Advertisement

ބޭރުގެ ވިޔަފާރިވެރިންނަށް ރާއްޖޭގައި އިންވެސްޓުކުރެވޭނެ ދާއިރާތައް އިސްލާހުކޮށްފި

8 އޮކްޓޯބަރު 2025 - 21:37 1

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން

ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒު -- ފޮޓޯ: ރައީސް އޮފީސް


ބޭރުގެ ވިޔަފާރިވެރިންނަށް ރާއްޖޭގައި އިންވެސްޓުކުރެވޭނެ ދާއިރާތައް އިސްލާހުކޮށްފި

8 އޮކްޓޯބަރު 2025 - 21:37 1

ބޭރުގެ ފަރާތްތަކަށް ރާއްޖޭގައި އިންވެސްޓު ކުރެވޭނެ ދާއިރާތަކާއި ނުކުރެވޭނެ ދާއިރާތައް އިސްލާހުކޮށް ގެޒެޓުކޮށްފި އެވެ.

މިދިޔަ އަހަރު ސަރުކާރުން ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒު ތަސްދީގުކުރެއްވި ފޮރިން އިންވެސްޓްމެންޓް ގާނޫނުގެ ދަށުން ބޭރުގެ ފަރާތްތަކަށް ރާއްޖޭގައި އިންވެސްޓު ކުރެވޭނެ ދާއިރާތައް އިސްލާހު ކުރީ ވަޒީރުންގެ މަޖިލީހުންނެވެ. މިއަދު ގެޒެޓުކުރި އިއުލާނުގައި ބޭރުގެ އިންވެސްޓަރުންނަށް އިންވެސްޓު ކުރެވޭނެ ދާއިރާތަކާއި އިންވެސްޓު ނުކުރެވޭނެ ދާއިރާތަކުގެ އިތުރުން ވަކި ޝަރުތުތަކަކާއެކު އިންވެސްޓު ކުރެވޭނެ ދާއިރާތައް ވެސް ކަނޑައަޅާފައިވެ އެެވެ.

މި ބަދަލުތަކާއެކު މީގެ ކުރިން ރާއްޖޭގައި ވިޔަފާރި ކުރަމުން އައި ބޭރުގެ ވިޔަފާރިވެރިންގެ ވިޔަފާރިތަކަށް ވެސް ބަދަލުތަކެއް ގެންނަން ޖެހޭނެ އެވެ. އެ ބަދަލުތައް ގެނައުމަށްޓަކައި ޓްރާންސިޝަން މުއްދަތެއް ދިނުމަށް ސަރުކާރުން ވަނީ ނިންމައިފަ އެވެ. ޓްރާންސިޝަން މުއްދަތު ކަނޑައަޅާނީ އިކޮނޮމިކް މިނިސްޓްރީގައި ގާއިމު ކުރާ ޓްރާންސިޝަން ކޮމިޓީއަކުންނެވެ.

ޓްރާންސިޝަންގެ އިންތިޒާމުތައް ހަމަޖެއްސުމާބެހޭ އުސޫލު ވެސް އެ އިއުލާނުގައި ހިމަނާފައިވެ އެވެ.

ޓްރާންސިޝަން މުއްދަތު ކަނޑައެޅުމުގައި ބަލާނީ އެ ވިޔަފާރިއަކުން މިހައިތަނަށް ކޮށްފައިވާ އިންވެސްޓާއި ދިވެހިރާއްޖޭގެ ގާނޫނުތަކާއި ގަވާއިދުތަކަށް އެ ވިޔަފާރިއަކުން އަމަލު ކުރަމުން އައިސްފައިވާ ގޮތާއި އަދި ވިޔަފާރިތަކުން ރާއްޖޭގެ އިގުތިސާދަށް ކޮންޓްރިބިއުޓް ކޮށްފައިވާ ގޮތަށް ބެލުމަށްފަހު ކަމަށް އިކޮނޮމިކް މިނިސްޓްރީގެ އިއުލާނުގައި ބުންޏެވެ.

ނަމަވެސް އަލަށް ގެނައި ބަދަލުތަކުގެ ދަށުން ބޭރުގެ ފަރާތްތަކަށް އިންވެސްޓު ނުކުރެވޭ ދާއިރާތަކުގައި މިހާރު ހިންގަމުންދާ ވިޔަފާރިތައް އިތުރަށް ފުޅާ ކުރުމުގެ ފުރުސަތު ނުދެވޭނެ ކަމަށް އެ އިއުލާނުގައި ބުންޏެވެ.

ޓްރާންސިޝަން މުއްދަތު ކަނޑައަޅައި އާ ބަދަލުތަކާ އެއްގޮތަށް ވިޔަފާރިތަކަށް ބަދަލު ގެންނަން ބޭނުންވާ ފަރާތްތަކުން އެކަމަށް އެދި ހުށަހަޅަންޖެހޭނެ ގޮތް ވެސް އިއުލާނުގައި ބަޔާން ކޮށްފައިވެ އެވެ. އެގޮތަށް އެދޭ ފަރާތްތަކަށް ގިނަވެގެން 60 ދުވަހުގެ ތެރޭގައި އެ ހުށަހަޅުމަކާ ގުޅޭގޮތުން ގޮތެއް ނިންމައި އަންގާނެ ކަމަށް އިއުލާނުގައި ބުނެފައިވެ އެވެ.