Advertisement

ތިން އަހަރުގެ ތެރޭގައި ނުއުފުލޭ ވަރަށް ޑޮލަރު ރިޒާވު އުފުލިއްޖެ

13 އޮކްޓޯބަރު 2025 - 14:20 1

އަމަން ހަލީމް

އަމަން ހަލީމް

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ މައި އޮފީސް: އެމްއެމްއޭއިން ވަނީ ޑޮލަރު ރިޒާވު އިތުރުކުރަން ފިޔަވަޅުތަކެއް އަޅާފައި --- ފޮޓޯ: އަދަދު


ތިން އަހަރުގެ ތެރޭގައި ނުއުފުލޭ ވަރަށް ޑޮލަރު ރިޒާވު އުފުލިއްޖެ

13 އޮކްޓޯބަރު 2025 - 14:20 1

މަސް ދުވަހުގެ ތެރޭގައި ޑޮލަރު ރިޒާވަށް 50 މިލިއަނާ ގާތްކުރާ އަދަދަކަށް އިތުރުވެ، ވޭތުވި ތިން އަހަރުގެ ތެރޭގައި އިތުރު ނެތް ވަރަށް ފައިސާ އެބަހުރި ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އެންމެ ފަހުން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

އެމްއެމްއޭއިން އާންމުކޮށްފައިވާ ރިޒާވު މައުލޫމާތުން ދައްކާ ގޮތުގައި، މިދިޔަ މަސް ނިމުނުއިރު 859 މިލިއަން ޑޮލަރު އެބަހުއްޓެވެ. މިއީ މާޗު، 2022، ގައި ޑޮލަރު ރިޒާވު 865 މިލިއަން ޑޮލަރުގައި ހުރި ފަހުން، މި ވަރަށް ޖުމުލަ ރިޒާވު އުފުލުނު ފުރަތަމަ ފަހަރެވެ. އަދި މަހުންމަހަށް ހިސާބުކުރާއިރު މިއީ 49 މިލިއަން ޑޮލަރުގެ އިތުރުވުމެކެވެ.

ޖުމުލު ރިޒާވު އުފުލުނު ނަމަވެސް، ބޭނުންކުރެވޭ ރިޒާވުގައި ހުރީ 194 މިލިއަން ޑޮލަރެވެ. މިއީ އޭގެ ކުރީ މަހަށް ވުރެ ހަ މިލިއަން ޑޮލަރު އިތުރު އަދަދެއް ނަމަވެސް، އޭގެ ކުރިން ތިން މަހުގައި ބޭނުންކުރެވޭ ރިޒާވު ހުރީ 200 މިލިއަން ޑޮލަރުން މަތީގަ އެވެ.

ބޭންކުރެވޭ ރިޒާވުގައި ހުރި ޑޮލަރު

  • ޖެނުއަރީ - 116 މިލިއަން ޑޮލަރު
  • ފެބްރުއަރީ - 179 މިލިއަން ޑޮލަރު
  • މާޗު - 170 މިލިއަން ޑޮލަރު
  • އޭޕްރިލް - 171 މިލިއަން ޑޮލަރު
  • މެއި - 218 މިލިއަން ޑޮލަރު
  • ޖޫން - 203 މިލިއަން ޑޮލަރު
  • ޖުލައި - 213 މިލިއަން ޑޮލަރު
  • އޮގަސްޓު - 188 މިލިއަން ޑޮލަރު
  • ސެޕްޓެމްބަރު - 194 މިލިއަން ޑޮލަރު

ބޭނުންކުރެވޭ ރިޒާވު މިހާރު ހިސާބު ކުރަނީ އެމްއެމްއޭއިން ބޭންކުތަކުގައި އިންވެސްޓުކޮށްފައި ހުރި އަދަދު ހިމަނައިގެންނެވެ. މި މަސް ނިމުނުއިރު މި އަދަދު ހުރީ 116 މިލިއަން ޑޮލަރުގަ އެވެ.

މި އަހަރު ފެށުނުއިރު ބޭނުންކުރެވޭ ރިޒާވުގައި ހުރީ 116 މިލިއަން ޑޮލަރެވެ. އެ ފަހުން ރިޒާވުގެ ހާލަތު ރަނގަޅުވީ، ޑޮލަރު މާރުކުރުމާއި އެމްއެމްއޭއިން އެޅި އިތުރު ފިޔަވަޅުތަކުގެ ސަބަބުން ކަމަށް މަރުކަޒީ ބޭންކުން ބުނެފައި ވެ އެވެ.

ޓްރެންޑުތައް ހުރި ގޮތުން ބެލެވެނީ މި އަހަރު ނިމޭއިރު، ޑޮލަރު ރިޒާވު ބިލިއަން ޑޮލަރަށް އެރުމުގެ ފުރުސަތު ބޮޑު ކަމަށެވެ. މިއީ އަންނަ އަހަރަށް ދައްކަން ހުރި ބޮޑު ދަރަނިތަކާއެކީ، ކޮންމެހެން ވެސް ކުރަން ޖެހިފައި އޮތް ކަމެކެވެ.