Advertisement

ދެ ކޮންޓެއިނަރު ހަތިޔާރު އެތެރެކޮށް ވަގަށް ބޭރުކުރެވިދާނެ ކަމަށް މިހާރު ރައްޔިތުން ގަބޫލުކުރާނެ: އައްބާސް

12 އޮކްޓޯބަރު 2025 - 14:04 1

ސާއިފް ޝިޔާދު

ސާއިފް ޝިޔާދު


ދެ ކޮންޓެއިނަރު ހަތިޔާރު އެތެރެކޮށް ވަގަށް ބޭރުކުރެވިދާނެ ކަމަށް މިހާރު ރައްޔިތުން ގަބޫލުކުރާނެ: އައްބާސް

12 އޮކްޓޯބަރު 2025 - 14:04 1

ރާއްޖެއަށް ދެ ކޮންޓެއިނަރުގެ ހަތިޔާރު އެތެރެކުރުމަށް ފަހު ވަގަށް ބޭރު ކުރެވިދާނެ ކަމަށް މިހާރު ދިވެހި ރައްޔިތުން ގަބޫލުކުރާ ކަމަށް ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސް ވިދާޅުވެއްޖެ އެވެ.

ރާއްޖެއަށް ވަގަށް އެތެރެކުރަނިކޮށް ކަސްޓަމްސް އިން ހިފަހައްޓާފައި އެމްޕީއެލްގެ ބެލުމުގެ ދަށުގައި ހުޅުމާލެ ޕޯޓުގައި ބަހައްޓާފައި ހުރި ދެ ކޮންޓެއިނަރުގެ ސިނގިރޭޓު ވަގަށް ނެގުމާ ގުޅިގެން އައްބާސް ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. ދައުލަތުގެ އިދާރާތަކުގެ ވެރިންނަށް އިތުބާރު ކުރަނީ ކިހިނެއްތޯ އައްބާސް ވަނީ އައްސަވާފަ އެވެ.

"ކަސްޓަމްސް ގެ ވެރިންނަށް ރައްޔިތުން އިތުބާރު ކުރާނީ ކިހިނެއްތޯ؟ އެމްޕީއެލްގެ ވެރިނަނަށް އިތުބާރު ކުރާނީ ކިހިނެއްތޯ؟ ޕޮލިސް އިންޓެލިޖެންސް އަށް ރައްޔިތުން އިތުބާރު ކުރާނީ ކިހިނެއްތޯ؟ ރައީސް މުއިއްޒު ދައުލަތުގެ އެކި މަގާމުތަކަށް އައްޔަން ކުރައްވާފައި ވަނީ ހަމަ ސީދާ ބޮޑެތި ވަގުން ނޫނޭ ރައްޔިތުން ބުނާނީ ކިހިނެއްތޯ؟،" އައްބާސް އެކްސްގައި ލިޔުއްވި އެވެ.

މި ނޫހަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މި މައްސަލާގައި ހިމެނެނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލުގެ މަސައްކަތަށް ކަމަށް ބުނެ ގެނައި ދެ ކޮންޓެއިނަރު ވަގު ސިނގިރޭޓެވެ. މި ދެ ކޮންޓޭނަރު ކަސްޓަމްސް އިން ހިފެހެއްޓީ އެޕްރީލް މަހުގެ ފަހު ކޮޅު އެވެ.

"ރައީސް މުއިއްޒުގެ ބަހާއި އަމަލު ދިމާވޭ ރައްޔިތުން ބުނާނީ ކިހިނެއްތޯ؟ އަޅުގަނޑު މި ދައްކަނީ ދައުލަތަށް ލިބެންޖެހޭ 100 މިލިއަން ރުފިޔާ ވަގަށް ނެގި ވާހަކަ..މި ހާ ދޯހޮޅި ކޮށް ސަރުކާރު ހިންގައިގެން ރައްޔިތުން މިތިބި ނިކަމެތި ހާލަތުން އަރައިގަންނާނީ ކިހިނެއްތޯ؟،" އައްބާސް ވިދާޅުވި އެވެ.

އެއާޕޯޓުގެ މަސައްކަތް ކުރަނީ ސައޫދީ އަރަބިއްޔާގެ ބިންލާދިން ގްރޫޕުންނެވެ. ކޮންޓެއިނަރުތައް އެތެރެ ކުރީ އެ ކުންފުނިން ކަން މި ނޫހަށް ވަނީ ކަށަވަރުވެފަ އެވެ. ކަސްޓަމްސް އިން ކޮންޓެއިނަރުތައް އަތުލައިގަނެ ބަހައްޓާފައި ހުރީ އެމްޕީއެލްގެ ހުޅުމާލޭ ޕޯޓުގަ އެވެ. އެ ކޮންޓެއިނަރުތައް ހުރީ އެމްޕީއެލްގެ ބެލުމުގެ ދަށުގަ އެވެ.

އިތުބާރުހުރި މަސްދަރަކުން މި ނޫހަށް މައުލޫމާތު ދިން ގޮތުގައި އެ ކޮންޓޭނަރުތަކުގައި ހުރި ސިނގިރޭޓުތައް ވަގަށް ނެގި ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް މައުލޫމާތު ލިބިގެން ބެލިއިރު ހުރީ ހުސް ކޮންޓެއިނަރެވެ. ސެކިއުރިޓީ ގާޑުންނާއި ކެމެރާތައް ހުންނަ މި ސަރަހައްދުގައި ހުރި ބޮޑު ދެ ކޮންޓެއިނަރަކުން ގިނަ އަދަދެއްގެ ސިނގިރޭޓު ގެެއްލުނު ގޮތް ސާފެއް ނޫނެވެ.

ސިނގިރޭޓުގެ އަގު ބޮޑުކޮށް ރާއްޖެއިން ވޭޕް މަނާ ކުރި ފަހުން މާލެ ތެރޭގައި ވަގު ސިނގިރޭޓު ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ. ސިނގިރޭޓު އެތެރެ ކުރެވޭނީ އެކަމުގެ ހުއްދަ ނަގާފައިވާ ކުންފުނިތަކަށް އެކަންޏެވެ.