Advertisement

ޕާކިސްތާނާއި އަފްގާނިސްތާނު ބޯޑަރުގައި ބޮޑެތި ހަމަނުޖެހުންތަކެއް

12 އޮކްޓޯބަރު 2025 - 11:34 0

އަރުޝަމް އަބްދުالله

އަރުޝަމް އަބްދުالله


ޕާކިސްތާނާއި އަފްގާނިސްތާނު ބޯޑަރުގައި ބޮޑެތި ހަމަނުޖެހުންތަކެއް

12 އޮކްޓޯބަރު 2025 - 11:34 0

ޕާކިސްތާނާއި އަފްގާނިސްތާނުގެ ބޯޑަރުގައި ބޮޑެތި ހަމަނުޖެހުންތަކެއް ހިނގައިފި އެވެ.

މި ހަމަނުޖެހުންތައް ހިނގާފައި މިވަނީ އޮކްޓޯބަރު 10 ވަނަ ދުވަހު އަފްގާނިސްތާނުގެ ވެރިރަށް ކާބުލްގެ އިތުރުން އެ ގައުމުގެ ޕްރޮވިންސެއް ކަމަށްވާ ޕަކްޓިކާ އަށް ވައިގެ މަގުން ދިން ހަމަލާތަކުގެ ތުހުމަތު އަފްގާނިސްތާނުން ޕާކިސްތާނަށް ކޮށްފައިވާ ދަނޑިވަޅެއްގަ އެވެ.

މި ތުހުމަތައް ފަހު އަފްގާނިސްތާނުގެ ތާލިބާނުން ބާރުތަކުން މި ހަމަލާއަށް ރައްދު ދީފައި މި ވަނީ ބޯޑަރު ކައިރީގައި ހުރި ޕާކިސްތާނުގެ އެކި އަސްކަރީ މަރުކަޒުތަކަށް ހަމަލާދީގެންނެވެ. ކުއްރަމް، ކުނަރު އަދި ނަންގަރުހާރު ފަދަ ސަރަހައްދުތަކުގައި ދެ ފަރާތުން ވެސް ހަމަލާ ދިނުމުގައި ބޭނުންކޮށްފައިވަނީ ބޮޑެތި ހަނގުރާމަ މަތީ ޓޭންކަރު ފަދަ ބޮޑެތި ހަތިޔާރުތަކެވެ.

ދެ ގައުމުގެ މި ހަމަލާތަކަށް ފަހު މިހާތަނަށް މަރުވެފައިވާ އަދި ޒަހަމްވެފައިވާ މީހުންގެ އަދަދު ސާފުކޮށް އެނގިފައެއް ނުވެ އެވެ. ނަމަވެސް، ޕާކިސްތާނުގެ ކުއްރަމްގައި ދިން ހަމަލާތަކުގައި އާންމުންގެ އެކަކު މަރުވެފައިވާކަމަށް ރިޕޯޓުކޮށްފައިވެ އެވެ.

ޕާކިސްތާނުގެ އޮފިޝަލުން ބުނާ ގޮތުގައި އަފްގާނިސްތާނުގެ ބާރުތަކުން ޕާކިސްތާނުގެ ބޯޑަރު ޕޯސްޓުތަކަށް ހަމަލާދީފައިވާއިރު، އަފްގާނިސްތާނުން ބުނަމުން ގެންދަނީ ޕާކިސްތާނުން އެ ގައުމުގެ ވައިގެ ސަރަހައްދު ހުރަސްކޮށް ވައިގެ މަގުން ހަމަލާދީފައިވާ ކަމަށެވެ.

ޕާކިސްތާނުން ބުނާ ގޮތުގައި ޓެހްރީކް.އި.ތާލިބާން (ޓީޓީޕީ) ފަދަ ގްރޫޕުތަކުން އަފްގާނިސްތާނު ބޭނުންކުރަނީ ޕާކިސްތާނަށް ހަމަލާ ދިނުމަށެވެ. އަދި މިކަމަށް އަފްގާނިސްތާނުގެ ސަރުކާރުން އެއްބާރުލުން ދެމުން ގެންދާކަމަށް ޕާކިސްތާނުން ތުހުމަތު ކުރެ އެވެ. އެހެން ނަމަވެސް, އަފްގާނިސްތާނުގެ ސަރުކާރުން މިކަން ދޮގުކޮށް، އިތުރު ހަމަލާތައް ނުދިނުމަށް ޕާކިސްތާނަށް ވަނީ އިންޒާރު ދީފަ އެވެ.

ދެ ގައުމުގެ ދެމެދުގައި ގޯސްވެފައިވާ އޮތް ގުޅުން ރަނގަޅު ކުރުމަށް ގޮންޖެހުންތައް އިތުރުވަމުންދާއިރު، ދެ ގައުމުން މަޝްވަރާގެ މޭޒުދޮށަށް އައިސް ބޯޑަރުގެ މައްސަލަތައް ހައްލުކުރުމަށް ސުލްހަވެރި މަގެއް ނުހޯދައިފިނަމަ, މި ހާލަތު އިތުރަށް ގޯސްވެދާނެކަމަށް ތަޖުރިބާކާރުން ދެކެ އެވެ.