތިޔާރާއި ގުޅޭގޮތުން ފުލުހުންގެ ތެރޭގައި ވަކި އުސޫލެއް އޮތްކަން ޔަގީންނުވާ ކަމަށެވެ.

"އަޅުގަނޑު ގަބޫލުކުރާ ގޮތުގަ، ފުލުހުންގެ ބާރުތައް ބޭނުންކުރަންވާނީ ގާނޫނާއި ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން. އެހެންވީމަ، އެލްރެޑު ބޭނުންކުރުމުގަ ވެސް ފުލުހުންގެ އެތެރޭގެ ޕޮލިސީތަކެއް ހުންނަންވާނެ ކަމަށް އަޅުގަނޑު ގަބޫލުކުރަނީ. ދެން ތި ވިދާޅުވި ސްޕެސިފިކް ކަންތަކުގަ ޕޮލިސީއެއް އެކުލަވާލާފަ އޮތްތޯ ނުވަތަ ނޫންތޯ އެޔެއް އަޅުގަނޑަކަށް ޔަގީނެއް ނޫން،" އުޝާމް ވިދާޅުވި އެވެ.

މިހެން ވިދާޅުވެ އުޝާމް ވަނީ ފުލުހުންގެ ގާނޫނުގައި ބަޔާންކޮށްފައި އޮތް ގޮތަށް، ބާރުގެ ބޭނުންކުރަންވާނީ ގާނޫނުގެ އިމުގެ ތެރެއިން ކަމަށް ތަކުރާރުކޮށް ވިދާޅުވެފަ އެވެ.

ހަތިޔާރު ބޭނުންކުރުމުގައި ފުލުހުން އަމަލުކުރަން ޖެހޭ ގޮތުގެ އުސޫލެއް އޮންނަން ޖެހެ އެވެ. ޕެޕާ ސްޕްރޭ އާއި ކަރުނަ ގޭސް އަދި މުގުރު ބޭނުންކުރުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލު ނުވަތަ އެސްއޯޕީ ހަދާފައި އޮވެ އެވެ.

ނަމަވެސް ސޮނިކު ވެޕަން، ނުވަތަ ބާރު އަޑު ބޭނުންކުރަން ޖެހޭ ހާލަތާއި ބޭނުންކުރާ ގޮތް ފުލުހުން އާންމުކޮށްފައެއް ނެތެވެ.

މީގެ އިތުރުން، ހަތިޔާރު ހޯދުމާއި ގެންގުޅުމާއި ބޭނުންކުރުމާ ގުޅޭ ފުލުހުންގެ ގަވާއިދުގައި ބުނާ ގޮތުން ހަތިޔާރެއް ބޭނުންކުރުމުގެ ކުރިން އިންޒާރު ދޭން ޖެހެ އެވެ. ގަވާއިދު ބުނާ ގޮތުން ފުލުހުން އިންޒާރުގެ ގޮތުން "ހަތިޔާރު ބޭނުންކުރަނީ" މި އިބާރާތް ބޭނުންކުރަން ޖެހޭނެ އެވެ. ނަމަވެސް ފުލުހުން ސޮނިކް ވެޕަން ބޭނުންކުރަން މިފަދަ އިންޒާރެއް ނުދެ އެވެ.

ޖެޓެއްގެ އިންޖީނުގެ އަޑު ކައިރިން އިވޭ މިންވަރަށް ވުރެ ވެސް އަޑުބާރު ސޮނިކް ވެޕަން ބޭނުންކުރުމުގެ ސަބަބުން މުޒާހަރާގެ ބައިވެރިންނާއި މުޒާހަރާކުރި ސަރަހައްދުގެ ގެތަކުގައި ދިރިއުޅޭ އާއިލާތަކާއި ކުޑަކުދިންނަށް އޭގެ އަސަރު ކުރި އެވެ.

ސޮނިކް ވެޕަން ބޭނުންކުރި މައްސަލައިގައި އާންމުން ފާޑުކިޔަން ފެށުމުން އެކަން ދިފާއުކޮށް ފުލުހުން ނޫސް ބަޔާނެއް ނެރުނެވެ. އެގޮތުން ފުލުހުން ބުނީ މުޒާހަރާގައި ބާރުގެ ބޭނުންކޮށްފައި ވަނީ ކަނޑައަޅާފައިވާ ގާނޫނުތަކާއި ގަވާއިދުތަކުގެ ތެރެއިން ނަގަހައްޓަން ޖެހޭ އަސާސްތަކާއެކު ކަމަށެވެ.