Advertisement

އެމްޑީޕީގެ އިސްވެރިންތަކެއްގެ މައްސަލަ އޭސީސީ އިން ބަލަން ފަށައިފި

9 އޮކްޓޯބަރު 2025 - 14:24 1

އަހުމަދު އާއިދު

އަހުމަދު އާއިދު

އޭސީސީގެ ރައީސް ޝާމިލް ރައީސް މުއިއްޒު އާއި ސުވާލުކުރައްވަނީ: އެމްޑީޕީގެ އިސްވެރިންތަކެއްގެ މައްސަލަ އޭސީސީ އިން މިހާރު ދަނީ ބަލަމުން ---- ފޮޓޯ: ރައީސް އޮފީސް


އެމްޑީޕީގެ އިސްވެރިންތަކެއްގެ މައްސަލަ އޭސީސީ އިން ބަލަން ފަށައިފި

9 އޮކްޓޯބަރު 2025 - 14:24 1

އިދިކޮޅު އެންމެ ބޮޑު ސިޔާސީ ޕާޓީ އެމްޑީޕީގެ އިސްވެރިންތަކެއްގެ މައްސަލަތަކެއް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބަލަން ފަށައިފި އެވެ.

މި ނޫހާ ވާހަކަ ދެއްކި ބައެއް މަސްދަރުތަކުން ކިޔައިދިން ގޮތުގައި އޭސީސީން އިން ތަހުގީގު ކުރާ ބޭފުޅުންގެ ތެރޭގައި އެމްޑީޕީގެ ޗެއާޕާސަން އަދި ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް، ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު އަދި ކުރީގެ ބަންޑާރަ ނައިބު އިބްރާހިމް ރިއްފަތުގެ ހިމެނެ އެވެ.

އެބޭފުޅުންގެ މައްސަލަތައް ތަހުގީގު ކުރަމުންދަނީ އޭސީސީ އިން ހާއްސަ އިސްކަމެއް ދީގެން ކަމަށް ވެސް އެނގިފައިވެ އެވެ. މި ބޭފުޅުންގެ މައްޗަށް ތުހުމަތު ކުރަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އުސޫލުތަކާ ހިލާފަށް ބާތިލްކުރި އެއްބަސްވުންތަކަށް ބަދަލު ދިން މައްސަލަތަކެއް ކަމަށް މައުލޫމާތު ލިބިފައިވެ އެވެ.

"އޭގެ ތެރޭގައި ޕީއެންސީއަށް ނިސްބަތްވާ މަޖިލިސް މެންބަރެއްގެ ކުންފުންޏަކަށް ބަދަލެއް ދިން މައްސަލަ ވަރަށް ބާރަށް ކުރިއަށް އެބަ ގެންދޭ،" އޭނާ ވިދާޅުވި އެވެ.

މި މައްސަލަތައް ބަލައިދިނުމަށް އެދި ޑިސެމްބަރު 22، 2024، ގައި އޭސީސީއަށް ހުށަހެޅީ ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުންނެވެ.

ޕީޖީ އޮފީހުން ބުނީ އޭސީސީއަށް އެ މައްސަލަ ހުށަހެޅީ ނޮވެމްބަރު 17، 2018، އިން ފެށިގެން ނޮވެމްބަރު 17، 2023، ގެ ނިޔަލަށް ދައުލަތުން އެކި މީހުންނާއި ވިޔަފާރިތަކަށް ބަދަލުގެ ގޮތުގައި ދީފައިވާ ފައިސާއާ ގުޅޭ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ދީރާސާ ކުރުމަށްފަހު ހުށަހެޅި ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަންކަމަށް ބެލުމަށް ފަހު ކަމަށެވެ.

އެ ރިޕޯޓުގައި، ދައުލަތުގެ އިސް މަގާމުތަކެއް އަދާ ކޮށްފައިވާ ބައެއްގެ މައްޗަށް ދައުލަތުގެ ފައިސާ އާއި މުދާ، އެ ތަކެތީގެ ހައްގުވެރިން ފިޔަވައި އެހެން ފަރާތްތަކަށް ލިއްބައިދީ، ލިއްބައިދިނުމަށް މަސައްކަތްކޮށްފައިވާ ކަމަށް ތުހުމަތުކުރެވޭ ކަމަށް ބަޔާންކޮށްފައިވާ ކަމަށް ޕީޖީން އޭރު ބުންޏެވެ.

އޭސީސީ އިން މި ތަހުގީގު ފަށާފައިވާއިރު މި ސަރުކާރުގެ ވެރިންގެ މައްޗަށް ކުރެވޭ ތުހުމަތުތައް އެ ކޮމިޝަނުގައި ފުނި ޖެހިފައި އެބައޮތެވެ. އޭގެތެރޭގައި ރައީސް މުހައްމަދު މުއިއްޒުއަށް ތުހުމަތު ކުރެވޭ އެތައް މައްސަލަތަކެއް ވެސް ހިމެނެ އެވެ.

ހައުސިން މިނިސްޓަރު އަދި މާލޭގެ މޭޔަރުގެ މަގާމުގައި މުއިއްޒު ހުންނެވި ދުވަސްވަރު މުއިއްޒު ހިންގެވި ކަމަށް ޝައްކު ކުރެވޭ 20 އަށް ވުރެ ގިނަ ކޮރަޕްޝަނުގެ މައްސަލަ އޮތީ އޭސީސީ އަށް ހުށަހަޅައިފަ އެވެ. އެ މައްސަލަތައް ބަލަމުންދާ ކަމަށް އޭސީސީ އިން ވަނީ މީގެ ކުރިން ބުނެފަ އެވެ.

އެކަމަކު، އެ މައްސަލަތަކުގެ ތަހުގީގު ކުރިއަށްދާ ގޮތާމެދު ސުވާލު ކުރުމުން އޭސީސީ އިން ބުނީ ވަކިވަކި މައްސަލަތަކުގެ ތަފުސީލު ހާމަ ކުރެވެން ނެތް ކަމަށެވެ.

މީގެ އިތުރުން، ފެނަކައިގެ ކުރީގެ މެނޭޖިން ޑިރެކްޓަރު މުއާޒު މުހައްމަދު ރަޝީދު، ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަނުގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދު އަށް ތުހުމަތު ކުރެވޭ ކޮރަޕްޝަންގެ ބޮޑެތި މައްސަލަތަކެއް އޭސީސީގައި މަޑުޖެހިފައި އެބަ އޮތެވެ.