Advertisement

ކްލަބް މޯލްޑިވްސް ކަޕް: ދެ ވަނަ ބުރުގެ ފަހު ޖާގަތައް ޓީޓީއެސް، ދިރާގު އަދި ޕޮލިސް އަށް

10 އޮކްޓޯބަރު 2025 - 08:34 0


ކްލަބް މޯލްޑިވްސް ކަޕް: ދެ ވަނަ ބުރުގެ ފަހު ޖާގަތައް ޓީޓީއެސް، ދިރާގު އަދި ޕޮލިސް އަށް

10 އޮކްޓޯބަރު 2025 - 08:34 0

ކްލަބް މޯލްޑިވްސް ކަޕްގައި ގަދަ 16 ޓީމު ވާދަކުރާ ބުރުގެ ފަހު ޖާގަތައް ކްލަބް ޓީޓީއެސް، ޕޮލިސް ކްލަބް އަދި ދިރާގަށް ލިބިއްޖެ އެވެ.

މުބާރާތުގައި ރޭ ކުޅުނު މެޗުތަކަށް ފަހު، ހަ ގްރޫޕްގެ މެޗުތައް ވަނީ ނިމިފަ އެވެ. ކޮންމެ ގްރޫޕަކުން ގަދަ ދެ ޓީމަށް ގަދަ 16 ގެ ސީދާ ޖާގައެއް ލިބުނުއިރު، ހަ ގްރޫޕްގެ ތިން ވަނަ ޓީމުތަކުގެ ތެރެއިން ހަތަރު ޓީމަކަށް ގަދަ 16 ގެ ބާކީ ޖާގަތައް ވަނީ ލިބިފަ އެވެ.

އެ ގޮތުން، ރޭ ކުޅެވުނީ ކްލަބް މޯލްޑިވްސް ކަޕްގެ ގްރޫޕް އީ އާއި ގްރޫޕް އެފްގެ ފަހު މެޗުތަކެވެ. ގްރޫޕް އީގައި، ދިރާގުން 1-0 އިން ޕޮލިސް ކްލަބް ބަލިކުރިއިރު، އެމްޕީއެލް އިން 9-0 އިން ކްލަބް އޭވިއޭޝަން ސެކިއުރިޓީ ބަލިކުރި އެވެ. އެމްޕީއެލް ނުވަ ޕޮއިންޓާ އެކު ގްރޫޕްގެ އެއް ވަނަ ހޯދިއިރު، ދިރާގުން ވަނީ ހަ ޕޮއިންޓާ އެކު ދެ ވަނަ ހޯދައިފަ އެވެ.

ގްރޫޕް އީގެ ތިން ވަނަ އަށް ދިޔަ ޕޮލިހަށް ގަދަ 16 ގެ ޖާގަ ލިބުނީ، ގްރޫޕް އޭގެ ތިން ވަނައިގައި ނިންމި، ކްލަބް އިމިގްރޭޝަނާއި ޕޮއިންޓާއި ފައިދާ ގޯލުން އެއްވަރުވިއިރު، ޖެހި ގޯލު ޕޮލިހުގެ އިތުރުވުމުންނެވެ. ގްރޫޕް އީގެ ފުލަށް ދިޔައީ، ތިން މެޗުން ވެސް ބަލިވި އޭވިއޭޝަން ސެކިއުރިޓީ އެވެ.

ދިރާގަށް ރޭގެ މެޗުގައި ހަމައެކަނި ލަނޑު ޖަހައިދިނީ، މެޗުގެ މޮޅު ކުޅުންތެރިޔާ، އިސްމާއިލް ލީޒާން އެވެ. އެމްޕީއެލްގެ ލަނޑުތައް ޖެހީ، މުހައްމަދު ޒީދާން ޒުހުރީ ހެޓްރިކެއްގެ އިތުރުން، މުހައްމަދު ޔަފާއު ދެ ގޯލާއި، ހަސަން ޔޫން، އިބްރާހިމް ސަނޫން، މީޝަމް ނައީމް އަދި އަޖުމަލް އަހުމަދު އެވެ.

ގްރޫޕް އެފްގެ އެއް ވަނަ ކްލަބް ވެމްކޯ އިން ހޯދީ ރޭ ގޭސް ރެކްރިއޭޝަން ކްލަބް 9-0 އިން ބަލިކޮށް، ހަތް ޕޮއިންޓް ހޯދައިގެންނެވެ. މި ގްރޫޕްގެ ދެ ވަނަ އަށް ދިޔައީ، ފަސް ޕޮއިންޓް ހޯދި ޔުނައިޓެޑް ބީއެމްއެލް އެވެ. ބީއެމްއެލް އިން ވަނީ މި ގްރޫޕްގެ ތިން ވަނަ އަށް ދިޔަ ޓީޓީއެސްއާ 1-1 އިން އެއްވަރުވެފަ އެވެ. ޓީޓީއެސް ހަތަރު ޕޮއިންޓް ހޯދި އެވެ. އަދި، ގްރޫޕްގެ ފުލަށް ދިޔަ ގޭސް އަށް ޕޮއިންޓެއް ވެސް ނުލިބެ އެވެ.

ވެމްކޯ އަށް ރޭގެ މެޗުގައި ލަނޑުތައް ޖަހައިިދިނީ، އަލީ ޝިޔާހު (ޝިޔަޅޭ) ދެ ގޯލާއި، އިރާނުގެ ދެ ކުޅުންތެރިން ކަމަށްވާ އަލީ ރެޒާ އާއި ސުލެމާނީ އެހްސާންގެ އިތުރުން، އަބްދުﷲ ޖުނައިދު (ޖެންނޭ)، އިސްމާއިލް ވަޖީހު (ވައްޖެ)، އަހުމަދު ބައްސާމް މުހައްމަދު ނައީމް (ބައްކު)، އަދި އިބްރާހިމް މައިސާން އެވެ.

މުބާާރާތުގެ ގަދަ 16 ބުރުގެ ގުރުއަތުލުން ކުރިއަށްދާނީ މިރެ އެވެ. އެ ބުރުގައި ހިމެނޭ ޓީމުތަކަކީ، ރޯޑް ރެކްރިއޭޝަން ކްލަބް (އާރްއާރްސީ)، ޓީމު އެމްއޭސީއެލް، މޯލްޑިވިއަން، ކްލަބް އެޗްޑީސީ، އެމްޕީއެލް، ދިވެހި ސިފައިންގެ ކްލަބް، އެސްޓީއޯ ރެކްރިއޭޝަން ކްލަބް، ކްލަބް އެމްޓީސީސީ، ފެނަކަ ރެކްރިއޭޝަން ކްލަބް، ސްޓެލްކޯ ރެކްރިއޭޝަން ކްލަބް، ފިއުލް ރެކްރިއޭޝަން ކްލަބް (އެފްއެސްއެމް)، ޔުނައިޓެޑް ބީއެމްއެލް، ކްލަބް ވެމްކޯ، ދިރާގު، ކްލަބް ޓީޓީއެސް އަދި ޕޮލިސް ކްލަބް އެވެ.