Advertisement

އޮކްޓޯބަރު 3، ގެ މުޒާހަރާގައި ބައިވެރިވި މީހުން ސަރުކާރު ކުންފުނިތަކުގެ ވަޒީފާއިން ވަކި ކުރަން ފަށައިފި

9 އޮކްޓޯބަރު 2025 - 08:38 1

އަހުމަދު އާއިދު

އަހުމަދު އާއިދު

އެމްޑީޕީން ބޭއްވި މުޒާހަރާގެ ބައިވެރިން އާޓިފިޝަލް ބީޗަށް އެއްވެފައި: އޭގެ ތެރޭގައި ހިމެނޭ ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުންނަށް ދަނީ ވަޒީފާގެ ބިރު ދައްކަމުން --- ފޮޓޯ: މިރާޝް ނާޝިމް/އަދަދު


އޮކްޓޯބަރު 3، ގެ މުޒާހަރާގައި ބައިވެރިވި މީހުން ސަރުކާރު ކުންފުނިތަކުގެ ވަޒީފާއިން ވަކި ކުރަން ފަށައިފި

9 އޮކްޓޯބަރު 2025 - 08:38 1

އޮކްޓޯބަރު 3، ގައި އިދިކޮޅު އެމްޑީޕީން މާލޭގައި ކުރިއަށް ގެންދިޔަ މުޒާހަރާގައި ބައިވެރި ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުން ވަޒީފާއިން ވަކި ކުރަން ފަށައިފި އެވެ.

މި ނޫހަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ސަރުކާރުގެ އެކި ކުންފުނިތަކުން ދަނީ އެމްޑީޕީގެ މުޒާހަރާއަށް ދިޔަ މުވައްޒަފުންނަށް ވަޒީފާގެ ބިރު ދައްކަމުންނެވެ. ބައެއް މުވައްޒަފުން ވަނީ ވަޒީފާއިން ވަކި ވެސް ކޮށްފަ އެވެ.

ވަޒީފާއިން ވަކި ކުރި މީހުންގެ ތެރޭގައި ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) ގެ ދެ މުވައްޒަފަކު ހިމެނެ އެވެ. އެ ދެ މުވައްޒަފުންނަކީ އެ ކުންފުނީގެ ސީނިއާ ބިލްޑިން މެއިންޓަނަންސް ގެ މަގާމުގައި ހުރި މުހައްމަދު ނިޝާމް އަދި ސީނިއާ ލޮޖިސްޓިކްސް އޮފިސަރު އަބްދުﷲ ވަހީދެވެ.

މި ދެ މީހުން ވަޒީފާއިން ކަނޑާލާފައިވަނީ އިއްޔެ އެވެ. ވަޒީފާއިން ވަކިކުރުމުން ނިޝާމް އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ ވަޒީފާ ގެއްލުނަސް އޭނާ ހުރީ ގަދަކޮށް ކަމަށެވެ.

އެމްޑީޕީގެ މުޒާހަރާއާ ދިމާކޮށް ސަރުކާރުގެ ކުންފުނިތަކުން ގިނަ ކަންކަން ރާވައި، މުވައްޒަފުން އެ އެއްވުމަށް ދިޔުމުގެ ފުރުސަތު ހަނިވާނެ ގޮތަށް ސަރުކާރުން މަސައްކަތް ކޮށްފައިވެ އެވެ.

އެގޮތުން ކަސްޓަމްސްގެ މުވައްޒަފުން ކުއްލި މަސް ރޭހެއް ބާއްވައި، މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އެ ދުވަހު އިތުރު ގަޑިއަށް އޮފީހަށް ނުކުތުމަށް މަަޖުބޫރުކުރި އެވެ. ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އެ ރޭ ހުޅުމާލޭގައި ޝޯއެއް ބޭއްވިއިރު، އިތުރު ކުންފުނިތަކުން ގިނަ ކަންކަން ރާވައި ހިންގި އެވެ.

ވެރިކަންކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އިން އިދިކޮޅު މުޒާހަރާގެ ދެ ރޭ ކުރިން ބޭއްވި ޖަގަހަ ޖަލްސާއަށް ދިޔުމަށް ސަރުކާރުގެ ކުންފުނިތަކުގެ މުވައްޒަފުންނަށް މަޖުބޫރު ކުރި ކަމަށާއި ޖަލްސާއަށް ދިޔަ މުވައްޒަފުންގެ ހާޒިރީ ބެލިކަން ވެސް މި ނޫހަށް ވަނީ އެނގިފަ އެވެ.

މި ނޫހަށް މައުލޫމާތު ދިން އެސްއޯއީތަކުގެ ބައެއް މުވައްޒަފުން ބުނި ގޮތުގައި މި ޖަލްސާއަށް ދާން ކުންފުނިތަކުގެ ވެރިން މި ހަފުތާ ފެށުމާއެކު އަންގަން ފެށި އެވެ. އެކަން އަންގަން ގްރޫޕުތަކަށް މެސެޖުކޮށް، ވަކި މީޓިންތަކެއް ބޭއްވި ކަމަށް އެ މުވައްޒަފުން ބުންޏެވެ.

އެގޮތުން، އެމްޕީއެލް، ސްޓެލްކޯ، އެމްއޭސީއެލް، އެސްޓީއޯ ފަދަ ކުންފުނިތަކުގެ މުވައްޒަފުންނަށް ބުދަ ދުވަހުގެ ރޭގެ ޖަލްސާއަށް ދާން އެންގި ކަމަށް އެ ކުންފުނިތަކުވެ މުވައްޒަފުން ބުންޏެވެ.