Advertisement

އޮކްޓޯބަރު 3 މުޒާހަރާއަށް ދިޔަ ތިން މުވައްޒަފުން އާރްޑީސީން ކަނޑާލައިފި

13 އޮކްޓޯބަރު 2025 - 21:53 3

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން: އޮކްޓޯބަރު 3، މުޒާހާރާގައި ބައިވެރިވި އެ ކުންފުނީގެ ތިން މުވައްޒަފަކު ވަނީ ވަޒީފާއިން ވަކިކޮށްފައި -- ފޮޓޯ: އަދަދު


އޮކްޓޯބަރު 3 މުޒާހަރާއަށް ދިޔަ ތިން މުވައްޒަފުން އާރްޑީސީން ކަނޑާލައިފި

13 އޮކްޓޯބަރު 2025 - 21:53 3

އިދިކޮޅު އެމްޑީޕީން އޮކްޓޯބަރު 3، ގައި "ލޫޓުވައިފި ލޫޓުވައިފި" ނަމުގައި ބޭއްވި ބޮޑު މުޒާހަރާގައި ބައިވެރިވި ތިން މުވައްޒަފަކު ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އިން މިއަދު ކަނޑާލައިފި އެވެ.

އަދަދު އަށް އެނގިފައިވާ ގޮތުގައި އާރްޑީސީގެ ވަޒީފާއިން ކަނޑާލީ ސީނިއާ ސޭލްސް އޮފިސަރު، އަހްމަދު އާޝް މުހައްމަދާއި، ސީނިއާ އިންވެންޓްރީ މެނޭޖްމަންޓް އޮފިސަރު، މުހައްމަދު އަރީބާއި، އެސިސްޓަންޓް މެނޭޖާ (އައިސީޓީ)، އަހްމަދު އަދީބެވެ.

އެ ތިން މީހުން ވެސް އަދަދު އަށް ބުނީ ވަޒީފާއިން ވަކިކުރީ އެމްޑީޕީގެ މުޒާހަރާގައި ބައިވެރިވުމުން ކަމަށާއި މުޒާހަރާއަށް ދިޔަ ފަހުން ތަފާތުކުރުންތަކެއް ވެސް މެނޭޖްމެންޓުން ގެންގުޅުނު ކަމަށެވެ.

ތިން މީހުން ވެސް ވަޒީފާއިން ކަނޑާލި ސަބަބުގެ ތެރޭގައި ހިމަނާފައިވަނީ އޮފީހަށް ބައެއް ދުވަސްތަކުގައި ހާޒިރުވެފައި ނުވާތީ އެވެ. އެކަމަކު އެ މީހުން ބުނީ އޮފީހުގެ ފިންގާ މެޝިނުގައި މައްސަލަތަކެއް އުޅޭ ކަމަށާއި އެކަން ހައްލުކޮށްދޭން ވެރިންނަށް އަންގާފައިވެސް ވާނެ ކަމަށެވެ.

އަދީބު ބުނީ އޭނާ ވަޒީފާއިން ވަކިކުރީ ހާޒިރުނުވާ ކަމަށް ބުނާ ދުވަސްތަކެއްގެ މައްސަލަ މެނޭޖްމަންޓަށް އަމިއްލައަށް ހުށަހަޅައިގެން އެ މައްސަލަ ބަލަމުންދިޔަ ދަނޑިވަޅެއްގައި ކަމަށެވެ. އޭނާ ބުނީ އޮފީހަށް ނުދާ ކަމަށް ބުނެ އާރްޑީސީން ހަދާފައި ވަނީ ދޮގު ކަމަށެވެ.

އޭގެއިތުރުން އަރީބު ވެސް ބުނީ އޭނާ އޮފީހަށް ނުދާ ކަމަށް މެނޭޖްމަންޓުން ބުނާ ދުވަސްތަކުގައި އޮފީހަށް ނިކުމެ މަސައްކަތް ކުރިކަން މުވައްޒަފުންނަށް ވެސް އެނގޭނެ ކަމަށެވެ.

މުޒާހަރާއަށް ގޮސްގެން ވަޒީފާއިން ވަކިކުރި ނަމަވެސް، ނޮވެމްބަރު 17، ގައި އެމްޑީޕީން ބާއްވާ މުޒާހަރާގައި ވެސް ބައިވެރިވާނެ ކަމަށް އެ ތިން މީހުން ވަނީ ބުނެފަ އެވެ. ވަޒީފާއިން ކަނޑާލައި ބިރު ދެއްކިޔަސް ފަހަތަނަށް ނުޖެހޭނެ ކަމަށް އެ މީހުން ބުންޏެވެ.

މުޒާހަރާއަށް ދިޔުމުން އާރްޑީސީގެ ސީނިއާ ބިލްޑިން މެއިންޓަނަންސް ގެ މަގާމުގައި ހުރި މުހައްމަދު ނިޝާމް އަދި ސީނިއާ ލޮޖިސްޓިކްސް އޮފިސަރު އަބްދުﷲ ވަހީދު ވެސް ވަނީ ވަޒީފާއިން ކަނޑާލާފަ އެވެ. އެގޮތުން މިހާތަނަށް މުޒާހަރާއަށް ގޮސްގެން އެ ކުންފުނިން ފަސް މުވައްޒަފަކު ވަނީ ކަނޑާލާފަ އެވެ.

އެމްޑީޕީގެ މުޒާހަރާއާ ދިމާކޮށް ސަރުކާރުގެ ކުންފުނިތަކުން ގިނަ ކަންކަން ރާވައި، މުވައްޒަފުން އެ އެއްވުމަށް ދިޔުމުގެ ފުރުސަތު ހަނިވާނެ ގޮތަށް ސަރުކާރުން މަސައްކަތް ކޮށްފައިވެ އެވެ.