Advertisement

މުޒާހަރާއިން ހައްޔަރު ކުރި މީހުންގެ ބަންދަށް 15 ދުވަސް ޖަހަން އެންގީ ސީދާ އިހުސާން: މައުރޫފު

12 އޮކްޓޯބަރު 2025 - 09:11 1

އަހުމަދު އާއިދު

އަހުމަދު އާއިދު

ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު މައުރޫފު ޒާކިރު: އޭނާ ވިދާޅުވީ އޮކްޓޯބަރު 3، މުޒާހަރާގެ ބައިވެރިންގެ ބަންދަށް 15 ދުވަސް ޖަހަން އެންގީ ހޯމް މިނިސްޓަރު އިހުސާން ކަމަށް --- ފޮޓޯ: މިރާޝް ނާޝިމް/އަދަދު


މުޒާހަރާއިން ހައްޔަރު ކުރި މީހުންގެ ބަންދަށް 15 ދުވަސް ޖަހަން އެންގީ ސީދާ އިހުސާން: މައުރޫފު

12 އޮކްޓޯބަރު 2025 - 09:11 1

އޮކްޓޯބަރު 3، ގައި މާލޭގައި ބޭއްވި މުޒާހަރާގެ ތެރެއިން ހައްޔަރުކުރި ހަ މީހުންގެ ބަންދަށް 15 ދުވަސް ޖަހަން ކޯޓަށް އެންގީ ހޯމް މިނިސްޓަރު އަލީ އިހުސާން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު މައުރޫފު ޒާކިރު ވިދާޅުވެއްޖެ އެވެ.

މުޒާހަރާގެ ކުރީ ސަފުގައި ހަރަކާތްތެރިވި މައުރޫފު މިހެން ވިދާޅުވީ، އެމްޑީޕީން އޮކްޓޯބަރު 3، ގައި ބޭއްވި މުޒާހަރާގެ ތެރެއިން މާފުށި ކައުންސިލްގެ ރައީސް ހަސަން ސޮލާހު ހައްޔަރުކޮށްފައިވާތީ ރޭ އެ ރަށުގައި އެމްޑީޕީން ބޭއްވި ޖަލްސާއެއްގައި ވާހަކަ ދައްކަވަމުންނެވެ.

މައުރޫފު ވިދާޅުވީ، އާންމު އުސޫލެއްގެ ދަށުން މުޒާހަރާތައް ރޫޅާލުމުގެ ތެރެއިން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދާ މީހުން ކޯޓަށް ހާޒިރުކުރުމެއްނެތި ދޫކޮށްލާ ކަމަށެވެ. ނަމަވެސް، މި ހަ މީހުންގެ ބަންދަށް 15 ދުވަސް ޖެހީ މި ސަރުކާރުން ނިޒާމު ފުނޑާލާފައިވާތީ ކަމަށެވެ.

"އަޅުގަނޑު ކައިރީގައި މި މައްސަލައިގައި އުޅުނު ހައްޔަރީންގެ ތެރެއިން [މައްސަލަ ބެލި] އައިއޯ އެއް ދެންނެވި ވާހަކައެއް އަޅުގަނޑު ކައިރި މީހަކު ބުނީ، ސީދާ 15 ދުވަސް ޖަހަން އެންގީ ހޯމް މިނިސްޓަރު އިހުސާން ކަމަށް. ނިޒާމު ފުނޑާލީމަ އިހުސާނަށް އެހެން އެންގެނީ،" މައުރޫފު ވިދާޅުވި އެވެ.

މުޒާހަރާގެ ތެރެއިން ބަންދުގެ މުއްދަތު އިތުރުނުކޮށް ދޫކޮށްލީ މުހައްމަދު ޚަލަފު އިބްރާހިމް ކިޔާ މީހެކެވެ. އޭނާ ދޫކޮށްލީ ތަހުގީގަށް އެއްބާރުލުން ދޭން ޝަރުތުކޮށް، އަދި ހުއްދަ ހޯދައިގެން ނޫން ގޮތަކަށް މާލޭން ބޭރަށް ނުދެވޭ ގޮތަށެވެ. އަދި، މުޒާހަރާއިން ހައްޔަރުކުރި އައްޑޫ ސިޓީ ކައުންސިލްގެ މެންބަރު ހަސަން ޒަރީރު ވެސް މިހާރު ވަނީ ދޫކޮށްލާފަ އެވެ.

ހައްޔަރުކުރި މީހުންގެ ތެރެއިން ބަންދަށް 15 ދުވަސް ޖެހި މީހުން

  1. މަޖިލީހުގެ ކުރީގެ މެންބަރު ޔާސިރު އަބްދުއްލަތީފު
  2. ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު ޔައުގޫބު އަބްދުﷲ
  3. މާފުށީ ކައުންސިލްގެ ރައީސް ހަސަން ސޮލާހު
  4. އަލީ ޖުމާން
  5. އަޒްމީ އަލީ
  6. ހަސަން ޝާކިރު

މުޒާހަރާގައި އެތައް ހާސް ބަޔަކު ޖަމާވެ، މަޖީދީ މަގުން ހިނގާފައި ދާން ދިމާކުރުމުން، ރަޔަޓު ގިޔަރުގައި ފުލުހުން ނުކުމެ ބާރުގެ ބޭނުންކޮށް، ޕެޕަ ސްޕްރޭ ޖެހި އެވެ. އަދި ފުރަތަމަ ފަހަރަށް ސޮނިކް ވެޕަން ބޭނުންކުރި އެވެ.