Advertisement

ވެންޓިލޭޓަރު މައްސަލައިގައި ދިވެހި ސަރުކާރަށް 37 މިލިއަން ރުފިޔާ ދައްކަން ދުބާއީ ކުންފުންޏަށް ކޯޓުން އަމުރުކޮށްފި

8 އޮކްޓޯބަރު 2025 - 20:26 1

އަހުމަދު އާއިދު

އަހުމަދު އާއިދު

ބަންޑާރަނައިބު އަހުމަދު އުޝާމް: ވެންޓިލޭޓަރު މައްސަލާގައި ދިވެހި ސަރުކާރަށް 37 މިލިއަން ރުފިޔާ ދޭން ދުބާއީ ކުންފުނީގެ މައްޗަށް ވަނީ އަމުރު ކޮށްފަ ---- ފޮޓޯ: ރައީސް އޮފީސް


ވެންޓިލޭޓަރު މައްސަލައިގައި ދިވެހި ސަރުކާރަށް 37 މިލިއަން ރުފިޔާ ދައްކަން ދުބާއީ ކުންފުންޏަށް ކޯޓުން އަމުރުކޮށްފި

8 އޮކްޓޯބަރު 2025 - 20:26 1

ކޮވިޑުގެ ބަލިމަޑުކަމުގެ ދުވަސްވަރު ރާއްޖެއިން އޯޑަރު ކުރި ވެންޓިލޭޓަރުތަކުގެ ބަދަލު ހޯދުމަށް އާބިޓްރޭޝަނަށް ހުށަހެޅި މައްސަލައިގައި ވެންޓިލޭޓަރު ގެންނަން ފައިސާ ދިން ދުބާއީގެ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިން ކުންފުނިން ދިވެހި ސަރުކާރަށް 37 މިލިއަން ރުފިޔާ ދައްކަން އަމުރުކޮށްފި އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ދުބާއީގެ ކޯޓުން އެ ކުންފުނީގެ މައްޗަށް ދެވަނަ އަމުރެއް ނެރުނީ އިއްޔެ އެވެ. މި މައްސަލާގައި ހިމެނޭ ވެންޓިލޭޓަރުތަކުގެ އަގަކީ 31,052,025ރ. އެވެ.

ފެބްރުއަރީ 26، 2024، ގައި ފުރަތަމަ ނެރުނު އަމުރުގައި، ތަކެތި ނުލިބުމުގެ ސަބަބުން ލިިބިފައިވާ ގެއްލުމުގެ ބަދަލާ އެކު ޖުމުލަ 32,574,750ރ. އަދި އާބިޓްރޭޝަން ފީއަށް ހަރަދުކުރި 132،865.56ރ. ދެއްކުމަށް އަންގާފައިވެ އެވެ. އިއްޔެ ކުރި ހުކުމުގައި 37 މިލިއަން ރުފިޔާ ދައްކަން އެންގީ ޖޫރިމަނާ ހިމަނައިގެންނެވެ.

މި ފައިސާ ނުދައްކައިފިނަމަ ދެން އަޅަންޖެހޭ ފިޔަވަޅު އަޅާނެ ކަމަށް ބަންޑާރަނައިބު އަހުމަދު އުޝާމް މިއަދު "މިހާރު" ނޫހަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވި ކަމަށް އެ ނޫހުން ރިޕޯޓުކޮށްފައިވެ އެވެ.

"އަމުރާ އެއްގޮތަށް ފައިސާ ނުދައްކައިފި ނަމަ ދެން ކުރަންޖެހޭ ކަންކަން ވެސް އަޅުގަނޑުމެން ކުރާނަން. ދައުލަތަށް ލިބެންޖެހޭ ފައިސާ ހޯދަން މަަސައްކަތް ކުރާނަން،" އުޝާމް ވިދާޅުވި ކަމަށް އެ ނޫހުން ބުނެފައިވެ އެވެ.

