9 އޮކްޓޯބަރު 2025 - 09:54 0
9 އޮކްޓޯބަރު 2025 - 09:54 0
މިހާރު ކުރިއަށްދާ ކްލަބް މޯލްޑިވްސް ކަޕް ފުޓްސަލް މުބާރާތުގެ ގަދަ 16 ބުރުން ސްޓެލްކޯ ރެކްރިއޭޝަން ކްލަބް، ކްލަބް އެމްޓީސީސީ، ޓީމު ފެނަކަ އަދި ޓީމު އެފްއެސްއެމް ޖާގަ ހޯދައިފި އެވެ.
ކްލަބް މޯލްޑިވްސް ކަޕްގައި ރޭ ކުޅެފައިވަނީ ގްރޫޕް ސީ އާއި ގްރޫޕް ޑީގެ ފަހު މެޗުތަކެވެ.
އެ ގޮތުން، ގްރޫޕް ސީގެ ފަހު މެޗުގައި، ބައްދަލުކުރީ އެމްޓީސީސީ އާއި ސްޓެލްކޯ އެވެ. މި މެޗުގައި، ސްޓެލްކޯގެ ކެޕްޓަން، އަހުނަފް ރަޝީދު (އަހުއްކޮ) ޖެހި ގޯލުން އެ ޓީމު ލީޑުނެގި މި މެޗު ނިމެން ކައިރިވެފައިވަނިކޮށް އެމްޓީސީސީން ވަނީ ލަނޑު ޖަހައި އެއްވަރުކޮށްފަ އެވެ. އެ ޓީމުގެ ލަނޑު ޖެހީ، މުހައްމަދު ޝާއިން (ޝާއިންޓެ) އެވެ.
އުރީދޫ ނަން ނެގުމުން، ގްރޫޕް ސީގައި އެ ޓީމު ކުޅެން އޮތް ތިން މެޗު ވަނީ އިދިކޮޅު ޓީމަށް ތިން ޕޮއިންޓާއި ދެ ގޯލު ދީފަ އެވެ. އެ ގޮތުން، މި ގްރޫޕްގެ އެއް ވަނަ ހޯދީ ހަތް ޕޮއިންޓާ އެކު، ކްލަބް އެޗްޑީސީ އެވެ. އެމްޓީސީސީ ދެ ވަނައިގައި ނިންމީ ފަސް ޕޮއިންޓް ހޯދައިގެންނެވެ. ތިން ވަނަ އަށް ދިޔަ ސްޓެލްކޯ އަށް ލިބުނީ ހަތަރު ޕޮޮއިންޓެވެ.
ގްރޫޕް ޑީގެ ފަހު މެޗުތައް ރޭ ކުޅުނުއިރު، މޯލްޑިވިއަން އަތުން ފެނަކަ މޮޅުވީ 1-0 އިންނެވެ. އަދި، އަނެއް މެޗުން، ޕްރިޒަން ކްލަބް އަތުން އެފްއެސްއެމް މޮޅުވީ 5-1 އިންނެވެ. ގްރޫޕްގެ އެއް ވަނަ ލިބުނީ، ހަތް ޕޮއިންޓް ހޯދި ފެނަކަ އަށެވެ. ދެ ވަނައިގައި އޮތް މޯލްޑިވިއަން އަށް ހަ ޕޮއިންޓް ލިބުނުއިރު، ތިން ވަނަ އަށް ދިޔަ އެފްއެސްއެމް އަށް ވަނީ ހަތަރު ޕޮއިންޓް ލިބިފަ އެވެ. އަދި، ފުލަށްދިޔަ، ޕްރިޒަން ކްލަބް ވަނީ ތިން މެޗުން ވެސް ބަލިވެފަ އެވެ.
ފެނަކަ އިން މޯލްޑިވިއަން ބަލިކުރި މެޗުގެ ހަމައެކަނި ލަނޑު ޕެނަލްޓީ އަކުން ޖެހީ ފެނަކަ ޓީމުގެ ކެޕްޓަން، ހާޒިމް ފައުޒީ (ހަތީ) އެވެ. މި މެޗުގައި، މޯލްޑިވިއަން އިން ފޮނުވާލި ގިނަ ހަމަލާތަކެއް، މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި ފެނަކައިގެ ކީޕަރު، އަހުމަދު ހުޝާމް ވަނީ މަތަކޮށްފަ އެވެ.
ޕްރިޒަން އަތުން މޮޅުވިއިރު، އެފްއެސްއެމްގެ ލަނޑުތައް ޖެހީ، އަބްދުﷲ ލޫތު އިބްރާހިމް (ސާނޭ) ދެ ގޯލުގެ އިތުރުން މުހައްމަދު ނާފިއު އަހުމަދު (ނާއްޕެ)، މުހައްމަދު މާކިން އަދި ހުޒޭފާ އިބްން ހުސެއިން އެވެ. ޕްރިޒަންގެ ހަމައެކަނި ލަނޑު ޖެހީ، މުރުތަޖާ މުހައްމަދު އެވެ.
ކްލަބް މޯލްޑިވްސް ކަޕްގެ ގްރޫޕް ސްޓޭޖުގެ ފަހު މެޗުތައް މިރޭ ކުރިއަށްދާނެ އެވެ. އެއީ ގްރޫޕް އީ އާއި ގްރޫޕް އެފްގެ މެޗުތަކެވެ. ގްރޫޕް އީގައި ކުޅޭނީ އެމްޕީއެލް އާއި ކްލަބް އޭވިއޭޝަން ސެކިއުރިޓީ (އޭވްސެކް)ގެ މެޗާއި ދިރާގާއި ޕޮލިސް ކްލަބް ބައްދަލުކުރާ މެޗެވެ. އަދި، ގްރޫޕް އެފްގައި، ކްލަބް ވެމްކޯ އާއި ގޭސް ރެކްރިއޭޝަން ކްލަބް ކުޅޭ މެޗާއި ޔުނައިޓެޑް ބީއެމްއެލް އާއި ކްލަބް ޓީޓީއެސް ކުޅޭ މެޗެވެ.
Comment