8 އޮކްޓޯބަރު 2025 - 10:34 0
އަހުމަދު އާއިދު
ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު: ނުރުހުން ފާޅުކޮށް ވަޒީރުންނާއި ވެރިންގެ މާލީ ބަޔާންތައް ހާމަކުރަން ޝުޖާއު ގޮވާލައްވާފަ ---- ފޮޓޯ: ރައްޔިތުންގެ މަޖިލިސް
8 އޮކްޓޯބަރު 2025 - 10:34 0
ދައުލަތުގެ ވެރިންގެ ތެރެއިން މާލީ ބަޔާން ހާމަކުރަނީ ހަމައެކަނި މަޖިލިސް މެންބަރުން ކަމަށަށް ވިދާޅުވެ ނުރުހުން ފާޅުކުރައްވާ، ވަޒީރުންނާއި ދައުލަތުގެ މުއައްސަސާތަކާއި އެހެން ތަންތަނުގެ ވެރިންގެ މާލީ ބަޔާން ހާމަކުރުމަށް ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު ގޮވާލައްވައިފި އެވެ.
ވަޒީރުންގެ އިތުރުން ސަރުކާރު ކުންފުނިތަކުގެ ވެރިންނާއި މިނިވަން މުއައްސަސާތަކުގެ އިސްވެރިން ވެސް މާލީ ބަޔާން ހުށަހަޅަން ޖެހޭ ގޮތް ހެދުމަށް ހުށަހެޅާފައިވާ ބިލަށް ބަހުސްކުރައްވަމުން ޝުޖާއު ވިދާޅުވީ، މާލީ ބަޔާންތައް ހާމަކުރުމުގެ ހިތްވަރު މަޖިލިސް މެންބަރުންގެ ގައިގައި ހުންނާނެ ކަމަށެވެ.
"އެހެން ނަމަވެސް، އިއްޒަތްތެރި ރައީސް. ވަޒީރުންނާއި މިނިވަން ކޮމިޝަންތަކާއި ކުންފުނިތަކުގެ ވެރިންނާއި، އަދި އެހެންމެ، ކަސްޓަމްސް، އަދި މިހެން ގޮސް ބޮޑެތި މުއައްސަސާތަކުގެ ވެރިންގެ މާލީ ބަޔާން ހާމަކޮށްލަން ކެރޭ ދުވަހަކީ އެއީ އިއްޒަތްތެރި ރައީސް، ރަނގަޅު ފާލެއްގެ ފެށުން ކަމަށް އަޅުގަނޑުމެންނަށް ގަބޫލުކުރެވޭ،" ޝުޖާއު ވިދާޅުވި އެވެ.
މީގެ ތެރޭގައި ރައްޔިތުން ހިމެނެން ޖެހޭ ކަމަށް ވެސް ނުރުހުންވެ ހުންނަވާ ޝުޖާއު ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ލިބޭ އާމްދަނީ އާއި ނުބައްދަލު މިންވަރަކަށް އެކައުންޓުގައި ފައިސާ ދައުރުވާނަމަ އެކަންކަން ފްލެގް ވާން ޖެހޭނެ ކަމަށެވެ.
"ރައްޔިތުންނާއި ހަމައަށް ވެސް ނުހައްގު މުއްސަނދިކަމާއި މާލީ ބަޔާން ހުށަހެޅޭ ނިޒާމަށް އައީމަ މިގައުމު ދާނީ ވަރަށް ތާހީރު ރާއްޖެއެއްގެ ގޮތުގަ ވެގެން. އިއްޒަތްތެރި ރައީސް އެހެން ނޫނިއްޔާ ވާނެ ގޮތަކީ ހަމައެކަނި އަޅުގަނޑުމެންގެ ބޮލުގަ ކޮރަޕްޝަނާއި ރައްޔިތުންގެ މަޖިލީހަކީ. މިހާރު ވެފަ އޮންނަނީ ކޮރަޕްޝަންގެ ހާއްޔަކަށް ވެފަ،" ޝުޖާއު ވިދާޅުވި އެވެ.
ކޮރަޕްޝަންގެ މައްސަލަ ހައްލުކުރަން މި ބިލު ވަރަށް މުހިންމު ކަމަށާއި ސިޔާސީ ފިކުރަށް ނުބަލައި ދައުލަތުގެ ވެރިންގެ މާލީ ބަޔާންތައް ހާމަކުރެވިގެން ނޫނީ ގައުމުގެ ހާލަތު ރަނގަޅު ނުކުރެވޭނެ ކަމަށް ވެސް ޝުޖާއު މިއަދު ވިދާޅުވި އެވެ.
ވެރިކަމަށް ދެ އަހަރު ވާން ކައިރި ވެފައި ވާއިރު، ރައީސް މުހައްމަދު މުއިއްޒު އަދި ވަޒީރުންގެ މާލީ ބަޔާން އަދިވެސް ހާމައެއް ނުކުރެ އެވެ. ވަޒީރުންގެ މާލީ ބަޔާންތައް ހުށަހަޅަން ޖެހޭ ތާރީހު ބަޔާންކޮށް، ގާނޫނުއަސާސީ އިސްލާހުކުރުމަށް މަޖިލީހުގައި މި ވަގުތު ބިލެއް އެބައޮތެވެ.
ވަޒީރުންގެ މަގާމާއި ހަވާލުވާ ފަހުން ހިނގާ ކޮންމެ އަހަރެއްގެ މާލީ ބަޔާން އާންމުކުރަން ޖެހޭނެ ކަމަށް ބުނާ މި ބިލު ދިރާސާ ކުރާނީ މާލިއްޔަތު ކޮމިޓީންނެވެ. ގާނޫނުއަސާސީގެ 138 ވަނަ މާއްދާގައި މިހާރު އޮންނަނީ ވަޒީރުންގެ މަޖިލީހުގެ ކޮންމެ މެންބަރަކު މާލީ ބަޔާން ހާމަކުރަން ޖެހޭނެ ކަމަށެވެ. އެކަން ކުރަން ޖެހޭ މުއްދަތެއް ނޯވެ އެވެ.
ނަމަވެސް، މަޖިލީހުން އިއްޔެ ބަލައިގަތް ބިލުގައި އެ މާއްދާ އިސްލާހުކުރަން ހުށަހަޅާފައިވަނީ އަހަރު ފުރި ތިން މަހުގެ ތެރޭގައި މާލީ ބަޔާން އޮޑިޓާ ޖެނެރަލްގެ އޮފީހަށް ހުށަހެޅުން ލާޒިމްކުރުމަށެވެ. އެ ބަޔާންތައް އާންމުކުރުމަށް އޮޑިޓާ ޖެނެރަލަށް މި ލިބުން ލާޒިމްކުރެ އެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment