Advertisement

ފްލެޓަށް ޝަރުތު ހަމަނުވާ ކަމަށް އަންގަމުން ދަނީ ގާނޫނާ ހިލާފަށް: ފަހި ޔޫނިއަން

8 އޮކްޓޯބަރު 2025 - 18:18 0

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން

ގެދޮރުވެރިޔާ ސްކީމުގެ ދަށުން ހުޅުމާލޭގައި އިމާރާތް ކޮށްފައިވާ ބައެއް އިމާރާތްތައް -- ފޮޓޯ: އަދަދު


ފްލެޓަށް ޝަރުތު ހަމަނުވާ ކަމަށް އަންގަމުން ދަނީ ގާނޫނާ ހިލާފަށް: ފަހި ޔޫނިއަން

8 އޮކްޓޯބަރު 2025 - 18:18 0

ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓު ލިބޭ މީހުންގެ ގޮތުގައި މިދިޔަ ސަރުކާރުން ކަނޑައެޅި ބައެއްގެ ޝަރުތު ހަމަނުވާ ކަމަށް ބުނެ މި ސަރުކާރުން އަންގަމުންދަނީ ދުސްތޫރީ ހަމަތަކާއި ގާނޫނީ އުސޫލާ ހިލާފަށް ކަމަށް ފަހި ޔޫނިއަނުން ބުނެފި އެވެ.

އެ ޔޫނިއަނުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ ގެދޮރުވެރިޔާ ސްކީމަށް ޝަރުތު ހަމަވާކަމަށް މިދިޔަ ސަރުކާރުން ކަނޑައަޅައި އެއްބަސްވުމުގައި ސޮއިކޮށްފައިވާ ބައެއް މީހުންނަށް ފްލެޓު ނުލިބޭނެކަން މި ސަރުކާރުން އަންގަމުންދާ ކަމަށެވެ. އަދި އެގޮތަށް އަންގަމުން ދަނީ އެ ފަރާތްތަކާއެކު މިދިޔަ ސަރުކާރުންވީ އެއްބަސްވުން އުވައިލުމެއް ވެސް ނެތި ކަމަށް އެ ބަޔާނުގައި ބުންޏެވެ.

"އެ އެއްބަސްވުން ބާތިލު ކުރުމެއްނެތި، އަދި އެއްބަސްވުމުގެ ބައިވެރީންގެ ރުހުމެއްނެތި ކުރީ ސަރުކާރުން ޝަރުތު ހަމަވިކަމަށް ނިންމި ގިނަ ބަޔަކު މި ސަރުކާރުން ޝަރުތު ހަމަނުވާކަމަށް ބަލާފައި ވަނީ ޝަރުއީ އަދި ގާނޫނީ އަސާސްތަކާއި ހިލާފަށް މިނިސްޓްރީ އޮފް ކޮންސްޓްރަކްޝްން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާއިން އެންމެހައި ދުސްތޫރީ ހަމަތަކާއި ގާނޫނީ އުސޫލުތަކާ ކަނޑައެޅިގެން ހިލާފަށް،" ފަހި ޔޫނިއަންގެ ބަޔާނުގައި ބުންޏެވެ.

އެކަމަށް ބާރުދެމުން ފަހި ޔޫނިއަންގެ ބަޔާނުގައި ވަނީ ގާނޫނުއަސާސީގެ 23، 18 އަދި 40 ވަނަ މާއްދާ ފާހަގަކޮށްފަ އެވެ.

އެގޮތުން ގާނޫނުއަސާސީގެ 23 ވަނަ މާއްދާގައިވާ ހައްގުތައް ރައްޔިތުންނަށް ހޯދޭނެ މަގު ދައުލަތުގެ ތަނަވަސްކަމާއި ކުޅަދާނަކަން ހުރި މިންވަރަކުން ތަނަވަސްކޮށްދިނުމަށް މަސައްކަތް ކޮށްދޭން ޖެހޭނެ ކަމަށް ބަޔާން ކޮށްފައި އޮންނައިރު، އެ މާއްދާގެ ށ. ގައި ފޭރާމާއި ހިޔާވަހިކަން ހިމެނޭ ކަމަށް އެ ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ.

