9 އޮކްޓޯބަރު 2025 - 05:37 0
9 އޮކްޓޯބަރު 2025 - 05:37 0
ރިޔާދު، ސައުދީ އަރަބިއްޔާ (އޮކްޓޫބަރު 9) - ސައުދީ އަރަބިއްޔާގެ އަލް ނަސްރަށް ކުޅެމުން އަންނަ ޕޯޗުގީސް ތަރި، ކްރިސްޓިއާނޯ ރޮނާލްޑޯ އަކީ، ފުޓްބޯޅަ ކެރިއަރު ކުރިއަށްގެންދަމުން ބިލިއަނަރަކަށްވި ފުރަތަމަ ކުޅުންތެރިޔާ ކަމަށް ބްލޫމްބާގްގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.
ބްލޫމްބާގްގެ ބިލިއަނަރު އިންޑެކްސް އިން ދައްކާގޮތުގައި، އުމުރުން 40 އަހަރުގެ ރޮނާލްޑޯގެ މިލްކިއްޔާތު މިހާރު އަގުކުރެވިފައިވަނީ، 1.4 ބިލިއަން ޑޮލަރުގަ އެވެ. އެއީ، 2002 އިން 2023 އަށް ބަލާއިރު، އާމްދަނީ އަށް ލިބިފައިވާ، 550 މިލިއަން ޑޮލަރުގެ އިތުރުން، ސްޕޮންސަޝިޕް ޑީލްތަކާއި ޓީވީ އިސްތިހާރުތަކުގެ އިތުރުން، 10 އަހަރަށް ވުރެ ދިގު މުއްދަތެއް ވެފައިވާ، ނައިކީގެ އަހަރަކު 18 މިލިއަން ޑޮލަރު ލިބޭ ކޮންޓްރެކްޓް ވެސް ހިމެނޭ ގޮތަށެވެ.
ސައުދީ ޕްރޯ ލީގުގެ އަލް ނަސްރަށް 2023 ވަނަ އަހަރު ރޮނާލްޑޯ ބަދަލުވީ، ޖުމްލަ އެކު، 200 މިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބޭ ކޮންޓްރެކްޓެއްގަ އެވެ. އަދި، ދާދި ފަހުން އަލް ނަސްރުގެ ކޮންޓްރެކްޓް އާ ކުރީ، ޖުމްލަ އެކު، 400 މިލިއަން ޑޮލަރު ލިބޭ ގޮތަށް ދެ އަހަރުގެ ޑީލެއްގަ އެވެ.
ރޮނާލްޑޯއާ އެންމެ ގާތުން ވާދަކުރަމުން އަންނަ ލިއޮނަލް މެސީގެ މިލްކިއްޔާތު ވެސް ބޮޑުތަނުން ކުރިއަރާފައިވާއިރު، އޭނާގެ ވިޔަފާރިތަކުގެ އާމްދަނީ ނުލައި، ކުޅުމާ ގުޅޭ އާމްދަނީ، އުޅެނީ 600 މިލިއަން ޑޮލަރަށް ވުރެ މަތީގައި ކަަމަށް ބްލޫމްބާގުގެ އިންޑެކްސް އިން ދައްކަ އެވެ. އަދި، މެސީ ކުޅެމުން އަންނަ އިންޓަ މިއާމީގައި ކެރިއަރު ނިމުމުން، އެ ޓީމުގެ ހިއްސާއެއް އޭނާ އަށް ދޭން ވަނީ އެއްބަސްވެފަ އެވެ.
Comment