Advertisement

ދެ އަހަރު ވީއިރު ވެސް އިންވެސްޓަރަކު ނުވި ނަލަންދޫ އަނެއްކާ ވެސް ބީލަމަށް

12 އޮކްޓޯބަރު 2025 - 22:29 0

އަމަން ހަލީމް

އަމަން ހަލީމް

ނަލަންދޫ މަތިން ނަގާފައިވާ މަންޒަރެއް: މިއީ ގުދުރަތީ ގޮތުން ހާއްސަ ސިފަތަކެއް ލިބިފައިވާ ރީތި ރަށެއް --- ފޮޓޯ: މޯލްޑިވްސް ވާޗުއަލް ޓުވާ


ދެ އަހަރު ވީއިރު ވެސް އިންވެސްޓަރަކު ނުވި ނަލަންދޫ އަނެއްކާ ވެސް ބީލަމަށް

12 އޮކްޓޯބަރު 2025 - 22:29 0

ރިސޯޓެއް ތަރައްގީކުރަން މީގެ ދެ އަހަރަށް ވުރެ ގިނަ ދުވަސް ކުރިން ބީލަމަށް ލާފައިވާ ށ. ނަލަންދޫގައި ރިސޯޓެއް ތަރައްގީކުރާނެ އިންވެސްޓަރަކު ވޭތޯ ޓޫރިޒަމް މިނިސްޓްރީން އަނެއްކާ ވެސް ބީލަން ހުޅުވާލައިފި އެވެ.

ގުދުރަތީ ގޮތުން ހާއްސަ ސިފަތަކެއް ލިބިފައިވާ ނަލަންދޫގައި ރިސޯޓެއް ތަރައްގީކުރެވިގެން ދިޔުމަކީ، ށ. އަތޮޅުގެ ރައްޔިތުން ވަރަށް ބޮޑަށް އެދޭ ކަމެކެވެ.

ޓޫރިޒަމް މިނިސްޓްރީން ކުރި އިއުލާނުގައި ވަނީ، އަންނަ މަހުގެ 12 ގެ ކުރިން ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފަ އެވެ. މި ރަށާ ގުޅޭ މައުލޫމަތު ދިނުން އޮންނާނީ މި މަހުގެ 23ގައި، ވާޗުއަލްކޮށެވެ.

ނަލަންދުއަކީ ވަރަށް ގިނަ އަހަރުތަކެއް ވަންދެން ލަނޑާ އާލާކުރާ ބަޔަކަށް ކުއްޔަށް ދޫކޮށްފައި އޮތް ރަށެކެވެ. މި ތަން އަތުލައި، ރިސޯޓެއް ތަރައްގީކުރަން ހުޅުވާލާނެ ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ދުވަސްވަރުގަ އެވެ.

ސޯލިހު ވަނީ ލަނޑާ އާލާކުރި މީހުންނަށް ބަދަލު ދިނުމަށް ފަހު މިތަން އަތުލައި، ރިސޯޓު ތަރައްގީކުރާ ރަށެއްގެ ގޮތުގައި ކަނޑައަޅާފަ އެވެ. އަދި އޮގަސްޓު، 2023 ގައި ފުރަތަމަ ފަހަރު ބީލަން ހުޅުވާލެވުނެވެ. އަދި އެ އަހަރުގެ އޮކްޓޫބަރުގައި ދެ ވަނަ ފަހަރަށް ހުޅުވާލެވުނެވެ.

ރިޔާސީ އިންތިހާބުގެ ކެމްޕެއިންގެ ތެރެއިން ސޯލިހު ވަނީ މި ރަށަށް އިންވެސްޓަރެއް ހަމަޖެހިފައިވާ ކަމަށް ވެސް ވިދާޅުވެފަ އެވެ. ނަމަވެސް އެއްވެސް އިރެއްގައި މި ރަށް ބަޔަކާ ހަވާލުކުރި ކަމަކަށް ބާރު ދޭނެ އެއްވެސް މައުލޫމާތެއް ނޫނީ ރެކޯޑެއް ނެތެވެ.

ށ. އަތޮޅަކީ އިންވެސްޓަރުންގެ ޝައުގުވެރިކަން އިތުރުކުރަން، ލުއިތަކެއް ދޭން ނިންމާފައިވާ ފަސް އަތޮޅުގެ ތެރެއިން އަތޮޅެކެވެ.

ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިކަން އިއުލާނުކުރައްވަމުން ރައީސް މުހައްމަދު މުއިއްޒު ވިދާޅުވީ ލޭންޑް އެކުއިޒިޝަން ކޮސްޓު ކުޑަކޮށް، އިމްޕޯޓު ޑިއުޓީން ލުއިތަކެއް ދޭން ގަވާއިދުތަކުގައި "ސަންސެޓް ކްލޯސް" ނޫނީ ވަގުތީ މާއްދާތަކެއް ހިމަނާނެ ކަމަށެވެ. އަދި ގަވާއިދުތަކަށް ގެންނަ ބަދަލުތައް "ގާތްގަނޑަކަށް ނިމެނީ" ކަމަށް ވެސް މުއިއްޒު އޭރު ވިދާޅުވި އެވެ.

ނަމަވެސް އެ ފަހުން ފަސް މަސް ވޭތުވީއިރު ގަވާއިދުތަކަށް ގެންނަން ބުނި އެއްވެސް ބަދަލެއް ނުގެނެ އެވެ. އަދި ށ. އަތޮޅާއި، އިންވެސްޓަރުންނަށް ފަހިކުރަން ލުއިދޭނެ ކަަމަށް ބުނި އަނެއް ހަތަރު އަތޮޅުގެ ރަށްތައް އިންވެސްޓަރުންނަށް މިހާރު ވެސް ލިބެން ހުރީ ކުރިން ވެސް ލިބެން ހުރި އަގުގަ އެވެ.