8 އޮކްޓޯބަރު 2025 - 07:51 0
އާރްއާރްސީ ކުޅުންތެރިން ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.--- ފޮޓޯ: އިމޭޖަސް.އެމްވީ
8 އޮކްޓޯބަރު 2025 - 07:51 0
ކްލަބް މޯލްޑިވްސް ކަޕްގައި ރޭ ކުޅުނު މެޗުތަކުން މޮޅުވެ، ޓީމު އެމްއޭސީއެލް އާއި ރޯޑް ރެކްރިއޭޝަން ކްލަބް (އާރްއާރްސީ) އިން ފުރިހަމަ ރެކޯޑަކާ އެކު ގްރޫޕް ސްޓޭޖު ނިންމާލިއިރު، އެސްޓީއޯ އާއި ދިވެހި ސިފައިންގެ ކްލަބުން ދެ ވަނަ ބުރަށް ދަތުރުކޮށްފި އެވެ.
ކްލަބް މޯލްޑިވްސް ކަޕްގައި ރޭ ވަނީ ގްރޫޕް އޭ އާއި ގްރޫޕް ބީގެ ފަހު މެޗުތައް ކުޅެފަ އެވެ. އެ ގޮތުން، ގްރޫޕް އޭގައި އެމްއޭސީއެލް އިން 1-0 އިން ކްލަބް އިމިގްރޭޝަން ބަލިކުރިއިރު، ދިވެހި ސިފައިންގެ ކްލަބުން ވަނީ 9-1 އިން ބަރޮސްގެ މައްޗަށް ކުރިހޯދައިފަ އެވެ.
ގްރޫޕް ބީގައި، އެސްޓީއޯ އިން 2-1 އިން ކްލަބް ފެން ބަލިކުރިއިރު، އާރްއާރްސީން ވަނީ 4-1 އިން ކަސްޓަމްސް ރެކްރިއޭޝަން ކްލަބް ބަލިކޮށްފަ އެވެ.
އެމްއޭސީއެލްގެ އައްމަޑޭ (ވ) އިމިގްރޭޝަން ކުޅުންތެރިއަކު ކައިރިން ބޯޅަ ހިފައިގެންދަނީ.--- ފޮޓޯ: އިމޭޖަސް،އެމްވީ
އެމްއޭސީއެލް އިން އިިމިގްރޭޝަން ބަލިކުރީ މެޗުގެ ފަހު ވަގުތު ބިދޭސީ ކުޅުންތެރިޔާ އާމިރު ހުސެއިން ތަޔޭބީ ޖެހި ގޯލުންނެވެ. މި މޮޅާ އެކު، ތިން މެޗު ވެސް ކާމިޔާބުކޮށް، އެމްއޭސީއެލް ވަނީ ނުވަ ޕޮއިންޓް ހޯދައިފަ އެވެ.
ދެ ވަނައިގައި ނިންމި ސިފައިން، ހަ ޕޮއިންޓް ހޯދިއިރު، ބަރޮސް ކޮޅަށް ރޭގެ މެޗުގައި، ސިފައިންގެ އިރާން ކުޅުންތެރިޔާ، ސޮރޯޝް ވަނީ ހަ ގޯލު ޖަހައިފަ އެވެ. އަދި، އެ ޓީމުގެ އަލީ ސިސާން އާއި އަބްދުﷲ ސުޖާއު ވެސް ލަނޑު ޖެހިއިރު، ބަރޮސްގެ ގޯލު ޖެހީ، ހަސަން ސަލީމް އެވެ.
މި ގްރޫޕްގެ ތިން ވަނަ ދިޔަ އިމިގްރޭޝަނަށް ތިން ޕޮއިންޓް ލިބުނުއިރު، ފުލަށް ދިޔަ ބަރޮސް އަށް ޕޮއިންޓެއް ނުލިބެ އެވެ.
އެސްޓީއޯގެ ޗުމްޕު (ކ) ފެން ޓީމުގެ މަހުދީ ކައިރިން ބޯޅަ ފޮނުވާލަނީ.--- ފޮޓޯ: އިމޭޖަސް،އެމްވީ
ގްރޫޕް ބީގައި އާރްއާރްސީން ކަސްޓަމްސް ބަލިކުރިއިރު، ޝަނާން ރަޝާދު ދެ ގޯލު ޖެހި އެވެ. އަނެއް ލަނޑުތައް ޖެހީ އިބްރާހިމް ސިނާހު އާއި އިސްމާއިލް މުނީޒް އެވެ. އަދި، ކަސްޓަމްސްގެ ލަނޑު ޖެހީ ހަސަން ނޫރިޝް އެވެ.
ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މެޗުގައި، އެސްޓީއޯ އިން ރޭ ފެން ކޮޅަށް ގޯލު ޖެހީ އަލީ ހައިޝަމް (ޗުމްޕު) އާއި އަލީ އިފާޒް އެވެ. ފެން ޓީމުގެ ލަނޑު ޖެހީ، އަލީ ނިޝާން އެވެ.
އާރްއާރްސީން ނުވަ ޕޮއިންޓާ އެކު މި ގްރޫޕް ނިންމާލިއިރު، ދެ ވަަނަ އަށް ދިޔަ އެސްޓީއޯ އަށް ހަ ޕޮއިންޓް ވަނީ ލިބިފަ އެވެ. ކަސްޓަމްސް އާއި ފެން އަށް ޕޮއިންޓެއް ލިބުނުއިރު، ދެ ޓީމު ވެސް ވަނީ މުބާާރާތުން ކަޓައިފަ އެވެ.
Comment