Advertisement

ސައީދު ހެއްދެވީ ދޮގެއް، އިހަވަންދޫއަށް ވީ ވައުދުތަކުގެ މަސައްކަތް ކުރިއަކަށް ނުދޭ

11 އޮކްޓޯބަރު 2025 - 11:56 3

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

އިހަވަންދޫ މަގުތައް ހެދުމުގެ މަސައްކަތް ކުރިއަށްދަނީ. އެ މަސައްކަތް ވަރަށް މަޑު ދުވެލީގައި ކުރިއަށް ދާއިރު، އެއްވެސް މަގެއްގައި އަދި ތާރެއް ނާޅައި.


ސައީދު ހެއްދެވީ ދޮގެއް، އިހަވަންދޫއަށް ވީ ވައުދުތަކުގެ މަސައްކަތް ކުރިއަކަށް ނުދޭ

11 އޮކްޓޯބަރު 2025 - 11:56 3

ރައީސް މުހައްމަދު މުއިއްޒު ހއ. އިހަވަންދޫއަށް ވީ ގިނަ ވައުދުތަކުގެ މަސައްކަތް ނުފެށި އޮތްވައި، އެ ވައުދުތައް ފުދެމުންދާ ކަމަށާއި އެއީ އިހަވަންދޫ ރައްޔިތުން އުފަލާއެކު ބަލައިގަންނަ ކަމެއް ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.

ސައީދު މިހެން ވިދާޅުވީ އިހަވަންދޫގައި ބޭއްވި ބާބަކިޔޫއެއްގައި ބައިވެރިވުމަށް ފަހު، އެ ފޮޓޯތަކާއެކު އެކްސްގައި ކުރެއްވި ޕޯސްޓެއްގަ އެވެ.

"އިހަވަންދޫ ޒުވާނުން ބޭއްވި BBQ އެއްގައި މިރޭ. ރައީސް ޑރ. މުއިއްޒުގެ ސަރުކާރުން ރައްޔިތުންނަށް ވެފައިވާ ވައުދުތައް ފުދެމުންދިޔުމަކީ ރައްޔިތުން އުަފަލާއެކު ބަލައިގަންނަ ކަމެއް،" ސައީދު ވިދާޅުވި އެވެ.

ރައީސް މުއިއްޒު އިހަވަންދޫ އަށް ގިނަ ވައުދުތަކެއް ވެފައިވެ އެވެ. އޭގެ ތެރޭގައި މަސް ފެކްޓްރީ އާއި ހޮސްޕިޓަލާއި ކުޅިވަރު ކޮމްޕްލެކްސްގެ އިތުރުން ރަށަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލަކަމުގައިވާ ކުނީގެ މައްސަލަ ހައްލުކޮށް ދިނުން ވެސް ހިމެނެ އެވެ.

ނަމަވެސް މި ވައުދުތަކުގެ ތެރެއިން ގިނަ މަސައްކަތްތައް ނުވެސް ފެށެ އެވެ.

"މިނިސްޓަރު ސައީދު ވިދާޅުވިޔަސް ރައްޔިތުން ތިބީ އުފަލަކުން ނޫން. ގިނަ މަސައްކަތްތައް ނުވެސް ފަށާ. ހަމައެކަނި ކުރިއަށް ދަނީ މަގުހެދުމުގެ މަސައްކަތް. އެވެސް ވަރަށް މަޑު ދުވެލީގައި،" އިހަވަންދޫގެ އިސް ވަޒީފާއެއްގައި ހުންނެވި މީހަކު ބުންޏެވެ.

ރިޔާސީ އިންތިހާބުގައި އިހަވަންދޫ އަށްވި ވައުދުތައް

  • ހޮސްޕިޓަލެއް ގާއިމުކުރަން ފުރަތަމަ އަހަރު މަސައްކަތް ފެށުން (ހުއްޓިފައި)
  • ކުނި މެނޭޖުކުރަން ރަނގަޅު ނިޒާމެއް ގާއިމުކުރުން (ހުއްޓިފައި)
  • މަސް ކަލެކްޓުކުރާނެ ސެންޓަރެއް ގާއިމުކުރުން (ބަނދަރު ހެދުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކުރިވިފައި، މަސައްކަތް ކުރިއަށް ނުދޭ)
  • އައިސްޕްލާންޓެއް ގާއިމުކުރުން (ކުރިން ފެށިގެން ހުރި އައިސް ޕްލާންޓު މިހާރު ވެސް ބޭނުން ކުރޭ. އާ އައިސްޕްލާންޓެއް ބަހައްޓަން ބިން ދޫކޮށްފައި އޮތަސް މަސައްކަތް ކުރިއަށް ނުދޭ)
  • އައިސްޕްލާންޓުން މަސްވެރިންނަށް ތެޔޮ ލިބޭނެ ގޮތް ހެދުން (ކުރިޔަށް ނުދޭ. އެސްޓިއޯއާ ބިމެއް ހަވާލުކޮށްފައި)
  • ކުޅިވަރު ކުޅުމަށް މަލްޓިޕާޕަސް ހޯލެއް ހެދުން (ނުފެށޭ)
  • ގިނަ ކުޅިވަރުތައް ކުޅެވޭ ގޮތަށް ސްޕޯޓްސް ކޮމްޕްލެކްސްއެއް ގާއިމުކުރުން (ނުފެށޭ)
  • ރަނގަޅު ފެންވަރަކަށް މަގުހެދުން (މަސައްކަތް ކުރިއަށްދާތާ ގިނަ ދުވަސްތަކެއް ވެފައި. އަދިވެސް އެއްވެސް މަގެއްގައި ތާރު ނާޅައި)
  • ދިގުފަރު ހިއްކައި އިހަވަންދޫއާ ގުޅުވާލުން (ނުފެށޭ، ހަވާލެއް ވެސް ނުކުރޭ)
  • ސިނާއީ މަސައްކަތް ކުރާ ރަށަކަށް ދިގުފަރު ހެދުން (ނުފެށޭ، ހަވާލެއް ވެސް ނުކުރޭ)

