Advertisement

ވިޔަފާރި ބަނދަރު ފަޅާލައި 13 މިލިއަން ސިނގިރޭޓު ވަގަށް ނެގި މައްސަލައިގައި ސަރުކާރުގެ ބަހެއް ނެތް

14 އޮކްޓޯބަރު 2025 - 11:53 2

އަހުމަދު އާއިދު

އަހުމަދު އާއިދު

އާޓްވޯކް: އިސްމާއިލް އިމްދާދު/އަދަދު


ވިޔަފާރި ބަނދަރު ފަޅާލައި 13 މިލިއަން ސިނގިރޭޓު ވަގަށް ނެގި މައްސަލައިގައި ސަރުކާރުގެ ބަހެއް ނެތް

14 އޮކްޓޯބަރު 2025 - 11:53 2

ރާއްޖެއަށް ވަގަށް އެތެރެކުރަނިކޮށް ކަސްޓަމްސް އިން ހިފަހައްޓައި، އެމްޕީއެލްގެ ބެލުމުގެ ދަށުގައި ހުޅުމާލެ ވިޔަފާރި ބަނދަރުގައި ބެހެއްޓި ސިނގިރޭޓު ދެ ކޮންޓެއިނަރު ވަގަށް ނެގި މައްސަލައިގައި ދައުލަތުގެ ވެރިން ވާހަކަ ދައްކަން ދެކޮޅު ހަދައިފި އެވެ.

ދެ ކޮންޓެއިނަރުގައި ހުރި 13.6 މިލިއަން ސިނގިރޭޓު ވަގަށް ނެގި މައްސަލަ ފެންމަތިވީ އޮކްޓޯބަރު 8، ގަ އެވެ. އޭގެ ފަހުން މިއަދަށް ހަ ދުވަސް ފާއިތުވިއިރު، ރައީސް މުހައްމަދު މުއިއްޒު އަދި ހޯމް މިނިސްޓަރު އިހުސާން މިކަމުގައި ބަހެއް ބުނެފައެއް ނުވެ އެވެ.

މި ވެރިކަމަށް މި ވީ ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި އާންމުކޮށް މިފަދަ ބޮޑު މައްސަލައެއް ފެންމަތިވުމާއެކު މުއިއްޒު އާއި އިހުސާން ސޯޝަލް މީޑިއާގައި ޕޯސްޓުކުރައްވަ އެވެ. އެގޮތުން "ސީރިއަސް މައްސަލައެއްގެ" ގޮތުގައި ބެލުމަށް ކަމާބެހޭ ފަރާތްތަކަށް ދަންނަވާފައި ވާނެ ކަމަށް ވިދާޅުވެ މުއިއްޒު އެކި މައްސަލަތަކާ ގުޅިގެން އެތައް ޕޯސްޓެއް ކުރައްވާފައިވެ އެވެ.

ޑިއުޓީ އަށް 100 މިލިއަން ރުފިޔާ އަށްވުރެ ގިނަ ރުފިޔާ އަރާ މި ސިނގިރޭޓު ޝިޕްމަންޓުތައް ގެއްލުމުން ފުލުހުން، ކަސްޓަމްސް އަދި އެމްޕީއެލް އިން ވެސް މިހާތަނަށް ބަހެއް ބުނެފައެއް ނުވެ އެވެ. އެ މައްސަލައިގައި ބަޔާނެއް ވެސް ނެރެފައެއް ނުވެ އެވެ.

މި ނޫހުން ހޯދި ހޯދުންތަކުން އެނގޭ ގޮތުގައި ކޮންޓެއިނަރުތައް ވަގަށް ނެގީ ދުރާލައި ރޭވި ރޭވުމެއްގެ ދަށުންނެވެ. އެކަން ކުރުމަށް ހުޅުމާލެ ބަނދަރުގެ ސެކިއުރިޓީ ކެމެރާތައް ނިއްވާލައި، އެހެން ކެމެރާތަކުގެ މަންޒަރު ގެއްލުވާލާފައިވެ އެވެ.

ވަގަށް ނެގި ކޮންޓެއިނަރުތައް ގެންދިޔައީ ހުޅުމާލޭ ފޭސް ތިނަކަށެވެ. ފޭސް ތިނަކަށް ކޮންޓެއިނަރުތައް ގެންދިޔަ ދޯނިން އެ ތަނަށް ކޮންޓެއިނަރުތައް ބާލައި، ސިނގިރޭޓުތައް ގެންދިޔަތަނެއް ސާފެއް ނޫނެވެ. ސިނގިރޭޓުތައް މިހާރު ހުރި ތަނެއް ވެސް މި ނޫހަށް ކަށަވަރުވާ ގޮތެއް ނުވި އެވެ.

މައުލޫމާތު ލިބޭ ގޮތުގައި މި މައްސަލަ ފުލުހުން ދަނީ ބަލަމުންނެވެ. ތުހުމަތު ކުރެވޭ ބަޔަކު ފާހަގަވި ކަމެއް، ސިނގިރޭޓުތައް ހުރި ތަނެއް އެނގުނު ކަމެއް ވެސް މިހާތަނަށް ސާފެއް ނޫނެވެ.