12 އޮކްޓޯބަރު 2025 - 20:45 0
އަމަން ހަލީމް
އޭޖީ އޮފީހަށް 75 އަހަރު ފުރުނު ޖަލްސާގައި ރައީސް މުއިއްޒު އާއި އޭޖީ އުޝާމު: މި ޖަލްސާގައި އެ އޮފީހުގެ ކުރި އާއި މިހާރުގެ މުވައްޒަފުން ބައިވެރިވެ، އެކި އިނާމުތައް ދީފައިވޭ --- ފޮޓޯ: ރައީސް އޮފީސް
12 އޮކްޓޯބަރު 2025 - 20:45 0
އެޓާނީ ޖެނެރަލް އޮފީހަށް 75 އަހަރު ފުރުން ފާހަގަކުރަން ބާސެލޯ ނަސަންދުރާގައި ބޭއްވި އަގު ބޮޑު ޖަލްސާއަށް ހިނގި ހަރަދު ހޯދަން ހުށަހެޅުމުން، އެއީ އެ އޮފީހުން ބަލަހައްޓާ މައުލޫމާތެއް ނޫން ކަމަށް ބުނެ އެ މައުލޫމާތު ދޭން އެ އޮފީހުން ދެކޮޅު ހަދައިފި އެވެ.
އެމްޑީޕީގެ ލީގަލް ޑިރެކްޓަރު، އަަހުމަދު މައުރޫފް އޭޖީ އޮފީހަށް ހުށަހެޅި އާރުޓީއައިއެއްގެ ޖަވާބުގައި އެ އޮފީހުން މިހެން ބުނިއިރު، ދައުލަތުގެ މާލިއްޔަތު ގަވާއިދުގެ ދަށުން ކޮންމެ ގޮތަކަށް މުދަލެއް ނޫނީ ހިދުމަތެއް ހޯދިޔަސް، އެ ކަމަށް ހިނގި ނުވަތަ ހިނގާނެ ހަރަދު ރެކޯޑު ކުރެވެން ޖެހޭނެ އެވެ.
އޭޖީ އޮފީހަކީ ވެސް ވަކި ބަޖެޓެއް އޮންނަ، އެ ބަޖެޓުގެ ތެރެއިން ކަނޑައެޅިފައި ހުންނަ ބަޖެޓު ކޯޑުތަކުގެ ތެރެއިން ހަރަދުކުރަން ޖެހޭ ދައުލަތުގެ ވުޒާރާއެކެވެ. މިހެންކަމުން މި ރެކޯޑުތައް ނުބަލަހައްޓާ ކަމަށް ބުނަނީ ކޮން އަސާސެއްގެ މައްޗަށް ބިނާކޮށް ކަމެއް ނޭނގުނެވެ.
އާރުޓީއައިގައި މައުރޫފު އެދުނީ، ޖަލްސާއަށް ހިނގި ޖުމްލަ ހަރަދާއި، ޖަލްސާ ބޭއްވި ތަން ކުއްޔަށް ހިފުމަށް ހިނގި ހަރަދާއި، ތަން ތައްޔާރުކުރުމަށް ހިނގި ހަރަދުގެ އިތުރުން އިވެންޓު މެނޭޖުކުރުމަށް ހިނގި ހަރަދާއި ކެއުން ހަމަޖެއްސުމަށް ހިނގި ހަރަދާއި، ހަދިޔާ އާއި އިނާމުތައް ދިނުމަށް ހިނގި ހަރަދުތައް ދިނުމަށެވެ.
ނަމަވެސް އޭޖީ އޮފީހުން ދިން ޖަވާބުގައި މިއިން އެއްވެސް ކަމަކަށް ހިނގި ހަރަދެއް ނުބުނެ އެވެ. އެ ޖަވާބު ފަށަމުން ބުނީ، އެ ޖަލްސާއަށް ހިނގި ހަރަދުތަކުގެ އިންވޮއިސްތައް ނުލިބޭތީ އެ ހަރަދުތަކުގެ ތަފުސީލު ދެވެން ނެތް ކަމަށެވެ. ޖެހިގެން އައި ޖުމްލައިގައި އޮތީ އެއީ އެ އޮފީހުން ބަލަހައްޓާ ވެސް މައުލޫމާތެއް ނޫން ކަމަށެވެ.
"... އެދިވަޑައިގެންފައިވާ މައުލޫމާތަކީ، ގާނޫނު ނަންބަރު 1/2014 (މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނު) ގެ 72 ވަނަ މާއްދާގެ (ނ) ގެ ދަށުން، މި އޮފީހުން ގެންގުޅެ ނުވަތަ ބަލަހައްޓާ މައުލޫމާތުގެ މާނައިގެ ތެރޭގައި ނުހިމެނޭ މައުލޫމާތެއްކަމަށްވާތީ، މި ވަގުތު އެ މައުލޫމާތު ފޯރުކޮށްދެވެން ނެތް ކަމުގައި ދަންނަވަން،" އޭޖީ އޮފީހުގެ ޖަވާބުގައި ބުނެފައި ވެ އެވެ.
މައުރޫފް ވަނީ މި ޖަވާބު މުރާޖާކުރަން ހުށަހަޅަން ނިންމަވާފަ އެވެ. އޭނާ ވިދާޅުވި ގޮތުގައި އިންވޮއިސްތައް ނެތަސް އެއްބަސްވި އަގުތައް އޭޖީ އޮފީހުގައި ހުންނަން ވާނެ އެވެ.
އޭޖީ އޮފީހުގެ އަލިމަސް ޔޫބިލް ފާހަގަކުރަން ބޭއްވި ޖަލްސާގެ ހަރަދުތައް ދޭން އެ އޮފީހުން ދެކޮޅު ހެދިއިރު، މި ސަރުކާރުގެ އެއްވެސް ވުޒާރާއަކުން އެއްވެސް ކަމެއްގައި މައުލޫމާތު ހޯދުމަކީ އުނދަގޫ ކަމެކެވެ. ގިނަ އާރުޓީއައިތަކުގެ ޖަވާބު އެތައް ދުވަހެއް ފަހުން ލިބޭއިރު، ޖަވާބު ދޭ ފަހަރެއްގައި މަސައްކަތް ކުރަނީ ގާނޫނުގެ ކޮންމެ ވެސް ބާގަނޑެއް ބޭނުންކޮށްގެން އެ މައުލޫމާތުގެ ބޮޑު ބައި ނޫނީ އެއްކޮށް ހިފެހެއްޓޭތޯ އެވެ.
Comment