11 އޮކްޓޯބަރު 2025 - 09:49 0
ލީވާން އަލީ ނާސިރު
އިހަވަންދޫ ކުނިގޮނޑު ރޯވެފައި. -- ފޮޓޯ: އިހަވަންދޫ.ކޮމް
11 އޮކްޓޯބަރު 2025 - 09:49 0
ހއ. އިހަވަންދޫގެ ކުނި މެނޭޖު ކުރުން، ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އިން ހަވާލުވެ، މަޖިލީހުގެ އިންތިހާބާ ދިމާކޮށް ކުނިގޮނޑު ހުސްކުރުމުގެ މަސައްކަތް ފެށި ނަމަވެސް ދޮޅު އަހަރު ވެގެން ދިޔައިރު ވެސް ކުނި މެނޭޖުކުރުމުގެ މަސައްކަތް ވެސް ނުފެށޭ ކަމަށާއި، ކުނިގޮނޑު ވެސް ހުސް ނުކުރެވުނު ކަމަށް އެ ރަށުން ވާހަކަ ދެއްކި ބައެއް މީހުން ބުނެފި އެވެ.
އިހަވަންދޫ ކުނީގެ މައްސަލަ ހައްލުކޮށް ދިނުމަކީ ރައީސް މުހައްމަދު މުއިއްޒުގެ ވައުދެކެވެ. އެ ވައުދު ރައްޔިތުންގެ މަޖިލީހުގެ ކެމްޕޭނުގައި ތަކުރާރު ވެސް ކުރެއްވި އެވެ.
"ކޮންމެގޮތެއް ވިޔަސް، ކުނީގެ މައްސަލައަށް ޒަމާނީ ދާއިމީ ހައްލެއް އިރާދަކުރެއްވިއްޔާ، މި ރަށަށް ގެނެސްދޭނެ ވާހަކަ ދަންނަވަން. އެހެންވީމާ، ވެމްކޯއާ ހަވާލުކުރެވެންޏާ، ވެމްކޯއާވެސް ހަވާލުކުރާނެ ވާހަކަ މި ދެންނެވީ،" ފެބްރުއަރީ 24، 2024 ގައި މުއިއްޒު އިހަވަންދޫގައި ވިދާޅުވި އެވެ.
ނަމަވެސް ކުނީގެ މައްސަލަ ހައްލުނުކޮށް މިއަހަރުގެ ޖެނުއަރީ މަހު ރައީސް މުއިއްޒު އެ ރަށަށް ވަޑައިގެން ރައްޔިތުންނާއެކު ބޭއްވި ޖަލްސާގައި ވިދާޅުވީ "ކުނި މެނޭޖް ކުރުމަކީ، ވަރަށް މުހިންމު އިސްކަމެއް ސަރުކާރުން ދޭ ކަމެއް" ކަމަށެވެ.
އިހަވަންދޫގެ ކުނި މެނޭޖުކުރުމުގެ މައްސަލަ ވެމްކޯއާ ހަވާލުކޮށްފައިވާ ކަމަށާއި އެ މަޝްރޫއުގެ މަސައްކަތް ކުރިއަށް ގެންދިޔުމަށް ވަރަށް ބޮޑަށް މަސައްކަތް ކުރާ ކަމަށް މުއިއްޒު ވިދާޅުވި ނަމަވެސް ސީދާ ތާރީހެއް ނުދެންނެވުނެވެ.
"ސީދާ ތާރީހު އަޅުގަނޑު ނުދެންނެވިޔަސް، ވަރަށް އަވަހަށް އެކަން ނިންމުމަށްޓަކައި، މި ދެންނެވި އިދާރާތަކުން އެދަނީ މަސައްކަތްތައް ކުރަމުން. މިހާރު މުވައްޒަފުން ނެގުމުގެ ކަންތައްވެސް އެއީ، ފެށިފައިވާ ކަމެއް. އެހެންވީމާ، ވެމްކޯއިން އިރާދަކުރެއްވިއްޔާ މި ރަށުގައި ވަރަށް އަވަހަށް މަސައްކަތްތައް ފަށާނެ،" މުއިއްޒު ވިދާޅުވި އެވެ.
އިހަވަންދޫން އަދަދު ނޫހާ ވާހަކަ ދެއްކި ބައެއް މީހުން ބުނީ ވެމްކޯއިން އެރަށުގައި މުވައްޒަފުން ނެގުން ފިޔަވައި އިތުރު ކަމެއް ކޮށްފައި ނެތް ކަމަށެވެ.
"މަސައްކަތެއް ނުކުރިޔަސް ގިނަ އަދަދެއްގެ މުވައްޒަފުން ނަގާފައި އެބަތިބި. އެމީހުން ކުރާނެ މަސައްކަތެއް ވެސް ނެތް،" އިހަވަންދޫ ވާހަކަ ދެއްކި، އެ މައުލޫމާތު އެނގޭ މީހަކު ބުންޏެވެ.
ކުނިގޮނޑު ހުސްކުރުމުގެ މަސައްކަތް ވެމްކޯއިން 2024 ގެ އޭޕްރީލްގައި ފެށި ނަމަވެސް ގިނަ ދުވަހެއް ނުވެ ހުއްޓައިލި ގޮތަށް އެ މަސައްކަތް އޮތީ ހުއްޓިފައެވެ. އެ ރަށުގެ ކުނި މެނޭޖުކުރުމުގެ މަސައްކަތާ ހަވާލުވެ، އޮފީސް ހިންގަން "ރަށްވެހި ހިޔާ" ގެ ހޯލު ކުއްޔަށް ނެގި ނަމަވެސް އެތަނަށް ކުލި ވެސް ނުދައްކަ އެވެ. އެހެންވެ ކައުންސިލުގެ އިދާރާއިން ނޯޓިސް ފޮނުވުމަށް ފަހު ވެމްކޯގެ މުވައްޒަފުން އެތަނުން ބޭރުކުރި އެވެ.
ކުނީގެ މައްސަލައަކީ އިހަވަންދޫއަށް ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލަ އެވެ. ކުނި މެނޭޖް ކުރާނެ ނިޒާމެއް ނެތި، ކުނި ގޮނޑު އޮތީ ބޮއްސުން ލައިފަ އެވެ. ރަށުތެރެއިން ދުވާ ގޮނޑު ވަހާއި، މެހި ގިނަވުމުގެ މައްސަލަ ވަރަށް ބޮޑު ކަމަށް އެ ރަށުން ވާހަކަ ދެއްކި މީހުން ބުންޏެވެ.
ރަށްރަށުގައި ހުއްޓިފައިވާ މަޝްރޫއުތަކާއި، ކުރިއަށްދާ މަޝްރޫއުތަކާއި ހިނގާ ކަންކަމުގެ މައުލޫމާތު އަދަދު ނޫހަށް އެންގުމަށްޓަކައި [email protected] އަށް އީމެއިލް ކުރެއްވުން އެދެން، ނުވަތަ އަދަދު ނޫހުގެ ސޯޝަލް މީޑިއާ ޕްލެޓުފޯމްތަކަށް ޑީއެމްކުރެއްވުން އެދެން.
Comment