12 އޮކްޓޯބަރު 2025 - 13:13 0
ލީވާން އަލީ ނާސިރު
މާރާމާރީގެ ދެ މައްސަލައެއްގައި ހައްޔަރުކުރި ހަ މީހުން: އޭގެ ތެރެއިން ހަތަރު މީހަކު ވަނީ ޝަރީއަތް ނިމެންދެން ބަންދުކޮށްފައި -- ފޮޓޯ: ފުލުހުން
12 އޮކްޓޯބަރު 2025 - 13:13 0
މާރާމާރީގެ ދެ މައްސަލައެއްގައި މާލެއިން ހަ މީހަކު ފުލުހުން ހައްޔަރުކޮށްފި އެވެ.
އެ މީހުން ހައްޔަރު ކުރީ އޮކްޓޯބަރު 4، އަދި އޮކްޓޯބަރު 7، ގައި ހިންގި މާރާމާރީއެއްގެ މައްސަލައިގަ އެވެ. އެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން ވަނީ ބަންދުކޮށްފަ އެވެ.
އޮކްޓޯބަރު 4، ގެ ރޭގަނޑު 20:30 ހާއިރު މއ. ރީނދޫމާގެ ކައިރީގައި ޕާކު ކޮށްފައި ހުރި ސައިކަލެއް މަތީގައި އިން މީހަކަށް ނުރައްކާތެރި ހަތިޔާރު ބޭނުންކޮށްގެން ހަމާލާދީ މާރާމާރީ ހިންގި މައްސަލައަކާ ގުޅިގެން ހަތަރު މީހަކު ވަނީ ހައްޔަރުކޮށްފަ އެވެ.
އެ މައްސަލައާ ގުޅިގެން ހައްޔަރުކުރީ ގއ. މާމެންދޫ، މޯރާ، ތާއިފް ރަފީގު، 26، އާއި ގދ. ރަތަފަންދޫ، ސަންރައިސް، އަމްސަލް އަބްދުﷲ، 25، އާއި ލ. ގަން، ތުނޑި، ރޯސްބަޑް، އަހްމަދު ނީޒާދު، 29، އަދި ގދ. ތިނަދޫ، ގުލްބަކާގެ، އަބްދުﷲ އިސްރާގް، 19، އެވެ.
އެ ހަތަރު މީހުންގެ ބަންދާ މެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރު ކުރުމުން ޝަރީއަތް ނިމެންދެން ބަންދު ކުރުމަށް ވަނީ އަމުރުކޮށްފަ އެވެ.
އޮކްޓޯބަރު 7، ގެ އިރުއޮއްސި 18:10 ހާއިރު ސައިކަލެއްގައި ގޮސް، ބޮޑުތަކުރުފާނު މަގު ޕޯސްޓު އޮފީސް ކައިރީގައި ހުރި މީހަކާ މާރާމާރީ ހިންގި މައްސަލައަކާ ގުޅިގެން ހައްޔަރުކުރީ ތ. ގާދިއްފުށި، މުސްތަރީގެ، ޝަމާލް ހުސައިން، 22 އަދި ލ. މާމެންދޫ، މުރިނގި، ރަޖުވާން ލަތީފް، 24، އެވެ.
އެ މައްސަލައިގައި ޝަމާލް ހުސައިން އަދި ރަޖުވާން ލަތީފްގެ ބަންދާ މެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރު ކުރުމުން 15 ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފަ އެވެ.
ދެ މާރާމާރީގައި އަނިޔާވި މީހުންނަށް ހޮސްޕިޓަލުގައި ފަރުވާ ދިނުމަށްފަހު ވަނީ ދޫކޮށްލާފަ އެވެ.
Comment