Advertisement

އައްޑޫ ކައުންސިލްތައް ވަކިކުރާ ވޯޓުން މީދޫ އާއި ހުޅުދޫ އެއް ކައުންސިލަކުން ހިންގަން ފެނޭތޯ އޮތް ސުވާލު އުނިކޮށްފި

12 އޮކްޓޯބަރު 2025 - 18:03 3

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން

މީގެ ކުރިން ރައީސް އޮފީހުގައި އޮތް ބައްދަލުވުމެއްގައި ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒު ވާހަކަދައްކަވަނީ -- ފޮޓޯ: ރައީސް އޮފީސް


އައްޑޫ ކައުންސިލްތައް ވަކިކުރާ ވޯޓުން މީދޫ އާއި ހުޅުދޫ އެއް ކައުންސިލަކުން ހިންގަން ފެނޭތޯ އޮތް ސުވާލު އުނިކޮށްފި

12 އޮކްޓޯބަރު 2025 - 18:03 3

އައްޑޫ ސިޓީ ކައުންސިލް އެއް ކައުންސިލެއްގެ ގޮތުގައި ބޭއްވުމުގެ ބަދަލުގައި ވަކިވަކި ރަށްރަށުގައި ކައުންސިލްތައް ގާއިމު ކުރުމާ ގުޅޭ ގޮތުން އާންމުންގެ ހިޔާލު ހޯދުމަށް ނަގާ ވޯޓުން އެ އަތޮޅު ހުޅުދޫ އާއި މީދޫ އެއް ކައުންސިލެއްގެ ދަށުން ހިންގަން ފެނޭތޯ އޮތް ސުވާލު ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒު މިއަދު އުނިކުރައްވައިފި އެވެ.

އައްޑޫ ހުޅުދޫ އާއި މީދޫ އެއް ކައުންސިލެއްގެ ދަށުން ހިންގަން ފެނޭތޯ އެހުމަށް ނިންމި ނިންމުން ބަދަލު ކުރެއްވީ މިއަދު އޮތް ވަޒީރުންގެ މަޖިލީހުން އެގޮތަށް ފާސްކުރުމަށްފަހު ރައީސުލްޖުމްހޫރިއްޔާ ނެރުއްވި ގަރާރަކުންނެވެ.

އެހެންކަމުން މިމަހު 25 ގައި އޮންނަ ވޯޓުގައި ދެން ހިމެނޭނީ ހުޅުދޫ އަދި މީދޫގައި ވަކި ކައުންސިލްތަކެއް ގާއިމު ކުރުމަށް ފެނޭތޯ އާއި އައްޑޫ ފޭދޫގައި ވަކި ކައުންސިލެއް ގާއިމު ކުރުމާ ބެހޭ ސުވާލުތައް އެކަންޏެވެ.

މީގެ ކުރިން ރައީސުލްޖުމްހޫރިއްޔާ ނިންމާފައި އޮތީ ހުޅުދޫ އާއި މީދޫ އެއް ކައުންސިލެއްގެ ދަށުން ހިންގުމާ ގުޅޭގޮތުން ވެސް ރައްޔިތުންގެ ހިޔާލު ހޯދުމަށެވެ.

އައްޑޫ ކައުންސިލްތައް އެކުލެވިގެންވާ ގޮތް ބަދަލު ކުރުމާ ގުޅޭގޮތުން ވޯޓެއް ނަގަން ވަޒީރުންގެ މަޖިލީހުން ނިންމީ އޮކްޓޫބަރު 5، ގަ އެވެ. އެ ނިންމުން ވަޒީރުންގެ މަޖިލީހުން ނިންމީ އެކަން އެގޮތަށް ކޮށްދިނުމަށް އެދި އައްޑޫ ރައްޔިތުންގެ ތެރެއިން ބަޔަކު ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒުގެ އަރިހުގައި އެދިވަޑައިގެންނެވި ކަމަށް ބުނެ އެވެ.

އެ ވޯޓުގެ ނަތީޖާއާ ގުޅިގެން އައްޑޫގެ އެކި ރަށްރަށުގެ އިހުތިސާސަށް އަތުވެދާނެ ބަދަލުތައް ދެނެގަތުމަށް ލޯކަލް ގަވަމެންޓް މިނިސްޓްރީ އާއި އައްޑޫގެ ކަންކަން އެނގޭ ފަންނީ މާހިރުންގެ ޓީމެއް އެކުލަވައިލައި ރަށްރަށުގެ އިހުތިސާސްއާ ގުޅޭ މަސައްކަތްތަކެއް ފެށުމަށް ވެސް ވަޒީރުންގެ މަޖިލީހުން ނިންމާފައިވާ ކަމަށް ރައީސް އޮފީހުން ބުންޏެވެ.