Advertisement

އަތޮޅު ކައުންސިލް އުވާލުމުން ރަށު ކައުންސިލްތަކާއި ޑަބްލިއުޑީސީގެ ބްލޮކް ގްރާންޓް ބޮޑުކުރެވޭނެ: މުއިއްޒު

14 އޮކްޓޯބަރު 2025 - 10:45 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

މުހައްމަދު މުއިއްޒު: އަތޮޅު ކައުންސިލްތައް އުވާލުމުން ޑަބްލިއުޑީސީއަށް ދޭ ބްލޮކް ގްރާންޓް ދެގުނަ ބޮޑުކުރާނެ ކަމަށް ވިދާޅުވި -- ފޮޓޯ: ރައީސް އޮފީސް


އަތޮޅު ކައުންސިލް އުވާލުމުން ރަށު ކައުންސިލްތަކާއި ޑަބްލިއުޑީސީގެ ބްލޮކް ގްރާންޓް ބޮޑުކުރެވޭނެ: މުއިއްޒު

14 އޮކްޓޯބަރު 2025 - 10:45 0

އަތޮޅު ކައުންސިލް އުވާލުމާއެކު އަންނަ އަހަރަށް ބަޖެޓު ހުށަހަޅާއިރު ރަށު ކައުންސިލްތަކާއި ޑަބްލިއުޑީސީގެ ބްލޮކް ގްރާންޓް ބޮޑުކުރެވޭނެ ކަމަށް ރައީސް މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެ އެވެ.

ށ. އަތޮޅަށް ކުރައްވާ ދަތުރުގައި ބިލެތްފަހި ރައްޔިތުންނާ ބައްދަލުކުރައްވާ މުއިއްޒު ވިދާޅުވީ އަތޮޅު ކައުންސިލްތައް އުވާލުމުން ސިޓީ ކައުންސިލްތަކާއި ރަށު ކައުންސިލްތަކަށް ބަޖެޓް ހަމަޖައްސާއިރުގައި ރަށު ކައުންސިލްތަކަށް މިހާރު ހަމަޖައްސާފައި އޮންނަ ޕަސެންޓް ބޮޑުކުރާނެ ކަމަށެވެ.

"ސިޓީ ކައުންސިލްތަކާއި އަތޮޅު ކައުންސިލްތައް އަދި ރަށު ކައުންސިލްތައް އޮންނައިރުގައި އަތޮޅު ކައުންސިލްތައް އަޅުގަނޑުމެން މި އުވާލަނީ. އުވާލީމަ ދެން ސިޓީ ކައުންސިލްތަކާއި ރަށު ކައުންސިލްތަކަށް ބަޖެޓް ހަމަޖައްސާއިރުގައި ރަށު ކައުންސިލްތަކަށް މިހާރު މިއިންނަ ޕަސެންޓޭޖް އަޅުގަނޑުމެން އެބަ ބޮޑުކުރަން." މުއިއްޒު ވިދާޅުވީ އެވެ.

މުއިއްޒު ވިދާޅުވީ ރަށު ކައުންސިލްތަކުގެ ގްރާންޓް ބޮޑުކުރެވޭއިރު، އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީ (ޑަބްލިއުޑީސީ) އަށް ދޭ އަދަދު ދެ ގުނައަށް ބޮޑުކުރާނެ ކަމަށެވެ.

"މާނައަކީ ރަށްރަށުގެ ކައުންސިލްތަކަށް ލިބޭ އަދަދު ބޮޑުވާނެ ނިސްބަތުން. އަދި އޭގެ ތެރެއިން ޑަބްލިއުޑީސީތަކަށް ދޭ އަދަދު ދެގުނައަށް މި ބޮޑުކޮށްދެނީ. މާނައަކީ މިހާރު ދޭ މި ފަސް ޕަސަންޓް 10 ޕަސަންޓަށް ބޮޑުވެގެން އެބަދެއޭ،" މުއިއްޒު ވިދާޅުވި އެވެ.

ރަށްރަށުގެ ލާމަރުކަޒީ ނިޒާމުން ކަންކަން ކުރުމުގައި ހަގީގީ މާނައިގައި ރައްޔިތުންނާއި ކައުންސިލްތަކާއި ޑަބްލިއުޑީސީތައް ބާރުވެރިކުރުވާކަން ފާހަގަކުރައްވާ މުއިއްޒު ވިދާޅުވީ އޭގެ ފުރިހަމަ ބޭނުން ހުރިހާ ފަރާތްތަކުން ވެސް ރަނގަޅު ގޮތުގައި ހިފުމަށް އެދޭ ކަމަށެވެ.

މުއިއްޒު ވިދާޅުވީ މި ސަރުކާރަކީ ލާމަރުކަޒީ ގޮތަށް ކަންކަން ކުރަން ބޭނުންވާ ސަރުކާރެއް ކަމަށާއި ރަނގަޅު ބަދަލުތައް ގެންނަމުންދަނީ އެހެންވެ ކަމަށެވެ.

އަތޮޅު ކައުންސިލްތައް އުވާލައި ރަށު ކައުންސިލްތަކަށް ބްލޮކް ގްރާންޓް ބޮޑުކުރާނެ ކަމަށް މުއިއްޒު ވިދާޅުވި ނަމަވެސް އަތޮޅު ކައުންސިލްތައް އުވާލަން ގިނަ ބަޔަކު ދަނީ ދެކޮޅު ހަދަމުންނެވެ. އެގޮތުން އެ ސިޔާސަތާ ދެކޮޅަށް ގިނަ ބަޔަކު ދަނީ ފާޑުކިޔަމުންނެވެ.

އަތޮޅު ކައުންސިލްތައް އުވާލައިފި ނަމަ ޒަމާނުއްސުރެ ރާއްޖޭގައި އޮތް ދައުލަތުގެ އިދާރީ ހިންގުމުގެ އޮނިގަނޑަށް ވަރަށް ބޮޑު ބަދަލެއް ކުއްލިއަކަށް އަންނާނެ އެވެ. އަތޮޅު ކައުންސިލްތަކަކީ ޒަމާނުއްސުރެ ވެސް ދައުލަތުގެ އިދާރީ ހިންގުމުގައި އެކުލަވާލާފައިވާ އަދި މުހިންމު ދައުރެއް އަދާކުރި އަދި ބާރުވެސް ދީފައި އޮތް މުއައްސަސާއެކެވެ.