އޭގެއިތުރުން ގާނޫނުއަސާސީއާ އެއްގޮތަށް އަމަލު ކުރުމާއި ގާނޫނު އަސާސީގައި ބަޔާންވެގެންވާ ހައްގުތަކާއި މިނިވަންކަން ހިމާޔަތްކޮށް ކުރިއެރުވުމަކީ ދައުލަތުގެ ވާޖިބެއް ކަމަށް ގާނޫނުއަސާސީގެ 18 ވަނަ މާއްދާގައި ބަޔާން ކޮށްފައިވާކަން އެ ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ.

އަދި މުދާ ހޯދުމާއި މިލްކުކުރުމާއި ވާރުތަކުރުމާއި ދިނުމާއި މުދަލުން މުއާމަލާތް ކުރުމުގެ ހައްގު ކޮންމެ ރައްޔިތަކަށްމެ ލިބިގެންވާކަމާއި މީސްމީހުންގެ މުދަލަކީ ނިގުޅައިގަނެގެން ވާނެ ތަކެއްޗެއް ނޫން ކަމަށް ގާނޫނުއަސާސީގެ 40 ވަނަ މާއްދާގައި ބަޔާން ކޮށްފައި އޮންނަކަން އެ ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ.

ފަހި ޔޫނިއަންގެ ބަޔާނުގައި ބުނެފައި ވަނީ އެއްވެސް މީހެއްގެ ރުހުމެއް ނެތި މީހެއްގެ މުދަލެއް ދައުލަތަށް ނެގޭނީ ކޯޓުން ކުރާ ހުކުމަކުން ކަމަށާއި އަދި އެފަދައިން މުދަލެއް ނަގާ ނަމަވެސް އެކަށީގެންވާ ބަދަލެއް އެމީހަކަށް ދޭންޖެހޭ ކަމަށް ގާނޫނުގައި ބަޔާން ކޮށްފައިވަނިކޮށް ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓު ލިބުނު މީހުންގެ އަތުން އެ ހައްގު މި ސަރުކާރުން ނިގުޅައިގެންފައިވާ ކަމަށެވެ.

ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓު ލިބޭނެ ކަމަށް މިދިޔަ ސަރުކާރުން ކަނޑައެޅި މީހުންގެ ތެރެއިން އެ ސްކީމަށް ޝަރުތު ހަމަނުވާ ކަމަށް މި ސަރުކާރުން ކަނޑައަޅައި އަންގަމުންދާ ފަރާތްތަކުން އެ މައްސަލަ ކޯޓަށް ހުށަހަޅާނެ ކަމަށް ބުނެ މިނިސްޓްރީއަށް ނޯޓިސް ދެމުންދާ ކަމަށް ފަހި ޔޫނިއަނުން ބުންޏެވެ.

"މި ފުރުސަތުގައި ހައްގު ގެއްލުނު ފަރާތްތައް މި ޔޫނިއަންއާއެކު ކެތްތެރިކަމާއެކު ތިއްބެވުމަށާއި މި ޔޫނިއަނުން ގާނޫނާ އެއްގޮތްވާގޮތުގެ މަތީން ދެމުންދާ ލަފަޔާއި އިރުޝާދަށް ބެއްލެވުމަށާއި މި ޔޫނިއަނުން އަބަދުވެސް ހައްގު ގެއްލުނު ފަރާތްތަކުގެ ހައްގު ލިބެންދެން މަސައްކަތް ކުރުންމަތީ ތެދުވެރިކަމާއެކު ދެމިއޮންނާނެކަމުގެ ފުރިހަމަ ޔަގީންކަން އަރުވަމެވެ،" އެ ބަޔާނުގައި ބުންޏެވެ.