ރިޔާސީ އިންތިހާބުގައި ވީ ވައުދުތައް ތަންފީޒުކުރުމުގެ އަމަލީ މަސައްކަތް ނުފެށި އޮތްވައި، އެ ރަށަށްވީ އެންމެ ބޮޑު އެއް ވައުދުތަކުގައި މަސް ފެކްޓްރީގެ ތަފުސީލް، މި އަހަރުގެ ޖެނުއަރީ މަހު އެ ރަށަށް ވަޑައިގެން ރައީސް މުއިއްޒު ދެއްވި އެވެ.

ފިޝަރީޒް ކޮމްޕްލެކްސް މަޝްރޫއުގެ މަސައްކަތް މެއި މަހު ފެށޭނެ ކަމަށާއި 18 ދުވަހުގެ ތެރޭގައި ނިމެނޭކަމުގެ ޔަގީންކަން އެ ދަތުރުގައި ރައީސް ދެއްވި ނަމަވެސް އެ މަސައްކަތް ކުރިއަށް ނުދެ އެވެ.

އެ މަޝްރޫޢުގެ ދަށުން، 1000 ޓަނުގެ ކޯލްޑްސްޓޯރޭޖް ކެޕޭސިޓީ، އަދި 50 ޓަނުގެ ބްރައިން ފްރީޒިން ކެޕޭސިޓީ ގާއިމްކުރެވިގެންދާނޭކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. މަސްކިރުން ފަސޭހަކުރުމަށްޓަކައި ތިން ޕޮއިންޓަކުން މަސްކިރޭގޮތަށް ޖެޓީއަކާއި ބަނދަރެއްވެސް މި ކޮމްޕްލެކްސްގައި ޤާއިމްކުރެވިގެންދާނޭ ކަމަށް މުއިއްޒު ވިދާޅުވި އެވެ.

އެ މަޝްރޫއުއަށް 474 މިލިއަން ރުފިޔާ ހަރަދު ވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

އިހަވަންދޫގައި 200 ހައުސިން ޔުނިޓު އަޅައިދޭން ވެސް މުއިއްޒު ވައުދުވެފައިވެ އެވެ. އަދި އިސްލާމީ މަރުކަޒެއް ވެސް އަޅަން ވައުދުވެފައިވެ އެވެ.

އިހަވަންދޫ ބަނދަރު


އިހަވަންދޫ އަދަދު ނޫހާ ވާހަކަ ދެއްކި މީހާ ބުނީ އެމްޑީޕީ ސަރުކާރު ބަދަލުކުރުމަށް ޕީއެންސީން އެންމެ ބޮޑަށް ދެއްކީ ބަނދަރުގެ ވެއްޓިފައިވާ ޖެޓީ ހެދުމާއި ނެރު ބަދަލުކުރުމުގެ މަސައްކަތުގެ ވާހަކަ ކަމަށާއި އެތަން މިނިސްޓަރު ސައީދު ތިން ފަހަރު ބައްލަވައިފި ކަމަށެވެ.

"ނަމަވެސް އެއްވެސް ކުރިއެރުމެއް ނުލިބޭ،" އޭނާ ވިދާޅުވި އެވެ.

ކުށެއްގެ އިސްލާހު


މި ހަބަރުގައި ބާބަކިޔޫ ބޭއްވި ހުޅުމާލޭގައި ކަމަށް ކުރިން ލިޔެވިފައި ވަނީ މައުލޫމާތުގެ އޮޅުމަކުންނެވެ. އެ ބާބަކިޔޫ ބޭއްވީ އިހަވަންދޫގަ އެވެ.

---

އެޑިޓަރުގެ ނޯޓު


ރަށްރަށުގައި ހުއްޓިފައިވާ މަޝްރޫއުތަކާއި، ކުރިއަށްދާ މަޝްރޫއުތަކާއި ހިނގާ ކަންކަމުގެ މައުލޫމާތު އަދަދު ނޫހަށް އެންގުމަށްޓަކައި [email protected] އަށް އީމެއިލް ކުރެއްވުން އެދެން، ނުވަތަ އަދަދު ނޫހުގެ ސޯޝަލް މީޑިއާ ޕްލެޓުފޯމްތަކަށް ޑީއެމްކުރެއްވުން އެދެން.