Advertisement

މުޒާހަރާގައި ހައްޔަރު ކުރި މީހުންނަށް އިހުމާލުވާތީ ހުށަހެޅި މައްސަލައިގައި ހަގީގަތެއް ނެތް ކަމަށް ބުނެ ބޭރުކޮށްލައިފި

13 އޮކްޓޯބަރު 2025 - 09:33 0

އަހުމަދު އާއިދު

އަހުމަދު އާއިދު

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ރިޔާސަތުގައި: ވޯޓަކަށް ނުގޮސް ކުއްލި މައްސަލަ ބޭރުކޮށްލަން ނިންމީ އެމަނިކުފާނު --- ފޮޓޯ: ރައްޔިތުންގެ މަޖިލިސް


މުޒާހަރާގައި ހައްޔަރު ކުރި މީހުންނަށް އިހުމާލުވާތީ ހުށަހެޅި މައްސަލައިގައި ހަގީގަތެއް ނެތް ކަމަށް ބުނެ ބޭރުކޮށްލައިފި

13 އޮކްޓޯބަރު 2025 - 09:33 0

އޮކްޓޯބަރު 3، ގައި މާލޭގައި ބޭއްވި މުޒާހަރާގެ ތެރެއިން ހައްޔަރުކުރި ހަ މީހުންނަށް އަނިޔާކޮށް، އިހުމާލުވަމުން ދާތީ ހުށަހެޅި ކުއްލި މައްސަލަ އަކީ ހަގީގަތެއް އެކުލެވޭ މައްސަލައެއް ނޫން ކަމަށް ބުނެ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އެ މައްސަލަ ބޭރުކޮށްލައިފި އެވެ.

ކެންދޫ ދާއިރާގެ މެންބަރު މައުރޫފު ޒާކިރު ހުށަހެޅުއްވި މި މައްސަލަ ބޭރުކޮށްލީ ވޯޓަކަށް ނާހަ އެވެ. ރިޔާސަތުގައި އިންނެވި އަބްދުއްރަހީމް ވިދާޅުވީ ކުއްލި މައްސަލައަކީ ހަގީގަތެއްގެ މައްޗަށް ބިނާވެ ހުށަހެޅޭ މައްސަލައަކަށް ވާންޖެހޭނެ ކަމަށެވެ.

"ހުށަހެޅުއްވި މައްސަލާގައި ޖިސްމާނީ ގޮތުން އެކިވަރުގެ ހާނިއްކަ ކޮށްފައިވާ ކަމުގެ މައުލޫމާތު ލިބެމުންދާ ކަމަށާއި އެ މީހުންގެ އަސާސީ ހައްގުތައް ފުރިހަ ނުކޮށްދޭ ކަމަށާއި، އެ މީހުންނަށް ޖިސްމާނީ ގޮތުން ހާނިއްކަ ވެފައިވާ ކަމަށާއި އެއް ހަފުތާއަށްވުރެ ގިނަ ދުވަސް ފަރުވާ ނުދީ ގަސްތުގައި ލަސްކޮށްފައިވާ ކަމަށް ހާމަވާ ކަމަށާއި އެ މީހުންގެ ތެރެއިން ދާއިމީ ބަލިތަކަށް ބޭސްކަމުންދާ މީހުންނަށް އާއިލާއިން ބޭސް ފޮނުވުމުގެ ފުރުސަތު ލަސްކޮށްފައިވާކަން އިއްޒަތްތެރި މެންބަރު ހުށަހެޅުއްވި މައްސަލާގައި ބަޔާންކޮށްފައިވާއިރު އެއީ ހަގީގަތެއްކަން އިއްޒަތްތެރި މެންބަރަށް އެ މައްސަލާގައި ބަޔާން ކޮށްދީފައިނުވާތީ،" އަބްދުއްރަހީމް ވިދާޅުވި އެވެ.

މައްސަލަ ބޭރުކޮށްލުމުން މައުރޫފު ވަނީ ނިޒާމީ މައްސަލައެއް ނަންގަވައި ކުއްލި މައްސަލަ ސާބިތުކުރަން ހެކި ހުށަހަޅަން ގަވާއިދުގައި ނޯންނަކަން ފާހަގަކުރައްވައިފަ އެވެ. އެ ހިސާބުން ވާހަކަދައްކަން ފުރުސަތު ނުދީ އަބްދުއްރަހީމް ވިދާޅުވީ ރިޔާސަތުން އަމަލުކުރާނީ ގަވާއިދާ އެއްގޮތަށް ކަމަށެވެ.

މުޒާހަރާގެ ތެރެއިން ހައްޔަރު ކުރުމަށްފަހު، ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓައި މާފުށި ކައުންސިލުގެ ރައީސް، ހަސަން ސަލާހުގެ އިނގިލި ވަނީ ބިންދާލައިފަ އެވެ. އޭނާއަށް އެކަށޭނަ ފަރުވާއެއް ނުދޭތީ ވަކީލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

މުޒާހަރާގެ ތެރެއިން ބަންދުގެ މުއްދަތު އިތުރުނުކޮށް ދޫކޮށްލީ މުހައްމަދު ޚަލަފު އިބްރާހިމް ކިޔާ މީހެކެވެ. އޭނާ ދޫކޮށްލީ ތަހުގީގަށް އެއްބާރުލުން ދޭން ޝަރުތުކޮށް، އަދި ހުއްދަ ހޯދައިގެން ނޫން ގޮތަކަށް މާލޭން ބޭރަށް ނުދެވޭ ގޮތަށެވެ. އަދި، މުޒާހަރާއިން ހައްޔަރުކުރި އައްޑޫ ސިޓީ ކައުންސިލްގެ މެންބަރު ހަސަން ޒަރީރު ވެސް މިހާރު ވަނީ ދޫކޮށްލާފަ އެވެ.

ހައްޔަރުކުރި މީހުންގެ ތެރެއިން ބަންދަށް 15 ދުވަސް ޖެހި މީހުން

  1. މަޖިލީހުގެ ކުރީގެ މެންބަރު ޔާސިރު އަބްދުއްލަތީފު
  2. ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު ޔައުގޫބު އަބްދުﷲ
  3. މާފުށީ ކައުންސިލްގެ ރައީސް ހަސަން ސޮލާހު
  4. އަލީ ޖުމާން
  5. އަޒްމީ އަލީ
  6. ހަސަން ޝާކިރު

މުޒާހަރާގައި އެތައް ހާސް ބަޔަކު ޖަމާވެ، މަޖީދީ މަގުން ހިނގާފައި ދާން ދިމާކުރުމުން، ރަޔަޓު ގިޔަރުގައި ފުލުހުން ނުކުމެ ބާރުގެ ބޭނުންކޮށް، ޕެޕަ ސްޕްރޭ ޖެހި އެވެ. އަދި ފުރަތަމަ ފަހަރަށް ސޮނިކް ވެޕަން ބޭނުންކުރި އެވެ.