Advertisement

ކްލަބް މޯލްޑިވްސް ކަޕް ގަދަ 16 ގައި ވެސް އެޗްޑީސީ އާއި ސްޓެލްކޯގެ ކުރިމަތިލުމެއް

11 އޮކްޓޯބަރު 2025 - 07:57 0

ކްލަބް މޯލްޑިވްސް ކަޕްގައި މި ފަަހަރު އެޗްޑީސީ އާއި ސްޓެލްކޯ ކުޅުނު މެޗުގެ ތެރެއިން.--- ފޮޓޯ: އިމޭޖަސް.އެމްވީ


ކްލަބް މޯލްޑިވްސް ކަޕް ގަދަ 16 ގައި ވެސް އެޗްޑީސީ އާއި ސްޓެލްކޯގެ ކުރިމަތިލުމެއް

11 އޮކްޓޯބަރު 2025 - 07:57 0

ކްލަބް މޯލްޑިވްސް ކަޕްގެ ގަދަ 16 ބުރުގައި ވެސް ކްލަބް އެޗްޑީސީ އާއި ސްޓެލްކޯ ރެކްރިއޭޝަން ކްލަބް ބައްދަލުކުރަން ޖެހިއްޖެ އެވެ.

ކްލަބް މޯލްޑިވްސް ކަޕްގެ ގަދަ 16 ބުރުގެ ގުރުއަތުލުން، "ސޯޅަބޯޅަ" އިވެންޓް ރޭ ކުރިއަށްދިޔައީ ޓީވީއެމްގަ އެވެ. އެ ގޮތުން، މި ފަހަރުގެ ކްލަބް މޯލްޑިވްސް ކަޕްގެ މަރުގެ ގްރޫޕެއްގެ ގޮތުގައި އޮތް ގްރޫޕް ސީގައި ވާދަކުރި، އެޗްޑީސީ އާއި ސްޓެލްކޯ މި ވަނީ އަނެއްކާ ގަދަ 16 ބުރުގައި ނޮކައުޓް މެެޗެއްގައި ވާދަކުރަން ޖެހިފަ އެވެ. ގްރޫޕް ސްޓޭޖުގެ މެޗުން، އެޗްޑީސީ މޮޅުވީ 2-1 އިންނެވެ.

މި ފަހަރުގެ ކްލަބް މޯލްޑިވްސްގައި އެޗްޑީސީ އާއި ސްޓެލްކޯ ހިމެނުނު ގްރޫޕް ސީން އުރީދޫ ނަން ނެގުމާ އެކު، އުރީދޫ ކުޅެން އޮތް ކޮންމެ މެޗެއް އިދިކޮޅު ޓީމަށް ދިނީ، ތިން ޕޮއިންޓާއި ފައިދާ ދެ ގޯލުންނެވެ. ސްޓެލްކޯ އާއި އެޗްޑީސީން ގަދަ 16 ގައި، ކުޅެން ޖެހުނުއިރު، މި ދެ ޓީމު (ސްޓެލްކޯ އާއި އެޗްޑީސީ)ގެ ތެރެއިން ކަޓާނެ ޓީމަކަށް މި ފަހަރުގެ މުބާރާުތުގައި ޖުމްލަ އެކު، ކުޅެން ލިބޭނީ ތިން މެޗެވެ. އޭގެ ތެރެއިން ދެ މެޗު ކުޅޭވޭނީ، ސްޓެލްކޯ އާއި އެޗްޑީސީއާ ދެމެދުގަ އެވެ.

ގަދަ 16 ބުުރުގެ އެހެން މެޗުތަކަށް ބަލާއިރު، އެންމެ ފަހުން ދެ ފަހަރުގެ ޗެމްޕިއަން، ކްލަބް ވެމްކޯ އިން ކުޅޭނީ ހަތަރު ފަހަރު މި މުބާރާތް ކާމިޔާބުކުރި އެސްޓީއޯ ރެކްރިއޭޝަން ކްލަބާ އެވެ. އަދި، މި ފަހަރު އެންމެ ވަރުގަދަކޮށް ފެންނަ ރޯޑް ރެކްރިއޭޝަން ކްލަބް (އާރްއާރްސީ) އިން ބައްދަލުކުރާނީ ދެ ފަަހަރު ޗެމްޕިއަންކަން ހޯދާފައިވާ ޔުނައިޓެޑް ބީއެމްއެލްއާ އެވެ.

ތިން ފަަހަރު ތަށި ހޯދާފައިވާ، ޓީމު އެމްއޭސީއެލް އިން ބައްދަލުކުރާނީ ވަރުގަދަ ސްކޮޑަކާ އެކު ނުކުތް ކްލަބް ޓީޓީއެސްއާ އެވެ. މޯލްޑިވިއަން އިން ނޮކައުޓް ފުރަތަމަ މެޗުގައި ދިރާގާ ކުޅެން ޖެހުނުއިރު، ވަރުގަދަ ސްކޮޑެއް އެކުލަވާލައިގެން މުބާރާތުގައި ވާދަކުރާ ޓީމު އެމްޓީސީސީން ބައްދަލުކުރާނީ ދިވެހި ސިފައިންގެ ކްލަބާ އެވެ.

މުބާރާތުގެ ޗެމްޕިއަންކަން ތިން ފަހަރު ހޯދާފައިވާ، އެމްޕީއެލް އިން ނޮކައުޓް ފުރަތަމަ މެޗުގައި، މީގެ ކުރިން ފައިނަލުގައި ކުޅެފައިވާ އެފްއެސްއެމްއާ ބައްދަލުކުރާއިރު، ކުރީގެ ޗެމްޕިއަން، ޓީމު ފެނަކަ އިން ގަދަ 16 ގައި ނުކުންނާނީ، ހަނި ތަފާތަކުން ދެ ވަނަ ބުރަށް އައި ޕޮލިސް ކްލަބާ ދެކޮޅަށެވެ.

ކްލަބް މޯލްޑިވްސް ކަޕްގެ ގަދަ 16 މެޗުތައް އޮންނާނީ ހޯމަ ދުވަހުގެރެޔާއި އަންގާރަ ދުވަހުގެ ރޭގަ އެވެ. މެޗުތައް ކުޅޭނީ ގަނޑި ހުއްޓައިގެންނެވެ.

ގަދަ 16 ބުރުގެ މެޗުތައް

13 އޮކްޓޫބަރު (20:30) - ޓީމު އެމްއޭސީއެލް - ކްލަބް ޓީޓީއެސް

13 އޮކްޓޫބަރު (20:30) - ރޯޑް ރެކްރިއޭޝަން ކްލަބް - ޔުނައިޓެޑް ބީއެމްއެލް

13 އޮކްޓޫބަރު (22:30) - މޯލްޑިވިއަން - ދިރާގު

13 އޮކްޓޫބަރު (22:30) - ސްޓެލްކޯ - ކްލަބް އެޗްޑީސީ

14 އޮކްޓޫބަރު (20:30) - ކްލަބް ވެމްކޯ - އެސްޓީއޯ ރެކްރިއޭޝަން ކްލަބް

14 އޮކްޓޫބަރު (20:30) - ދިވެހި ސިފައިންގެ ކްލަބް - ކްލަބް އެމްޓީސީސީ

14 އޮކްޓޫބަރު (22:30) - ފެނަކަ - ޕޮލިސް ކްލަބް

14 އޮކްޓޫބަރި (22:30) - އެމްޕީއެލް - އެފްއެސްއެމް