މިގޮތަށް ހުކުމް ކުރި ނަމަވެސް، އެ ބަދަލު ލިބުމަކީ ވަރަށް ދުރު ކަމެއްގެ ގޮތުގައި އުޝާމް މީގެ ކުރިން ވަނީ ވިދާޅުވެފަ އެވެ. މާޗު 6، 2024، ގައި އެޓާނީ ޖެނެރަލްގެ އޮފީހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އުޝާމް ވިދާޅުވީ އެ މައްސަލައިގެ އެއްވެސް އަޑުއެހުމަކަށް ދުބާއީ ކުންފުނި ހާޒިރުނުވާ ކަމަށާއި އެއްވެސް ބަޔާނެއް ވެސް ހުށަނާޅާ ކަމަށެވެ. ކުންފުނި "ވީ ތަނެއް ނޭނގޭ" ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ދުބާއީގެ އެގްޒެކިއުޓާސްއަށް ކުރީގެ ސަރުކާރުން ހަވާލުކުރީ 75 ވެންޓިލޭޓަރު ރާއްޖެ ގެނައުމަށެވެ. އެކަމަށް އެދުނު މުއްދަތު ހަމަވިތާ އެތައް ދުވަހެއް ފަހުން އެ ކުންފުނިން ރާއްޖެއަށް ފޮނުވީ 15 ވެންޓިލޭޓަރެވެ. ބާކީ 60 ވެންޓިލޭޓަރެއް ނުލިބެ އެވެ.

ދުބާއީ ކުންފުނިން ވެންޓިލޭޓަރުތައް ފޮނުވުމަށް 34 މިލިއަން ރުފިޔާގެ ބިޑެއް ހުށަހެޅުމުން މާލިއްޔަތު ގާވައިދާ ހިލާފަށް އެއްބަސްވުމުގައި ސޮއިނުކޮށް 30 މިލިއަން ރުފިޔާ، އެ ކުންފުންޏަށް ދޫކުރި އެވެ. އެ ކުންފުންޏާ އެ މަސައްކަތް ހަވާލުކޮށްފައިވަނީ ޑަބްލިއުއެޗްއޯގެ ލަފާގެ މަތިން ކަމަށް ހެލްތު މިނިސްޓްރީއިން ބުނެފައިވާއިރު އެފަދަ ލަފައެއް ދީފައިނުވާނެ ކަމަށް ޑަބްލިއުއެޗްއޯއިން ވަނީ ބުނެފަ އެވެ.

ވެންޓިލޭޓަރުތައް ގެނައުމުގައި ވެފައިވާ ހިޔާނާތުގެ މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ތަހުގީގު ކުރުމަށް ފަހު، އެ ފައިސާ އަނބުރާ ހޯދުމަށް އަންގާފައިވެ އެވެ.

ތަހުގީގުކުރުމަށް ފަހު އެންމެ ފުރަތަަމަ ކުރީގެ ހެލްތު މިނިސްޓަރ އަބްދުﷲ އަމީން ހިމެނޭ ގޮތަށް ހެލްތު މިނިސްޓްރީގެ 11 މުވައްޒަފެއްގެ މައްޗަށް ދައުވާކުރަން ހުށަހެޅި އެވެ. ނަމަވެސް ތަހުގީގު ފުރިހަމަ ނުވާ ކަމަށް ބުނެ ހަތަރު ފަހަރެއްގެ މަތިން އެ މައްސަލަ އަނބުރާ ފޮނުވާލީ އެވެ.

އެއާއެކު އޭސީސީން ވަނީ އެ މައްސަލަތަކުގެ ތެރެއިން އަށް މީހެއްގެ މައްސަލަ ފައިލްކޮށްފަ އެވެ. އޭގެ ފަހުން ދެން ފޮނުވީ ތިން މީހެއްގެ މައްޗަށް ދައުވާކޮށްދިނުމަށެވެ. އޭގެ ތެރޭގައި މިނިސްޓަރު އަމީން ނުހިމެނެ އެވެ.