Advertisement

ރިޝްވަތު ނަގައިގެން ފްލެޓުތައް ދޫކުރާކަމުގެ ތުހުމަތާ ގުޅިގެން ފުލުހުންގެ ބަހެއް ނެތް

10 އޮކްޓޯބަރު 2025 - 11:03 4

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން

ހުޅުމާލޭގައި އިމާރާތް ކުރަމުންދާ ގެދޮރުވެރިޔާ ފްލެޓުތައް: މި ފްލެޓުތަކުގައި މިހާރު މީހުން ވަނީ ދިރިއުޅެން ފަށާފައި -- ފޮޓޯ: އަދަދު


ރިޝްވަތު ނަގައިގެން ފްލެޓުތައް ދޫކުރާކަމުގެ ތުހުމަތާ ގުޅިގެން ފުލުހުންގެ ބަހެއް ނެތް

10 އޮކްޓޯބަރު 2025 - 11:03 4

ރިޝްވަތުގެ ގޮތުގައި ފައިސާ ދިނުމުން، ގެދޮރުވެރިޔާ ފްލެޓަށް ޝަރުތު ހަމަނުވާ މީހުންނަށް ވެސް ފްލެޓް ދޫކުރަމުންދާކަމުގެ ތުހުމަތާ ގުޅިގެން ފުލުހުން ބަހެއް ނުބުނެ ހަނު ތިބެއްޖެ އެވެ.

ރިޝްވަތުގެ ގޮތުގައި ފައިސާ ދިނުމުން، ގެދޮރުވެރިޔާ ފްލެޓަށް ޝަރުތު ހަމަނުވާ މީހުންނަށް ވެސް ފްލެޓް ދޫކުރަމުންދާކަމުގެ ހެކި ލިބިފައިވާ ކަމަށް ބުނީ އިދިކޮޅު އެމްޑީޕީންނެވެ.

އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން މަޖިލީހުގައި މިދިޔަ ބުދަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ) ވިދާޅުވީ، "ފައިސާ ނަގައިގެން ފްލެޓު ދޫކުރާ ކަމުގެ" ހެކި އެ ޕާޓީއަށް ލިބިފައިވާ ކަމަށެެވެ.

"ފްލެޓު ކަންތަކުގައި ފައިސާ ނަގައިގެން ފްލެޓު ދޫކުރާ ކަމުގެ، އަޅުގަނޑުމެން އަތުގައި މިހާރު އެބަ ހުރި ހެއްކަށް ދަންދެން، މިކަން މިގޮތަށް އެބަ ކުރޭ، ކުރަމުންގެންދޭ،" މެންބަރު އިބްރާހިމް ވިދާޅުވި އެވެ.

އެމްޑީޕީން އެހެން ބުނެފައި ވަނީ ބައެއް އެހެން ފަރާތްތަކުން ވެސް އެ ވާހަކަ ބާރަށް ދައްކަމުން ދަނިކޮށެވެ. ނަމަވެސް އެކަމާ ގުޅޭގޮތުން ސުވާލު ކުރުމުން ފުލުހުން ޖަވާބެއް ނުދިނެވެ.

ރިޝްވަތު ނަގައިގެން ގެދޮރުވެރިޔާ ފްލެޓުތައް ބައެއް ފަރާތްތަކަށް ދޫކުރަމުންދާކަމުގެ ތުހުމަތު އެމްޑީޕީން ކޮށްފައިވާ މައްސަލަ ފުލުހުން ބަލަމުންދޭތޯ މި ނޫހުން ފުލުހުންނާ ސުވާލު ކުރީ އިއްޔެ ހެނދުނެވެ. އޭގެފަހުން މެންދުރުފަހު އެ ސުވާލުގެ ޖަވާބެއް ނެތްތޯ އެހުމުން ވެސް ފުލުހުންގެ ޖަވާބެއް ނެތެވެ.

ވެރިކަމަށް ވަޑައިގަތުމުގެ ކުރިން ރައީސް މުހައްމަދު މުއިއްޒު ވިދާޅުވެފައި ވަނީ ފްލެޓު ލިބޭނެ ކަމަށް ގެޒެޓު ކުރި ލިސްޓުގައި ހިމެނޭ އެންމެނަށް ފްލެޓު ދޫކުރައްވާނެ ކަމަށެވެ. ނަމަވެސް ވެރިކަން ލިބުމުން އެމަނިކުފާނު ވަނީ މުޅި ފްލެޓު ލިސްޓު ބާތިލުކޮށްފަ އެވެ.

ސަރުކާރުން ވަނީ މި ކަމުގެ ތެރެއިން ބޮޑު ތަހުގީގެއް ވެސް ހިންގާފަ އެވެ. ނަމަވެސް އެކަމުގައި އަމަލުކުރަން ނިންމީ އޭސީސިން ދިން ލަފަޔާ ހިލާފަށެވެ. އަދި ކުރިން ގޯސް ކަމަށް ބުނި ފްލެޓު ލިސްޓާ އެއްގޮތަށް ފްލެޓު ދޭނެ ކަމަށް އަނެއްކާ ވެސް ސަރުކާރުން ބުންޏެވެ.

މިހެން ބުނި ނަމަވެސް، ޝަރުތު ހަމަނުވާ ކަމަށް ބުނެ އަދިވެސް މި ލިސްޓުން މީހުން އަންނަނީ ބާކިކުރަމުންނެވެ.

ގެދޮރުވެރިޔާ ފްލެޓުތަކުގެ ތަޅުދަނޑިތައް މިހާރު އަންނަނީ ހަވާލުކުރަމުންނެވެ. އަދި ތަޅުދަނޑި ދޫކުރި ފްލެޓުތައް ހުންނަ ޓަވަރުތަކުގައި މީހުން ވަނީ ދިރިއުޅެން ފަށާފަ އެވެ.