Advertisement

ވިނީޝިއުސް އާއި އަހަރެންގެ މައްސަލައެއް އޮތް ކަމަށް ދައްކަނީ މީޑިއާ އިން: އެމްބާޕޭ

11 އޮކްޓޯބަރު 2025 - 07:23 0


ވިނީޝިއުސް އާއި އަހަރެންގެ މައްސަލައެއް އޮތް ކަމަށް ދައްކަނީ މީޑިއާ އިން: އެމްބާޕޭ

11 އޮކްޓޯބަރު 2025 - 07:23 0

މެޑްރިޑް (އޮކްޓޫބަރު 11) - ވިނީޝިއުސް ޖޫނިއާ އާއި އޭނާއާ ދެމެދު މައްސަަލައެއް ކަމަށް ވާހަކަ ދައްކަނީ މީޑިއާ އިން ކަަމަށް ރެއާލް މެޑްރިޑަށް ކުޅެމުން އަންނަ ފްރާންސްގެ ފޯވާޑް، ކީލިއަން އެމްބާޕޭ ބުނެފި އެވެ.

މިދިޔަ ސީޒަނުގައި ޕީއެސްޖީ ދޫކޮށް ރެއާލަށް ބަދަލުވި އެެމްބާޕޭ އަންނަނީ އެ ކްލަބުގައި މޮޅު ކުޅުމެއް ދައްކަމުންނެވެ. އަދި، ސްޕެއިނުގެ މީޑިއާ އިން އަންނަނީ، އެމްބާޕޭ، ރެއާލަށް އައި ފަހުން އެ ޓީމުގެ އެޓޭކުގެ މައި ކުޅުންތެރިއަކީ އޭނާ ކަމަށާއި އެކަމާ މެދު ވިނީޝިއުސްގެ ހިތްހަމަނުޖެހުންތަކެއް އެބަހުރި ކަމަށް ރިޕޯޓްކޮށްފަ އެވެ. އަދި، އެ އަށް ބާރު ލިބޭ ގޮތަށް ރެއާލުގެ ކުރީގެ ކުޅުންތެރިޔާ އަދި ކޯޗު، ޖޯޖް ވަލްޑާނޯ ވެސް ވަނީ ވާހަކަ ދައްކައިފަ އެވެ.

އެހެން ނަމަވެސް އެމްބާޕޭ ވަނީ އެ ވާހަކަތައް ދޮގުކޮށްފަ އެވެ. އެމްބާޕޭ ބުނީ، މަޝްހޫރު ދެ ކުޅުންތެރިއަކު އެއް ޓީމަކަށް ކުޅޭއިރު އެ ފަދަ އެކި ކަހަލަ ވާހަކަތައް ދެކެވޭނެ ކަމަށެވެ.

"ވިނީޝިއުސްއާ ދެމެދު އަހަރެންގެ އޮތީ ވަރަށް ރަނގަޅު ގުޅުމެއް. މި އަހަރު އެ ގުޅުން އިތުރަށް ވަރުގަދަވެއްޖެ. އެކަކު އަނެކަކު ދަސްކުރުމުގައި ކުރިއެރުންތަކެއް ވެސް ލިބިފައި ވަނީ. ކުޅުންތެރިއެއްގެ ގޮތުގައި ވެސް، އަދި މީހެއްގެ ގޮތުގައި ވެސް އޭނަ (ވިނީޝިއުސް) ރަނގަޅު،" އެމްބާޕޭ ބުންޏެވެ.

އެމްބާޕޭ ބުނީ މީޑިއާ އާއި އެކިއެކި މީހުން ތަފާތު ގޮތްގޮތަށް ވާހަކަ ދެއްކި ކަމުގައި ވިޔަސް، ވިނީޝިއުސް އާއި އޭނާއާ ދެމެދު މައްސަލައެއް ނެތް ކަމަށެވެ. އަދި، ދެ ކުޅުންތެރިންގެ ވެސް ވިސްނުމަކީ ރެއާލަށް ކާމިޔާބު ހޯދައިދިނުން ކަމަށާއި އެ އަމާޒުގައި ކުރިއަށް ދިއުމުގައި ދެމިތިބޭނެ ކަމަށް އެމްބާޕޭ ވަނީ ބުނެފަ އެވެ.