12 އޮކްޓޯބަރު 2025 - 12:04 2
ލީވާން އަލީ ނާސިރު
ރައީސް މުހައްމަދު މުއިއްޒު: އިމާރާތްތަކާއި އަތުން ހިފޭ ތަރައްގީއަށްވުރެ ބޮޑަށް ދެން ދާން އޮތް ދުނިޔެއަށް ތައްޔާރުވުން މުހިންމު ކަމަށް ވިދާޅުވި -- ފޮޓޯ: ރައީސް އޮފީސް
12 އޮކްޓޯބަރު 2025 - 12:04 2
ދުނިޔޭގެ ތަރައްގީއަށްވުރެ މުހިންމީ އާހިރަތަށް ތައްޔާރުވުން ކަމަށް ރައީސް މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
37 ވަނަ ގައުމީ މުބާރާތް ނިންމުމުގެ ރަސްމިއްޔާތުގައި މުއިއްޒު ވިދާޅުވީ އިމާރާތްތަކާއި އަތުން ހިފޭ ތަރައްގީއަށް ވުރެ ބޮޑަށް ދެން ދާން އޮތް ދުނިޔެއަށް ތައްޔާރުވުން މުހިންމު ކަމަށެވެ.
"މި އަޅުގަނޑުމެން އެންމެ އިސްކަމެއް މި ދޭން ޖެހެނީ މިދެންނެވި އިމާރާތްތަކާއި އަތުން މި ހިފޭ ތަރައްގީއަށް ވުރެ ބޮޑަށް އަޅުގަނޑުމެންގެ ދެން ދާން އޮތް ދުނިޔެއަށް ތައްޔާރު ވުމަށް. އަޅުގަނޑުމެންނަށް އެބައޮތް ﷲ ސުބުހާނަހޫ ވަތައާލާ ދެއްވާފައި. އެ ނިއުމަތް. އެއަށްވުރެ ބޮޑު ނިއުމަތެއް ނެތޭ،" މުއިއްޒު ވިދާޅުވި އެވެ.
މުއިއްޒު ވިދާޅުވީ ވަށާޖެހޭ ތަރައްގީއަކީ ސިކުނޑިތަކާއި ވިސްނުން ތަރައްގީކޮށް، އަމަަލާއި ބަސް އިސްލާމް ދީނުގައި އަންގަވާފައިވާ ގޮތަށް ކުރިއަށް ގެންދިއުން ކަމަށެވެ. އެ ގޮތުން މުއިއްޒު ވިދާޅުވީ އެ ތަރައްގީ ގެނެވޭނީ އަމިއްލައަށް ކަމަށާއި ސަރުކާރަކަށް ކޮށްދެވޭނެހާ ވެސް ކަމަކީ ހިތްވަރުދީ އެކަމަށް މަގުފަހިކޮށްދިނުން ކަމަށެވެ.
"ހުރިހާ ފަރާތްތަކުން ވެސް އިސްކަން ދޭންވީ އަޅުގަނޑުމެންގެ ތުއްތު ކުދިންނާއި. އަޅުގަނޑުމެން އަމިއްލައަށާއި މިދެންނެވި ގޮތުން އަޅުގަނޑުމެންގެ ވިސްނުމާއި ހިޔާލާއި ފިކުރާއި އަމަލުތައް ތަރައްގީކުރަން. އެ ތަރައްގީ އޮތީ ﷲ ސުބްހާނަހޫ ވަތައާލާ ބާވައިލައްވާފައި ކީރިތި ގުރުއާނުގައި،" މުއިއްޒު ވިދާޅުވި އެވެ.
މި ގައުމުގެ އެންމެން އެކަތިގަނޑެއް ގޮތަށް މަސައްކަތް ކޮށްފިނަމަ، މުސްތަގުބަލު އޮތީ ވަރަށް އުޖާލާކޮށް ކަމަށް މުއިއްޒު ވިދާޅުވި އެވެ. މުއިއްޒު ވިދާޅުވީ މި ކުޑަ މުޖުތަމައުގައި ދީނުގައި ނަހީކޮށްފައިވާ ކަންކަމާ ދުރުހެލިވުމަކީ އެންމެ އެކަތިގަނޑެއް ގޮތުގައި މަސައްކަތްކޮށްފި ނަމަ ހާސިލު ކުރެވޭނެ ކަމެއް ކަމަށެވެ.
މުއިއްޒު ވިދާޅުވީ ގައުމެއްގެ ހާލަތު ބަދަލުވާނީ އެ ގައުމެއްގެ ރައްޔިތުން އެގޮތަށް ކުރިއަށްދާން ބޭނުންވެގެން ކަމަށާއި އެގޮތަށް ގައުމުގެ ހުރިހާ ރައްޔތިުން އެކަތިގަނޑެއް ގޮތަށް މަސައްކަތް ކުރާނެ ކަމަށް އުންމީދު ކުރާ ކަމަށެވެ.
Comment