އިންހޭލާއެއް
ދިވެހިންގެ އާންމު ބަހުން ނަމަ، އަނގަޔަށް ފިތާ ފުޅި ނުވަތަ އިންހޭލާއަކީ އެތައް ބައެއްގެ ފުރާނަ ސަލާމަތް ކުރުމަށްޓަކައި ކޮންމެ ދުވަހަކުހެން ބޭނުންކުރަންޖެހޭ ޒަރޫރީ ބޭހެކެވެ. ނަމަވެސް، އިންސާނާގެ ފުރާނަ ސަލާމަތްކުރުމަށް އިންހޭލާ ބޭނުންކުރުމުގެ ސަބަބުން، އެ އިންސާނާ ދިރިއުޅޭ ވެށި ހަލާކުވެގެންދާ ކަމެއް މީގެ ކުރިއަކުން ނޭނގެއެވެ.
އާންމުކޮށް ބޭނުންކުރާ އިންހޭލާއަކީ، ނޭވާ ހިއްލާ ބަލި ހުންނަ މީހުންނަށް، ނޭވާ ހިއްލުމުގެ އުނދަގޫ ކުރިމަތިވާ ހިނދުގައި، ނޭވާލުން ފަސޭހަކުރުމުގެ ގޮތުން އަނގައިގެ ތެރެއަށް ފިތައިލުމަށް އުފައްދާފައި ހުންނަ ސްޕްރޭއެކެވެ. އެމެރިކާގެ މެޑިކަލް އެސޯސިއޭޝަންގެ ޖާނަލްގައި ޝާއިއުކޮށްފައިވާ ދިރާސާއެއްގައި ބުނެފައިވާ ގޮތުގައި ނޭވާ ހިއްލާ ބަލި ހުންނަ މީހުން، ނޭވާލުން ފަސޭހަކުރުމަށް ބޭނުންކުރާ އިންހޭލާއަކީ ދުނިޔެ ހޫނުވުމަށް މަގުފަހިކުރާ އެއްޗެކެވެ.
ކެލިފޯނިޔާގެ ޔުނިވަސިޓީ އޮފް ލޮސް އެންޖަލްސް އަދި ހަވާޑް ޔުނިވަސިޓީ ގުޅިގެން ކުރި މި ދިރާސާއިން އެނގުނު ގޮތުގައި އެމެރިކާގައި ދުއްވާ ކާރުތަކުން ބައި މިލިއަނެއްހާ ކާރުން އަހަރެއްގެ ތެރޭގައި ބޭރުވާ މިންވަރުގެ ވިހަ ގޭސްތައް، އިންހޭލާއިން ވެސް ބޭރުވެއެވެ. މި ދިރާސާ ހަދާފައިވަނީ ނޭވާ ހިއްލާ ބައްޔަށާއި، ކްރޮނިކް އޮބްސްޓްރަކްޓިވް ޕުލްމޮނަރީ ޑިސީސް (ކޮޕްޑް) ބައްޔަށް ފަރުވާ ކުރުމަށް ބޭނުންކުރާ ތިން ބާވަތެއްގެ އިންހޭލާ، 2014 ވަނަ އަހަރާއި 2024 ވަނަ އަހަރު ބޭނުންކޮށްފައިވާ މިންވަރު ތަހުލީލުކޮށްގެންނެވެ.
މި ދިރާސާގައި ބުނެފައިވާ ގޮތުން، އެ ދިހަ އަހަރުގެ ތެރޭގައި ބަލި މީހުންނަށް ދޫކޮށްފައިވާ އިންހޭލާ ފުޅިތަކުން އެކަނި ވެސް، 24.9 މެޓްރިކް ޓަނުގެ ކާބަން ޑައިއޮކްސައިޑް ޖައްވަށް ބޭރުވެފައިވެއެވެ. މި މިންވަރަކީ، ހެލްތު އިންޝޫރެންސް ޕެކޭޖްތަކުންނާއި އެމެރިކާގެ ސަރުކާރުން ހިންގާ ސިއްހީ އެހީތެރިކަމުގެ ޕްރޮގްރާމްތައް ކަމަށްވާ މެޑިކްއެއިޑް އަދި މެޑިކެއާގެ ދަށުން، ދޫކޮށްފައިވާ އިންހޭލާ ފުޅިތަކުން އެކަނި ބޭރުވެފައިވާނެ މިންވަރެވެ.
މީގެ މާނައަކީ، އެނޫން ސިއްހީ ޕްރޮގްރާމްތަކުގެ ތެރެއިންނާއި އަމިއްލައަށް ގަނެގެން ބޭނުންކުރާ އިންހޭލާތައް ހިމަނައިގެން، މިފަދަ ދިރާސާއެއް ހަދައިފި ނަމަ، އިންހޭލާގެ ސަބަބުން ޖައްވަށް ބޭރުވާ ވިހަ ގޭހުގެ މިންވަރު އެތައް ގުނައެއް އިތުރުވާނެކަން އެނގިގެންދާނެ އެވެ.
ނޭވާހިއްލާ ބައްޔަށް އާންމުކޮށް ބޭނުންކުރާ، އަނގަޔަށް ފިތާ ފުޅި ނުވަތަ ޕަފާއަކީ، އިންހޭލާގެ ތަފާތު ބާވަތްތަކުގެ ތެރެއިން ވެސް އެންމެ ގިނައިން ވިހަ ގޭސް އެކުލެވޭ އިންހޭލާއެވެ. އިންހޭލާތަކުން ބޭރުވާ ވިހަ ގޭހުގެ ނިސްބަތުން ބަލާއިރު، 98 ޕަސެންޓް ވިހަ ގޭސް ބޭރުވަނީ އަނގަޔަށް ފިތާލާ އިންހޭލާތަކުންނެވެ. މި ބާވަތުގެ އިންހޭލާއަކީ، ހައިޑްރޯފްލޫރޯއަލްކޭން (އެޗްއެފްއޭ) ޕްރެޝަރައިޒްކޮށް ފުޅިއަކަށް އަޅައިގެން ހަދާފައި ހުންނަ އިންހޭލާއެކެވެ.
"އަހަންނަށް ހީވާ ގޮތުން އަހަރަކު ފަސް ލައްކަ ކާރު މަގުތަކުގައި ދުއްވުމަކީ ވަރަށް ގިނަ ވިހަ ގޭސްތައް ބޭރުވާނެ ކަމެއް. (އިންހޭލާތަކުން އެ މިންވަރަށް ވިހަ ގޭސް ބޭރުވޭ.) އަހަންނަށް ހީވަނީ މިއީ ވަރަށް މުހިންމު މައުލޫއެއްހެން. ސަބަބަކީ މިއީ ހައްލުކުރެވެން އޮތް މައްސަލައެއް. ވިހަ ގޭސްތައް މަދުކުރެވޭނެ ފަސޭހަ އެތައް ގޮތްތަކެއް އެބަހުރި،" މި ދިރާސާގެ އިސްވާރު އަދި ޔުނިވަސިޓީ އޮފް ލޮސް އެންޖަލްސްގެ ޕުލްމޮނޮލޮޖިސްޓް ވިލިއަމް ފެލްޑްމަން ވިދާޅުވިއެވެ. (އޭއެފްޕީ)
Comment