Advertisement

އެޗްޑީސީން ވެސް ކުއްޔަށް ދޫކޮށްފައި ހުރި ފްލެޓުތަކުގެ މައްސަލައިގައި ފިޔަވަޅު އަޅަނީ

12 އޮކްޓޯބަރު 2025 - 14:38 1

އަމަން ހަލީމް

އަމަން ހަލީމް

ހުޅުމާލޭ ފޭސް ދޭއްގައި އިމާރާތްކޮށްފައިވާ ހިޔާ ފްލެޓުތައް. މި ފްލެޓުތަކުގެ ގިނަ ޔުނިޓުތައް ވެސް ހުންނަނީ ދެވަނަ ފަރާތަކަށް ކުއްޔަށް ދޫކޮށްފައި --- ފޮޓޯ: އަދަދު ފައިލް


އެޗްޑީސީން ވެސް ކުއްޔަށް ދޫކޮށްފައި ހުރި ފްލެޓުތަކުގެ މައްސަލައިގައި ފިޔަވަޅު އަޅަނީ

12 އޮކްޓޯބަރު 2025 - 14:38 1

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ތަރައްގީކޮށްފައި ހުރި ސޯޝަލް ހައުސިން ޔުނިޓުތައް ދީފައި ހުރި މީހުންގެ ތެރެއިން އެ ތަންތަން ކުއްޔަށް ދީފައި ތިބި މީހުންނާ ދެކޮޅަށް ފިޔަވަޅު އަޅާނެ ކަމަށް އެ ކޯޕަރޭޝަނުން މިއަދު ބުނެފި އެވެ.

އެޗްޑީސީން މި އިލްތިމާސްކޮށްފައި މި ވަނީ، އެންމެ ފަހުން ސަރުކާރުން ހިނގި ސޯޝަލް ހައުސިން މަޝްރޫއުގެ ދަށުން، ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ދިން ފްލެޓުތައް ބޮޑު އަގުގައި ކުއްޔަށް ދޭން އުޅުނު މައްސަލައެއް ހޫނުވެފައި ވަނިކޮށެވެ.

މި މައްސަލައިގައި އެފްޑީސީ އާއި ސަރުކާރުން ވެސް ވަނީ، ސޯޝަލް ހައުސިން ޔުނިޓުތައް ތިން ވަނަ ފަރާތަކަށް ކުއްޔަށް ދިނުމަކީ ފްލެޓު އެއްބަސްވުންތަކާ ހިލާފު ކަމެއް ކަމަށް ބުނެ، އެ ތަންތަން އަތުލާނެ ކަމުގެ އިންޒާރު ދީފަ އެވެ.

ކުއްޔަށް ދީފައި ހުރި ފްލެޓުތަކުގެ މައްސަލައިގައި އެޗްޑީސީން ވެސް ވަނީ މިއީ ފްލެޓު އެއްބަސްވުންތަކާ ހިލާފު ކަމެއް ކަމަށް ބުނެފަ އެވެ. އަދި ފްލެޓުތައް ކުއްޔަށް ދީފައި ހުރިތޯ ބެލުމަށް ފަހު، ފިޔަވަޅު އަޅަމުން ގެންދާނެ ކަމަށް އެ ކޯޕަރޭޝަނުން ބުންޏެވެ.

ފިޔަވަޅު އަޅާނެ ކަމަށް ބުނި ނަމަވެސް، އެފްޑީސީން ފްލެޓު އަތުލާނެ ކަމަށް ބުނި ފަދައިން، އެއީ ކޮން ފިޔަވަޅެއް ކަމެއް އެޗްޑީސީން ނުބުނެ އެވެ.

އެފްޑީސީ ފްލެޓުތަކުގެ މައްސަލަ ހޫނުވުމުން އެޗްޑީސީން މިހެން ބުނި ނަމަވެސް، ސޯޝަލް ހައުސިން ޔުނިޓުތައް ކުއްޔަށް ދިނުމުގެ މައްސަލައަކީ ހުޅުމާލޭގައި ރައީސް މައުމޫން ދައުރުގައި ފްލެޓުތައް ދޫކުރި ހިސާބުން ވެސް ކުރަމުން އައި ޝަކުވާއެކެވެ. ނަމަވެސް މިހާތަނަށް އެޗްޑީސީން މިކަމުގައި ފިޔަވަޅު އަޅާނެ ކަމަށް ބުނުމުގެ އިތުރަށް، މިކަން ހުއްޓުވަން ކުރި މަސައްކަތެއް ނެތެވެ.

އެޗްޑީސީން ދުވަހަކު ވެސް މި މައްސަލައިގައި ފިޔަވަޅެއް ނާޅަ އެވެ.