Advertisement

ޒަހަރެއް ދީ ހުޅުދޫ ޕާކުގައި އުޅުނު އަސްދޫނިތަކާއި މަސްތައް މަރާލި މައްސަލަ ބަލަނީ، މީހަކު ހައްޔަރެއް ނުކުރޭ

12 އޮކްޓޯބަރު 2025 - 10:35 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

ހުޅުދޫ ޑަކް ޕާކް: އެތަނުގައި ގެންގުޅުނު ގިނަ އަދަދެއްގެ އަސްދޫނިތައް ވަނީ މަރުވެފައި -- ފޮޓޯ: ޖަމްބެ


ޒަހަރެއް ދީ ހުޅުދޫ ޕާކުގައި އުޅުނު އަސްދޫނިތަކާއި މަސްތައް މަރާލި މައްސަލަ ބަލަނީ، މީހަކު ހައްޔަރެއް ނުކުރޭ

12 އޮކްޓޯބަރު 2025 - 10:35 0

އައްޑޫ ސިޓީ ހުޅުދޫ ޑަކު ޕާކުގައި އުޅުނު އަސްދޫނިތަކާއި މަސްތައް ޒަހަރެއް ދީ ބަޔަކު މަރާލި ކަމަށް ތުހުމަތު ކުރެވޭތީ އެ މައްސަލަ ފުލުހަށް ހުށަހެޅުމާއެކު ތަހުގީގު ކުރަން ފަށައިފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް އަދަދު އަށް ވިދާޅުވީ އެ މައްސަލަ ހުށަހެޅުމާއެކު ކަމާ ގުޅުންހުރި އިދާރާތަކާ ގުޅިގެން ތަހުގީގު ފަށާފައިވާ ކަމަށާއި އެކަމަކު މިހާތަނަށް އެއްވެސް މީހަކު ހައްޔަރު ނުކުރާ ކަމަށެވެ.

"ކަމާ ގުޅުންހުރި އިދާރާތަކާ ގުޅިގެން މައްސަލައިގެ ތަހުގީގު ކުރިއަށް ގެންދަނީ. އަދި އިތުރު އަޕްޑޭޓެއް ނެތް،" އޭނާ ވިދާޅުވި އެވެ.

ހުޅުދޫ ކައުންސިލަރު، ހުސައިން ފާއިޒް އަދަދު އަށް ވިދާޅުވީ ޑަކު ޕާކްގައި ހުރި ދިރޭ އެއްޗިއްސަށް ބަޔަކު އެއްޗެއް ކާންދީގެން މަރައިލީ ކަމަށް ބެލެވޭ ކަމަށެވެ. އޭގެ ސަބަބުން އަސްދޫންޏާއި ދޫންޏާއި ގިނަ އަދަދެއްގެ މަސް މަރުވެފައިވާ ކަމަށް އޭނާ ބުންޏެވެ.

"ސީދާ ސަބަބު އަޅުގަނޑުމެންނަކަށް ނުއެއް އެނގޭ. އެކަމަކު ބޮޑަށް ހީވަނީ ކޮންމެވެސް އެ އެއްޗިއްސަށް އެއްޗެއް އަޅައިގެން ކާންދީފައި. ނޫނީ ފެންގަނޑަށް އެއްޗެއް އަޅައިގެން ވެފައި އިން ގޮތެކޭ. އެތާ ހުރި ހުރިހާ އަސްދޫންޏެއްހެން މަރުވީ. އެންމެ އެއްޗެއް ބާކީ އިނީ. އޭތިވެސް ބަލި،" އޭނާ ވިދާޅުވި އެވެ.

ޖުމްލަ އަށް އަސްދޫނި ހުޅުދޫ ޑަކް ޕާކްގައި ގެންގުޅުނެވެ. އޭގެ ތެރެއިން އެންމެ އަސްދޫންޏެއް ބާކީ ހުރިއިރު، އެ އަސްދޫނި ވެސް ބަލިކޮށް އުޅޭތީ ސަލާމަތްވާނެ ކަމުގެ އުންމީދެއް ނެތެވެ.

ހުޅުދޫ ޑަކް ޕާކަކީ އެ ރަށު ކައުންސިލުގެ އިތުރުން ވަކިން ހާއްސަކޮށް އެ ރަށުގެ ރައްޔިތުން ހަރަދުކޮށްގެން ތަރައްގީކޮށްފައިވާ ތަނެކެވެ.

މީގެ އަހަރެއްހާ ދުވަސް ކުރިން ހުޅުވި ހުޅުދޫ ޑަކް ޕާކަށް ދުވާލެއްގެ މައްޗަށް 50 އެއްހާ މީހުން ޒިޔާރަތް ކުރެ އެވެ. އޭގެއިތުރުން ހަފްތާ ބަންދުތަކުގައި އަދި ސްކޫލް ޗުއްޓީތަކުގައި 200 އަށްވުރެ ގިނަ މީހުން ވެސް ޒިޔާރަތްކުރެ އެވެ.