އެމްޑީޕީން ހުކުރު ދުވަހުގެ ރޭ ބޭއްވި މުޒާހަރާއިން ހައްޔަރުކުރުމަށް ފަހު ބަންދުގެ މުއްދަތުގެ ޖަހާފައިވާ ހަ މީހުން ބަނޑުހައިހޫނުކަމުގެ ހަޅުތާލެއް ފަށައިފި ކަމަށް އިއްޔެ ރިޕޯޓުކުރި އެވެ.
މާލޭ ކަސްޓޯޑިއަލް ފުރިގެން ދޫނިދޫއަށް ބަދަލުކުރި ހަ މީހުން މިފަދަ ހަޅުތާލެއް ފެށީ ގާނޫނާ ހިލާފަށް ބަންދުކުރުމާއި ހަމަހަމަކަމާއެކު އަމަލު ކުރަމުން ނުދާތީ ކަމަށް އެމްޑީޕީގެ ލީގަލް ޑިރެކްޓަރު އަހްމަދު މައުރޫފް ވިދާޅުވި އެވެ.
ތަހުގީގު ލަސްކުރުމުގެ އިތުރުން ހައްޔަރުކުރި މީހުންނަށް ބޭސްފަރުވާ ދިނުމުގައި ފުލުހުން ލަސްކުރަމުންދާ ކަމަށް ވެސް މައުރޫފް ވިދާޅުވި އެވެ. މިއީ އެ މީހުން ބަންދުގައި ތިބޭތާ ހަތަރުވަނަ ދުވަހެވެ.
މުޒާހަރާގެ ތެރެއިން ބަންދުގެ މުއްދަތު އިތުރުނުކޮށް ދޫކޮށްލީ އައްޑޫ ސިޓީ ކައުންސިލްގެ މެންބަރު ހަސަން ޒަރީރު އާއި މުހައްމަދު ޚަލަފު އިބްރާހިމް އެވެ. ޚަލަފު ދޫކޮށްލީ ތަހުގީގަށް އެއްބާރުލުން ދޭން ޝަރުތުކޮށް، އަދި ހުއްދަ ހޯދައިގެން ނޫން ގޮތަކަށް މާލޭން ބޭރަށް ނުދެވޭ ގޮތަށެވެ.
މުޒާހަރާގައި އެތައް ހާސް ބަޔަކު ޖަމާވެ، މަޖީދީ މަގުން ހިނގާފައި ދާން ދިމާކުރުމުން، ރަޔަޓު ގިޔަރުގައި ފުލުހުން ނުކުމެ ބާރުގެ ބޭނުންކޮށް، ޕެޕަ ސްޕްރޭ ޖެހި އެވެ. އަދި ފުރަތަމަ ފަހަރަށް ސޮނިކް ވެޕަން ބޭނުންކުރި އެވެ.
އާޓިފިޝަލް ބީޗުގައި ތިބުމަށް ފަހު އެއްވުމުގެ ބައިވެރިން ހިނގަން ރާވާފައި އޮތީ މަޖީދީ މަގުން އިރަށެވެ. އެކަން އެގޮތަށް ކުރާކަން އަންގާފައި ވާނެ ކަމަށް އެމްޑީޕީން ބުނެފައިވެ އެވެ.
ނަމަވެސް އެކަމަށް ފުލުހުން ހުރަސް އެޅި އެވެ. އެއަށް ފަހުން، ފުލުހުންގެ ސަފުތައް ފޫއަޅުވައިލުމަށް މުޒާހަރާގެ ބައިވެރިން މަސައްކަތް ކުރި އެވެ. މުޒާހަރާ ރޫޅާލުމަށް ގާނޫނާއި ހިލާފަށް ބާރުގަދަ އަޑު އިއްވާ "ސޮނިކް ވެޕަން" އެއް ވަނީ ބޭނުންކޮށްފަ އެވެ.
Comment