8 އޮކްޓޯބަރު 2025 - 11:20 2
އަހުމަދު އާއިދު
ވެރިކަންކުރާ ޕީއެންސީގެ ޕީޖީ ލީޑަރު އިބްރާހިމް ފަލާހު: ނޫސްވެރިންނާއި މީޑިއާކުގެ މާލީ ބަޔާން ހާމަކުރަން ޖެހޭނެ ކަމަށް އޭނާ މިއަދު ވިދާޅުވި ---- ފޮޓޯ: މިރާޝް ނާޝިމް/އަދަދު
8 އޮކްޓޯބަރު 2025 - 11:20 2
ސަރުކާރު ކުންފުނިތަކުގެ ވެރިންނާއި މިނިވަން މުއައްސަސާތަކުގެ އިސްވެރިން ވެސް މާލީ ބަޔާން ހުށަހަޅަން ޖެހޭ ގޮތަށް އުސޫލުތައް އިތުރަށް ހަރުދަނާ ކުރުމަށް މަޖިލީހަށް ހުށަހަޅާފައިވާ ބިލަށް ބަދަލު ގެނެސް ނޫސްވެރިންނާއި މީޑިއާތަކުގެ މާލީ ބަޔާން ހާމަކުރަން ޖެހޭނެ ގޮތް ހަދާނެ ކަމަށް ޕީއެންސީގެ ޕީޖީ ލީޑަރު އިބްރާހިމް ފަލާހު ވިދާޅުވެއްޖެ އެވެ.
ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ) ހުށަހެޅުއްވި މި އިސްލާހުގައި މިނިވަން މުއައްސަސާތަކުގެ މެންބަރުންނާއި މުސްތަގިއްލު މަގާމުތަކުގައި ތިބި މީހުން ވެސް މަގާމާ ހަވާލުވާ ތާރީހުން ފެށިގެން އެއް އަހަރު ތެރޭގައި މާލީ ބަޔާން އޮޑިޓަރު ޖެނެރަލަށް ފޮނުވުމަށް ހުށަހަޅާފައިވެ އެވެ. އެ ބަޔާންް އޮޑިޓަރު ޖެނެރަލަށް އާންމުކުރުމުގެ ބާރު ދޭން ވެސް ވަނީ ހިމަނާފަ އެވެ.
ކޮމިޓީ މަރުހަލާގައި މި ބިލަށް ބަދަލު ގެންނާނެ ކަމަށާއި ނޫސްވެރިންނާއި މީޑިއާތަކުން މާލީ ބަޔާން ހާމަކުރަން ޖެހޭނެ ކަމަށް ފަލާހު ވިދާޅުވީ މި ބިލަށް ބަހުސް ކުރައްވަމުންނެވެ.
"ދައުލަތުން ސްޕޮންސާގެ ގޮތުގަ އެއްޗެއް ހޯދިޔަސް. ސްޕޮންސާގެ ގޮތުގަ އެއްޗެއް ލިބޭނެ ގޮތަށް ދާއިމީ ގޮތަށް ހަމަޖެހިފަ ހުއްޓަސް. އެއީ ރަޖިސްޓްރީ ކޮށްގެން ހިންގާ ނޫސްވެރިޔެއް ވިޔަސް. ނޫސްތަކެއް ވިޔަސް. ޓީވީ ތަކެއް ވިޔަސް. އެ ހުރިހާ ފަރާތްތަކުން މާލީ ބަޔާން ހުށަހަޅަން ޖެހޭ ގޮތަށް މިކަން އިސްލާހުކުރަން ޖެހޭ،" ފަލާހު މިއަދު ވިދާޅުވި އެވެ.
ފަލާހު މީގެ ކުރިން ވެސް މި ވާހަކަ ދެއްކެވި އެވެ. އޭރު މިހެން ވިދާޅުވީ މަޖިލިސް މެންބަރުންގެ މާލީ ބަޔާންތަކުގެ ހަބަރުތައް މީޑިއާތަކުން ގެނެސްދޭތީ އެކަމާ ހިތްޕުޅާނުވެގެންނެވެ.
މި ބިލު އެގޮތަށް އިސްލާހު ކުރަނީ ދައުލަތުގެ ފައިސާއިން މީޑިއާތަކަށް ދޭ ސްޕޮންސާތައް ހިމެނޭހެން، ދައުލަތުގެ ފައިސާ ހަރަދުކުރެވޭ ގޮތް ބެލުމަށް ކަމަށް ފަލާހު މިއަދު ވިދާޅުވި އެވެ. އޭނާ މިހެން ވިދާޅުވެފައި މިވަނީ ރައީސް މުހަައްމަދު މުއިއްޒުގެ ވައުދާ އެއްގޮތަށް މީޑިއާތަކަށް ދައުލަތުގެ ބަޖެޓުން ފައިސާ ދޫކުރަން ތައްޔާރުވަމުން ދަނިކޮށެވެ.
މެންބަރުންގެ މާލީ ބަޔާންތަކުގެ ހަބަރުތައް މީޑިއާތަކުން ގެނެސްދޭން ފެށުމުން އެކަމާ ހިތްޕުޅާނުވެ، މީގެ ކުރިން އެކްސްގައި ފަލާހު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެއްވެސް ބަލައިލުމެއް ނެތި ދޮގު ހަބަރު ފެތުރުމަކީ ވަރަށް ނުބައިކަމެއް ކަމަށެވެ. އަދި އެކަމުގެ ސަބަބުން އާއިލާތައް ރޫޅި ކުށެއް ނެތް އެތައް ބައެއްގެ ވަޒީފާތައް ގެއްލިގެންދާ ކަމަށް ފަލާހު ވިދާޅުވި އެވެ.
"ފައިސާކޮޅެއް ދޭއިރަށް ފައިސާ ދޭ މީހާ ބުނާހާ ގޮތަކަށް ދޮގު ހަބަރު ނުލިޔެވިދާނެތީތޯ މީޑިއާ ބިލް ކަމު ނުދަނީ؟ މީޑިއާތަކާއި މީޑިއާތަކުގެ ވެރިން މާލީ ބަޔާން ހުށަހަޅަންޖެހޭ ގޮތަށް މީޑިއާ ބިލުގައި ހިމެނުން ކިހިނެއްތޯ؟" ފަލާހު ކުރެއްވި ޕޯސްޓުގައި ލިޔުއްވާފައިވެ އެވެ.
ފަލާހު ވިދާޅުވީ ގައުމުގެ އަމަންއަމާންކަމާއި ސުލްހައަށް ލޯބިކޮށް ތެދު ހަބަރާއި މައުލޫމާތު، ހަގީގަތާ އެއްގޮތަށް ގެނެސްދެނީ ރާއްޖޭގެ ހަތަރު ނޫހަކުން ކަމަށެވެ. ނަމަވެސް އެއީ ކޮން ނޫސްތަކެއްކަން އޭނާ ވިދާޅެއް ނުވެ އެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment